ލަކްޝަދީޕްގެ މުސްލިމް މުޖުތަމިއު ފުންޑާލުން: ގެރިމަސް ކެއުން މަނާކުރަން ސްކޫލްތަކުގައި މަސް ކެއުން މަނާ

Loading

Facebook
Twitter
WhatsApp

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ލަކްޝަދީޕްގެ ސްކޫލްތަކުގެ މެންދުރު ކެއުމުގައި ގެރިމަހާއި އެހެން ބާވަތްތަކުގެ މަސް ހިމެނުން މައި ސަރުކާރު، ޕީޖޭޕީގެ އަމުރަށް މަނާ ކުރުމުން އެކަމާ ގުޅިގެން ލަކްޝަދީޕްގައި މުޒާހަރާކޮށްފިއެވެ.

ލަކްޝަދީޕްގެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސްކޫލް ކުދީންގެ މެންދުރު ކެއުމުގައި މަސް ހިމެނުން މައިސަރުކާރުގެ އަމުރަށް މަނާކުރީ ސްކޫލް ކުދީންގެ ކެއުމުގައި ގެރިމަސް ހިމެނޭތީއެވެ. މެންދުރުގެ ކެއުމުގައި މަސް ހިމެނުން މަނާ ކުރުމުން ސްކޫލް ކުދީންނަށް ދެން ގެރިމަހެއް ވެސް ނުކެވޭނެއެވެ.

ގެރިއަކީ އިންޑިއާގެ ހައްދުފަހަނަޅާފައިވާ ބައެއް ހިންދޫން އަޅުކަންކޮށް ވަރަށް ބޮޑަށް އިހުތިރާމު ކުރާ ޖަނަވާރެކެވެ. އަދި ގެރިމަސް އިންޑިއާގެ ބައެއް ސަރަހައްދުތަކުގެ ހޮޓެލް ރެސްޓޯރެންޓުތަކުގައި ނުވިއްކައެވެ. ކެއުމުގެ ހުއްދައެއް ނޯވެއެވެ. ނަމަވެސް ކެރެލާ ސްޓޭޓުގައި ގެރިމަސް ކެއުން މަނާކޮށްފައެއް ނުވެއެވެ.

އިސްލާހީ ފިޔަވަޅެކޭ ބުނެ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅާ ދެކޮޅަށް މުޒާހަރާ ކުރި މީހުން ބުނިގޮތުގައި މަސް ކެއުމަކީ އެމީހުންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ސަގާފަތެއް ކަމަށާއި ސަރުކާރުން އެޅި ފިޔަވަޅަކީ އެސަގާފަތް ނައްތާލުމަށް ކުރިކަމެއް ކަމަށެވެ.

ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމާއި ހަމަމަހިމޭންކަމަށް މަޝްހޫރު ލަކްޝަދީޕްގެ އެޑްމިނިސްޓްރޭޓަރަކަށް ޕްރަފުލް ކޮއްޑާ ޕަޓޭލް ސަރުކާރުން ހަމަޖެއްސިފަހުން އޭނާ ގެންދަވަނީ މުސްލުމުންގެ އަޣުލަބިއްޔަތު އޮންނަ ލަކްޝަދީޕުގައި ފިތުނައާއި ނަފުރަތު އުފެދޭ ފަދަ ގަވައިދުތައް ހަދައި ހިންގަމުންނެވެ. އެކަމާ ގުޅިގެން ކެރެލާގެ ހައިކޯޓަށް ދެ މައްސލައެއް ހުށަހެޅުމުން ކޯޓުން ވަނީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްފައެވެ.

ބޮޑުވަޒީރު މޯދީގެ އަރިސް ބޭފުޅެއްކަމުގައިވާ ޕަޓޭލް: މުސްލިމުންނާ ދެކޮޅު ބޭފުޅެއް

ލަކްޝަދީޕުގެ އާންމުން ގަބޫލުކުރާ ގޮތުގައި ޕަޓޭލްގެ ސިޔާސަތު ބިނާވެފައިވަނީ މަލިކާއި އެހެނިހެން ރަށްރަށުގައި ދިރިއުޅެމުންދާ މުސްލިމުންނާ ދެކޮޅަށެވެ. އަދި އެކަމުގެ ސަބަބުން ޖަޒީރާ ރަށްރަށުގެ ސަގާފަތަށާއި އަމުނުއަމާންކަމަށް ނުރައްކާ ވަމުންދާކަމަށް އެމީހުން ގަބޫލުކުރެއެވެ. އަދި މުސްލިމުންނާ ދެކޮޅަށް ބީޖޭޕީ ސަރުކާރާ ގުޅިގެން ޕަޓޭލް ލަކްޝަދީޕުގައި ސިޔާސީ ކުޅިވަރެއް ކުޅުއްވަމުން ގެންދަވާކަމަށް ބުނެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ސަރުކާރުން ލަކްޝަދީޕްގައި އަލަށް ހިންގަންފެށި ގާނޫނާއި ގަވައިދުތަކާ ދެކޮޅަށް ރައްޔިތުން ފަށާފައިވާ ”ސޭވް ލަކްޝަދީޕް“ ހަރަކާތުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ޑޮކްޓަރ ޕީ ކޯޔާ ”އަރަބް ނިއުސް“އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސްކޫލް ކުދީންގެ ހަށިގަނޑުގެ ދުޅަހެއު ކަމަށްޓަކައި ދަރިވަރުންނަށް މަހުގެ ބާވަތްތައް ކާން ދިނުމަށް ބަޖެޓުގައި ހިމަނައިގެން ޒަމާނުއްސުރެ ހިންގަމުން އައި މަޝްރޫޢަށް ހުރަސް އެޅުމަކީ ވަރަށް ބޮޑު ގޯހެއްކަމަށެވެ.

ޑރ. ކޯޔާ ވިދާޅުވި ގޮތުގައި ސަރުކާރުން ސައިންސްގެ ހޯދުންތަކާ ދެކޮޅަށް އިސްކަން ދިނީ ހިންދޫންގެ މަޒުހަބީ ސިޔާސަތު ކުރިއަށް ނެރުންކަމަށެވެ.

”މިކަމުގެ ފަހަތުގައި ވަނީ އެހެން ރޭވުމެއް. އެހެން މަގުސަދެއް.“ ޑރ. ކޯޔާ ވިދާޅުވިއެވެ. ”ރައްޔިތުންގެ ޚިޔާލު ހޯދުމެއް ނެތް. މިއީ ޖުމްހޫރިއްޔަތު ނިކަމެތި ކުރުމަށް ކުރާމަކެއް.“

އަނެއްކޮޅުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މަހުގެ ބާވަތްތައް ކެއުމުގެ ބަދަލުގައި ތަރުކާރީއާއި މޭވާގެ ބާވަތްތައް ކާންފެށުމުން ރައްޔިތުންގެ ސިއްހީ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ރަނގަޅު ވެގެންދާނެއެވެ.

ލަކްޝަދީޕްގެ 36 ރަށުގެ ތެރެއިން މީހުން ދިރިއުޅެނީ 10 ރަށުގައި

ޑރ. ކޯޔާ ވިދާޅުވި ގޮތުގައި މަހުގެ ބާވަތްތަކުން ހަށިގަނޑު ބޮޑުކޮށް ވަރުގަދަ ކުރުމަށް ލިބޭ ޕްރޮޓިން ތަރުކާރިއަކުން ނުލިބޭނެއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ގެރިމަސް ނުކެވޭނެގޮތް ހަދައި ހިންދޫން މަހުގެ ބާވަތްތައް ނުކައި ތިބޭ ގޮތަށް ތަރުކާރީއަށް މުސްލިމުން ވެސް އަޅުވެތި ކުރުވުމެވެ.

ލަކްޝަދީޕްގެ ޖަޒީރާ ރަށްތައް ވެރިކަން ކުރަނީ މައި ސަރުކާރުންނެވެ.

ލަކްޝަދީޕުގައި ހިމެނޭ 36 ރަށުގެތެރެއިން މީހުން ދިރިއުޅެނީ 10 ރަށުގައެވެ. އެ 10 ރަށުގައި އުޅޭ މީހުންގެ މުޅި އާބާދީގެ 95 ޕަސެންޓު މީހުންނަކީ މުސްލިމުންނެވެ. ކެރެލާ ސްޓޭޓާ 240 ކިލޯމީޓަރ ދުރުގައި ފެތުރިފައިވާ ރަށްރަށުގައި 70 ހާހަށްވުރެ ގިނަ މުސްލިމުން ދިރިއުޅެމުން ދެއެވެ.

ބޮޑުވަޒީރު މޯދީގެ ވަރަށް އަރިސް ބޭފުޅެއްކަމުގައިވާ ޕަޓޭލް ލަކްޝަދީޕްގެ ވެރިއަކަށް އައްޔަން ކުރެވުނު ފަހުން ލަކްޝަދީޕްގައި ބަނގުރާ ވިއްކުން ވަނީ ހުއްދަކޮށްފައެވެ. މުސްލިމުންނަށް ހަރާމް އެއްޗެއްކަމުގައިވާ ރާވިއްކުން ހުއްދަކުރުމަށްފަހު، މަނާ ކުރީ މުސްލިމުންނަށް ހަލާލު އެއްޗެއްކަމުގައިވާ ގެރިމަސް ކެއުމެވެ.

ލަކްޝަދީޕްގެ މުސްލިމުން ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ ސިޔާސަތު ބިނާ ވެފައިވަނީ މުސްލިމް މުޖުތަމިއު ފުނޑާލުމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް