ދުނިޔޭގައި ކުޅޭ ދެވަނައަށް އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ، ޔޫރަޕިއަން ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލް މެޗު މިރޭ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި މެންދަމު 12.00ގައި ފަށާނެއެވެ. ބައްދަލު ކުރާނީ އިނގިރޭސި ވިލާތާއި އިޓަލީއެވެ.
ޔޫރަޕްގެ ގައުމުތަކުގެ މެދުގައި 1960 ވަނަ އަހަރު ބާއްވަންފެށި ޔުއެފާ، ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ދެ ގައުމަކީ ޖަރުމަނީއާއި ސްޕޭނެވެ. އެ ދެގައުމުން ވެސް ވަނީ ތިން ފަހަރު މުބާރާތުގެ ތަށި ހޯދާފައެވެ.
ފްރާންސް ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާއިރު އިޓަލީއަށް ޗެމްޕިއަންކަން ލިބިފައިވަނީ އެއްފަހަރަކުއެވެ. އެއީ 1968 ގައެވެ. އޭގެފަހުން އިޓަލީ ވަނީ 2000 ވަނަ އަހަރާއި 2012ގައި ފައިނަލްގައި ބަލިވެފައެވެ. އިނގިރޭސީން މުބަރާތުގެ ފައިނަލަށް ދަތުރުކުރީ އަލަށެވެ. އެހެންވެ މިރޭގެ މެޗަކީ އިނގިރޭސީންނަށް ތާރީޚީ މެޗެކެވެ. ތާރީޚު ބަދަލުކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެކެވެ.
އިނގިރޭސީންނަކީ ވޯލްޑް ކަޕް އެއްފަހަރު ލިބުނު ކަމަށްވިޔަސް ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ބާއްވާ މުބާރާތުގެ ތަށީގައި އަތް ލެވުނު ބައެއްވެސް ނޫނެވެ. ނަމަވެސް މިރޭގެ މެޗަކީ ރަށުގައި ކުޅެ ރަށުމީދާ ރަށަށް ގަދަވާނެއޭ ބުނާ އުސޫލުން މުބާރާތް ކާމިޔަބު ކުރުމަށް އިނގިރޭސީންނަށް ލިބިފައިވާ ވަރަށް މަތިވެރި ފުރުސަތެކެވެ.
މިރޭގެ މެޗުން މޮޅުވުމަށް އިނގިރޭސި ޓީމަށް ލިބިފައިވާ ހަތިޔާރަކީ ރަހިމް ސްޓާލިންއާއި ހެރީ ކޭންއެވެ.
މެންޗެސްޓަރ ސިޓީއަށް ކުޅޭ ހަލުއި ފޯވާޑު ރަހިމް ސްޓާލިން އިނގިރޭސި ޓީމުގައި ދައްކަމުން ދަނީ އާދަޔާ ޚިލާފު މޮޅުކުޅުމެކެވެ. ލަނޑު ޖެހުމުގެ އިތުރަށް ލަނޑު ޖެހުމަށް އޭނާ ދަނީ އެހީތެރިވަމުންނެވެ. މިރޭގެ މެޗުގައި ވެސް އިޓަލީގެ ތަޖުބާރުކާރު ދެ ދިފާއީ ކުޅުންތެރިންކަމަށްވާ ޖިއޯޖިއޯ ޗިއެލިނީ އާއި ލިއޮނާޑޯ ބޮނޫޗީއަށް ސްޓާލިން ރަނގަޅަށް ބަނދެ ނުލެވިއްޖެނަމަ އިޓަލީއަށް އެންމެ ބޮޑު ނުރައްކަލަކަށް ވާނީ ސްޓާލިންއެވެ. މިހާތަނަށް ސްޓާލިން ތަމްސީލުކޮށްފައިވާ މޮޅު ކުޅުމުގެ ސަބަބުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އޭނާ ހޮވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ހަމައެއާއެކު ނިމިގެންދިޔަ އިނގްލިޝް ޕްރެމިއަރ ލީގުގައި މޮޅު ކުޅުމެއް ދެއްކެ ހެރީ ކޭން ވެސް ދަނީ އިދިކޮޅު ގޯލުތައް ފޫއަޅުވަމުންނެވެ. ދުނިޔޭގެ އެންމެ މޮޅު ދެ ދިފާއީ ކުޅުންތެރިންގެ ގޮތުގައި ފާހަގަވެފައިވާ ޗިއެލިނީ އާއި ބޮނޫޗީއަށް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކޭ ގޮތް ނުވެއްޖެނަމަ ވަރަށް ލުއިލުއިކޮށް އެކަމަކު ވަރަށް ބޮޑަށް ގުޅިގެން ކުޅޭ އިނގިރޭސި ފޯވާޑު ލައިނުން އިޓަލީގެ ގޯލް ފޫދުއްވާލާނެއެވެ. އެކަން ކުރަން ބާރަށް ދުވާ ސަންޗޯއާއި ކޮއްޓަން މޮޅު ގްރެލިޝްގެ ބޭނުން ކޯޗު ސައުތުގޭޓު ހިފާނެއެވެ.
މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި އިނގިރޭސި ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނި ގޮތުގައި އެޓޭކިން މިޑްފީލްޑަރަކަށް ކުޅޭ ފިލް ފޯޑެންއަށް މިރޭގެ މެޗުގައި ކުޅެވޭނެ ކަމާމެދު ޝައްކެވެ. ފޯޑެންއަކީ އާންމުކޮށް ގަދަ 11 ގައިގައި ހިމެނިގެން ކުޅޭ ކުޅުންތެރިއަކަށް ނުވުމުން އޭނާ ނެތުމުގެ އުނިކަން ޓީމަކުން ނުފެންނާނެއެވެ.
ވެމްބްލީގައި މެޗުކުޅެން ލިބުމަކީ އިނގިރޭސި ކުޅުންތެރީންނަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ. އެއީ ވެމްބްލީ ދަނޑު އިނގިރޭސި ކުޅުންތެރިންނަށް ވަރަށް ފަރިތަ ދަނޑަކަށް ވާނެތީއެވެ. އެކަމަކު އިޓަލީ ކުޅުން ތެރީންނަށް އެ ދަނޑު ފަރިތައެއް ނުވާނެއެވެ. އަދި އަނެއްކޮޅުން ކުޅިބަލަން ދަނޑަށް ވަންނަ ގިނަ މީހުންގެ ތަރުހީބު ލިބޭނީ ރަށު ޓީމަށެވެ. އިނގިރޭސި ޓީމަށެވެ.
މިރެއަކީ ވެމްބްލީ ސްޓޭޑިއަމްގައި މި މުބާރާތުގެ ފައިނަލް ކުޅެވޭ ދެވަނަ ފަހަރެވެ. ވެމްބްލީ ސްޓޭޑިއަމްގައި 1996ގައި ކުޅުނު ޔޫރޯ ފައިނަލްގައި ޖަރުމަނީއާއި ޗެކް ރިޕަބްލިކު ބައްދަލު ކުރި މެޗު 2-1 ލަނޑުން ކާމިޔަބު ކުރީ ޖަރުމަންވިލާތެވެ. ކުލިބަލަން 73611 މީހުން ދަނޑަށް ދިޔައިރު އިންތިހާއަށް ފުޓުބޯޅައަށް ތަރުހީބުދޭ އިނގިރޭސި ކުޅުން ތެރިން ވެސް ތިބީ ދަނޑު ބޭރުގައި ކުޅިބަލާށެވެ.
އިޓަލީގެ ދިފާއަކީ އަބަދުވެސް ވަރުގަދަ ބޯ ފާރެއް ފަދަ އެއްޗެކެވެ. އިނގިރޭސީންނަށް އިޓަލީގެ ތަޖުރިބާ ކާރުންގެ ދިފާއީ ފާރު ފޫއަޅުވާލެވޭނީ ދެ އަރިމަތިން ބުކަޔޯ ސަކާއާއި ރަހިމް ސްޓާލިންއަށް އަވަސް އަދި ހަލުއި ކުޅުމެއް ކުޅެ ކުރާ ހުރަސްތަކުންނެވެ. އެކަން މޮޅަށް ނުކުރެވިއްޖެނަމަ އިޓަލީގެ ތަޖުރިބާކާރު މެދުތެރެއިން ހޯދާ އެހީގައި ފޯވާޑުންނަށް އިނގިރޭސި ދިފާއީ ކުޅުންތެރީން މުބާރާތުގައި ދެއްކި މޮޅު ކުޅުން ފޫދުއްވާލާނެ ޖާގަ ލިބޭނެއެވެ.
ތާރީޚީ ގޮތުން އިޓަލީއާއި އިނގިރޭސި ޓީމުގެ ޔޫރޯ ތަޖުރިބާއަށް ބަލާއިރު އިޓަލީ އުޅެނީ މާބޮޑަށް ވެސް ކުރީގައެވެ. ނަމަވެސް މިރޭ ނަތީޖާ ބަދަލު ކުރުމުގެ ފުރުސަތު އިނގިރޭސީންނަށް ވަރަށް ރަނގަޅަށް އަމިއްލަ ދަނޑުގައި ލިބިފައިވެއެވެ.
ސައުތުގޭޓު ވެފައި ވަނީ އިނގިރޭސި ފުޓުބޯޅައިގެ ތާރީޚުގައި ގައުމީ ޓީމު ފައިނަލަށް ގެންދިޔަ ދެވަނަ ކޯޗަށެވެ. މިރޭގެ މެޗުން މޮޅުވެއްޖެނަމަ އޭނާއަށް ޝަރަފުވެރިކަމުގެ މަތިވެރި ގައުމީ ދަރަޖައެއް އިނގިރޭސި ސަރުކާރުން އޭނާއަށް ދޭނެއެވެ.
އިނގިރޭސި ރާނީއާއި ބޮޑު ވަޒީރު ބޮރިން ޖޯންސަން ވަނީ އިނގިރޭސި ޓީމަށް ހެއުއެދުން ފާޅުކޮށް މެސެޖު ފޮނުވާފައެވެ.