ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭ ހުޅުމާލޭ ދެވެނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްކާ އެކު އެގްރިމެންޓުގައި ސޮއި ކުރަން ފަށައިފި އެވެ.
ހިޔާ ފްލެޓްގެ އެއްބަސްވުމުގައި މިއަދު ހެނދުނު ސޮއިކުރަން ފަށާފައިވާއިރު 118 ފަރާތަކަށް މިއަދު ހިޔާ ފްލެޓްތައް ހަވާލުކުރެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.
މިއަދު ސޮއި ކުރަނީ ހިޔާ ޓަވަރު H9 އިން ފްލެޓް ލިބިފައިވާ 118 ފަރާތަކުންނެވެ.
ސޮއި ކުރަން މިއަދަށް ތާވަލު ކޮށްފައި ވަނީ އެއްބަސްވުން ތައްޔާރު ކުރަން މައުލޫމާތު ފޯމާއި އަދި ފްލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާ ކުރާނެ ފަރާތް ހަމަޖައްސާ، ފޯމްތައް ފުރިހަމަކޮށް ހުށަހަޅާފައިވާ ފަރާތްތަކަށެވެ.
އެއްބަސްވުމުގައި ސޮއި ކުރަން ހާޒިރުވާ ފަރާތްތަކުން ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަން ޖެހޭނެ އެވެ. ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީ ވެސް ގެންދަން ޖެހެ އެވެ.
ވެރިފަރާތުގެ ބަދަލުގައި ސޮއި ކުރަން އެހެން ފަރާތަކަށް ޕަވާ އޮފް އެޓާނީ ދީފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއެކު ހާޒިރުވާން ޖެހެ އެވެ.
އަދި ސޮއި ކުރަން ދާ ފަރާތްތަކުން ހާޒިރުވާއިރު، ކޮވިޑްގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސޮއިކުރަން ބޭނުންކުރާ ގަލަމާއި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ އިންކް ޕެޑް އަމިއްލައަށް ގެންދަން ވެސް އެޗްޑީސީން ވަނީ އަންގާފައެވެ.
އެޗްޑީސީން ބުނެފައި ވަނީ ފްލެޓު އެއްބަސްވުމުގައި ސޮއި ކުރަން ގިނަ ފަރާތްތަކަކަށް ތާވަލު ކޮށްފައިވާތީ، ސޮއިކުރާ ހޯލަށް ވަނުމަށާއި ފްލެޓާއި ހަވާލުވާން ފުރުސަތު ދެވޭނީ ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިޔާގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަންޏެވެ.
ހިޔާ މަޝްރޫގެ އެގްރިމެޓްތަކުގައި ސޮއި ކުރުމުގެ މަސައްކަތް އޯގަސްޓު މަހުގެ ނިޔަލަށް ކުރިއަށް ދިއުމަށް ވަނީ ހަމަޖައްސާފައެވެ.
ސޮއިކުރުމުގެ މަސައްކަތް ވީހާވެސް ފަސޭހައި ކުރިއަށް ގެންދަން ގޑިއަށް ފަރުވާތެރިވުމަށް އެޗްޑީސީން އެދެއެވެ.