ހިންދީ ފިލްމީ ދުނިޔޭގައި ވާހަކަލިއުމަށާއި ލަވަހެދުމަށް މަޝްހޫރު ޖާވީދު އަޚުތަރުގެ އަބުރާ ބެހުގެ މައްސަލައިގައި ކޯޓަށް ހާޒިރުވާން އެންގުމުން ފިލްމް ސްޓާރ ކަންގަނާ އެތައް ފަހަރަކު ވަނީ ކޯޓަށް ހާޒިރުނުވެފައެވެ. އެހެންވެ ކޯޓުން މިހާރު ބުނެފައި ވަނީ ދެން އޮންނަ އަޑު އެހުމަކަށް ކަންގަނާ ހާޒިރުނުވެއްޖެނަމަ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރޭނޭކަމަށެވެ.
އިންޑިއާގެ މީޑިއާތަކުން ޚަބަރުދޭ ގޮތުގައި ބޮމްބޭގެ އަނދޭރީގެ މެޓްރޯ ޕޮލިޓަން މެޖިސްޓްރޭޓުން މިހާރު ވަނީ ކަންގަނާ ރަނާވަޓް ކޯޓަށް ހާޒިރުވުމުގެ ފަހު ފުރުސަތު ދީފައެވެ.
އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ކަންގަނާގެ ވަކީލުން ބުނީ ކަންގަނާއަށް ކޯޓަށް ހާޒިރު ނުވެވުނީ އޭނާ ރަށުން ބޭރުގައި އުޅޭތީކަމަށެވެ. އެހެންވެ އެހެން ތާރީޚެއްގައި އަޑުއެހުން ބޭއްވުމަށް ވަކީލުން ވަނީ އެދިފައެވެ.
ޖާވީދު އަޚުތަރުގެ ވަކީލުން ބުނީ ކޯޓަށް ހާޒިރުވާން އެންގި ދުވަސްތަކުގެ ތެރޭން އެންމެ ދުވަހަކުވެސް ކަންގަނާ ކޯޓަށް ނާންނަކަމަށާއި ކަނޑައެޅިގެން އޭނާ ކޯޓުގެ އަމުރާ ދެކޮޅުހަދަމުންދާކަމަށެވެ. އެހެންވެ އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ޖާވީދުގެ ވަކީލުން އެދުނެވެ.
ދެފަރާތުގެ ވާހަކަ އަޑުއެހުމަށް ފަހު ފަނޑިޔާރު އާރު އާރު ޚާން ނިންމެވީ ދެން އޮންނަ އަޑުއެހުމަކަށް ކަންގަނާ ހާޒިރުނުވެއްޖެނަމަ އޭނާ ބަންދުކޮށް ބަންދުގައި ބަހައްޓައިގެން ކޯޓަށް ގެންދިއުމަށެވެ.
ޖާވީދު އަޚުތަރު ކަންގަނާއާ ދެކޮޅަށް މިދިޔަ އަހަރު ހުށަހަޅާފައި ވަނީ ފިލްމީ ތަރި ސްޝާންތު ސިންގްގެ މަރާގުޅިގެން ކަންގަނާ ދެއްކި ވާހަކަތަކުގެ ސަބަބުން އޭގެ އަގުވެއްޓި އޭނާގެ އަބުރަށް ހުތުރު އެރި މައްސަލައެކެވެ.
ކަންގަނާއަކީ ފިލްމު ސްޓާރުންގެ އިތުރަށް އެހެނިހެން މީސްމީހުންނާ ބެހޭ ގޮތުން ވެސް އެކިކަންތައްތަކުގައި ސާބިތު ނުހިފޭ ވާހަކަތައް ދެއްކުމުގެ ސަބަބުން ވަރަށް ބޮޑަށް ބަދުނާމު ވެފައިވާ ފިލްމީ ތަރިއެކެވެ.