މާލެ ސަރަހައްދުގެ ކަރަންޓް އެއް ވިއުގައަކުން ގުޅުވާލުމަށް ކުރިއަށްގެންދިޔަ ގްރިޑް ޕްރޮޖެކްޓުގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ގްރޭޓާ މާލޭ ގްރިޑް ކަނެކްޝަން ޕްރޮޖެކްޓްގެ ދަށުން މިހާރުވަނީ މާލެއާއި ހުޅުލޭ އަދި ހުޅުމާލެ ކަރަންޓު އެއްވިއުގައަކުން ގުޅާލާފައެވެ.
ގްމި ޕްރޮޖެކްޓްގެ ދަށުން މާލެ އާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު ވިއުގަ 132 ކޭވީގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލާފައިވެއެވެ. މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 މެގަވޮޓްގެ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި އަށް މެގަވޮޓްގެ ދެ ޓްރާންސްފޯމަރު ބަހައްޓާފައި ވެއެވެ. މި ކަރަންޓުވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބެ އެވެ.
މިމަޝްރޫއުގެ ކަނެކްޝަން ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖް ދަށުންނެވެ. 3 ސަރަހައްދުގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ޖުމްލަ 6 ކޭބަލް އަޅާފައިވެއެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ފަހުގެ ޓެސްޓުތައް ހޮނިހިރު ދުވަހު ކުރިއަށްގެންގޮސްފައިވާއިރު ކުރިއަށް އޮތް މަސްތެރޭގައި މިކަނެކްޝަންއިން ހަކަތަ ފޯރުކޮށްދޭ މިންވަރު ބަލާ ވަޒަންކުރަމުންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ މި މަޝްރޫއުން ގުޅުވައިލި ސަރަހައްދުތަކުގެ އެއްވެސް ސަރަހއްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ، ކަރަންޓު ކެނޑޭ ހާލަތެއް މެދުވެއްޖެނަމަ އަނެއް ސަރަހައްދުގައި ބެހެއްޓިފައިވާ ގްރިޑުން ކަރަންޓު ވަގުތު ފޯރުކޮށްދޭނެކަމަށެވެ. އެހެންކަމުން މި އިންޓަރ ކަނެކްޝަންގެ މަޝްރޫއުގެ ސަބަބުން މާލެއާއި ހުޅުމާލެއާއި ހުޅުލޭގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ހައްލުވާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެބޮޑުކުންފުނި ސްޓެލްކޯއިން ބުނީ މިމަޝްރޫއުގެ މަސައްކަތް ނިމުމާއެކު މިހާރު މާލޭގައި ހުރި ކުދި އިންޖީނުތައް ނިވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ސްޓެލްކޯގެ ގާކޮށީގައި ހިމެނޭ އިންޖީނުތައް ނިއްވާލުމަށްޓަކާ ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށެވެ.