އަޟްހާ އީދާ ގުޅިގެން މިއަދު ހަވީރު 4 އިން ރޭގަނޑު 8 އަށް މާލެ ސިޓީގައި މަގުތަކުގައި ވެހިކަލް ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިއީ މިއަހަރުގެ ބޮޑުއީދުގައި މާލެ ސިޓީގެ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ހޯދާދިނުމުގެ މަގްސަދުގައި މާލެ ސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައި ދިނުމަށްޓަކައި ނިންމި ނިންމުމެއްކަމަށެވެ.
އެގޮތުން މިއަދު ހަވީރު 4:00 ން 8:00 މާލެ ސިޓީގެ މާލެ، ހުޅުމާލޭގެ މަގުތަކުގައި ފައިމަގުގައި ހިނގާއުޅޭ ގޮތައް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ބުނީ މިވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވީ ނަމަވެސް ވަކި ހާއްސަ ހުއްދައެއް ބައެއް އުޅަނދުތަކަށް އެގަޑީގައި އޮންނާނެކަމަށެވެ. އެ އުޅަނދު ތަކަކީ:
- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
- އެމްބިޔުލެންސް
- ޙާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޙާއްސަ ކުރެވިފައިވާ ސައިކަލް
- ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންދާ ބަހުގެ ޚިދުމަތް
- އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު
އަދި މިކަން މިގޮތަށް ނިންމާފައިވަނީ ފުލުހުންނާއި ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ކަމަށް ކައުންސިލުން ބުނެއެވެ.