ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގި ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިހުރި މައްސަލަތައް ވީއެންމެ އަވަހަކަށް ހައްލުކުރައްވާނެ ކަމުގެ ޔަގީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ ރިޕޯޓްގައި ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ މިރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމަށާ އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ގައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމަށެވެ.
މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ފާހަގަ ކުރައްވައި ރައީސް ސާލިހު ވަނީ އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދު ބޭއްވެވި މި ހާއްސަ ރަސްމިއްޔާތުގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ ރިޕޯޓްގައި ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާފައިވަނީ އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.
މި ރަސްމިއްޔާތުގައި އަސްލަމް ވަނީ މި ރިޕޯޓު އެކުލަވާލުމުގައި ސަރުކާރުގެ ފަރާތުން ލިބިލެއްވި އެއްބާރުލުމަށްޓަކައި ޝުކުރުދަންނަވާފައެވެ. އަދި މި ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި ބޭނުންވި ކަންކަން ފަހިކޮށްދިނުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކުންވެސް ދެއްވި އެއްބާރުލުން ވެސް އެކޮމިޓީން ވަނީ ފާހަގަކޮށްފައިވެއެވެ.
އަދި މީގެ އިތުރުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމުގައި ވެސް އަސްލަމް ވަނީ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތުގަ އެވެ.
އެ ރިޕޯޓްގައި ހަމަލާ ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ހިމަނާފައިވެ އެވެ.
ގާތްގަނޑަކަށް 270 ސަފުހާގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތުތައް ވެސް ހިމަނައިފައިވެ އެވެ.
ރިޕޯޓްގައި ސަރުކާރުގެ މުއައްސަސާތަކުގައި ހުރި ދޯދިޔާ ގިނަ ކަންކަން ފާހަގަކޮށްފައިވާއިރު، އިންޓެލިޖެންސްއާ ގުޅޭ ގޮތުން އޮތް ނިޒާމީ ބާގަނޑާއި އެމްއެމްޑީއެފްގެ އެތެރޭގައި ހުރި ފުށުއެރުންތަކާއި ސަލާމަތީ ކަންކަން ފުރިހަމަނުވެ ހުރިކަން ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް ލަފާތައް ދީފައި ވެއެވެ.