ޔޫކްރެއިންގެ ޓެނިސް ކުޅުންތެރިއެއްކަމުގައިވާ އުމުރުން 97 އަހަރުވީ ލެއޮނިޑް ސްޓަނިސްލާވްސްކީ ވެފައި ވަނީ މިހާރު ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ ޓެނިސް ކުޅުންތެރިޔާއަށެވެ. އެހެންވެ އޭނާގެ ނަން ވަނީ އެންމެ މުސްކުޅި ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުގައި ވެސް ހިމަނާފައެވެ.
މީޑިއާ ރިޕޯޓުތަކުން އެނގޭ ގޮތުގައި އޭނާ ޓެނިސް ކުޅެން ފެށީ އުމުރުން 30 އަހަރުގައެވެ. މެދުކެނޑުމެއްނެތި އޭނާ ޓެނިސް ކުޅެމުންދާތާ 60 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.
ސްޓަނިސްލާވްސްކީ ބުނި ގޮތުގައި އޭނާ ހަފުތާއަކު ތިން ދުވަހު ޓެނިސް ކުޅެން ތަމްރީނުތައް ހަދައެވެ. އަދި އެހެން ދުވަސްތަކުގައި ވެސް ޓެނިސް ކުޅެމެން ގެންދެއެވެ. އޭނާ ދެކޭ ގޮތުގައި އޭނާއަށް މިހާ ގިނަ ދުވަސްވާނދެން ޓެނިސްކުޅުމުގައި ދެމި ހުރެވުނީ ގަވައިދުން ކުޅެ ތަމްރީނު ހަދަމުންދާތީއެވެ.
ޓެނިސް ކުޅެގެން ބޮޑެތި ކާމިޔާބީތަކެއް ލިބިފައި ނެތަސް އޭނާ ދަނީ ގަވައިދުން މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ޒުވާން ކުޅުންތެރީންނާ ވާދަކޮށް ހަރަކާތްތެރި މޮޅު ކުޅުމެއް ނުދެއްކުނަސް އޭނާ ދަނީ މުބާރާތްތަކުގައި ބައިވެރިވަމުންނެވެ. މިހާރު އޭނާ ތައްޔާރުވަމުން ދަނީ މިއަހަރުގެ އޮކްޓޯބަރު މަހު ސްޕޭނުގައި ބާއްވާ ސްޕަރ ސީނިއަރ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށެވެ.
ސްޓަނިސްލާވްސްކީގެ އެދުމަކީ އުމުރުން 90 އަހަރުން މަތީގެ މީހުންނަށް ޚާއްޞަ ޓެނިސް މުބާރާތެއް ބޭއްވުމަށެވެ. އޭރުން އެ މުބާރާތުގެ ޗެމްޕިއަން އޭނާއަށް ލިބުމަކީ އޭނާގެ ވަރަށް ބޮޑު އުއްމީދެކެވެ.
އުމުރުން 97 އަހަރުގައި ހިނގައިބިނގައިވެ އުޅެވެނީ ވަރަށް މަދު މީހަކަށެވެ. ނަމަވެސް ސްޓަނިސްލާވްސްކީގެ އުމުރުން 97 އަހަރުގައި ޓެނިސް ރެކެޓް ހިފައިގެން ޓެނިސް ކޯޓުތަކުގައި ދުނިޔެއަށް އޭނާ ދައްކަމުން ދަނީ ތާރީޚީ ގޮތުން ފާހަގަ ކުރެވޭ އާދަޔާ ޚިލާފު ނަމޫނާއެކެވެ.