މީހުން މެރުމާއި ލޭހުއްދަ ކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުން ރާއްޖޭގައި އާންމު ވެއްޖެ އެވެ. މީގެ އިތުރުން ރަހީނު ކުރުމާއި ރޭޕް ކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުމުގެ ޢަމަލުތަކާއި ރާ ބުއިމާއި، ފޭރުމާއި އޮޅުވާލުމާއި މަކަރު ހެދުން ފަދަ ބޮޑެތި ފާފަ ކުރުން ވެސް ރާއްޖޭގައި އާންމު ވެއްޖެއެވެ. މިފަދަ ނުރައްކާތެރި ބިރުވެރި އަމަލުތައް އާންމު ވަމުން މިދަނީ ދީނީ އެއްބަވަންތަކަމާއި ސުލްހަވެރި އަމާން ޖީލެއް ބިނާ ކުރުމަށް ސަރުކާރު ނުކުޅެދިފައި ވާތީ ކަމަށް ދެކެމެވެ. ކުށްކުރުން އާންމުވެ މި ދަނީ ގާނޫނު ނެތިގެންތޯ އެވެ؟ ނޫން ނަމަ ގާނޫނުތައް ތަންފީޒު ނުކުރެވޭތީ ހެއްޔެވެ؟ ނޫންނަމަ ޖުޑިޝަރީގެ މައްސަލަ އަކުން ތޯއެވެ؟ ކުށްކުރާ މީހުން ހޯދައި އެފަރާތްތަކަށް ހައްގު އަދަބު ދޭން ކަމާ ބެހޭ ފަރާތް ތަކުން ޖެހިލުން ވާތީ ހެއްޔެވެ؟ ބޮޑެތި އަދަދުން ފައިސާ ޚަރަދު ކޮށްގެން އެތައް ބަޔަކު މަރާލާފައި ވާއިރު ފައިސާ ޚަރަދު ކުރި ފަރާތްތައް ހޯދުމުގައި ސަރުކާގެރުގެ ތަހުގީގީ އިދާރާތަކާއި ފޮރެންސިކް އިލްމު ހޯދާފައިވާ ފަރާތްތަކުގެ އިހުމާލުވުން އޮތީ ހެއްޔެވެ؟ ސްރީލަންކާގައި މަރާލެވުނު ރަބަރޭ މަރާލަން ދިވެހި ވިޔާފާރިވެރިޔަކު ފަންޑު ކޮށްފައި ވާކަމުގެ މަޢުލޫމާތަކީ އެންމެން ދެނެހުރި ކަމެއް ނޫން ހެއްޔެވެ؟ ކަންކަމަށް ފަންޑު ކުރާނީ މަހުޖަނުންނެވެ. މަހުޖަނުން ފަންޑު ކޮށްފައި އެކަން އޮއްބަންވެސް ފަންޑު ކުރާނެއެވެ. ނޫނީ ސަރުކާރުގެ ތަހުގީގީ އިދާރާތަކާއި ކޮމިޝަން ތަކުގެ މީހުންނަށް ފައިސާދީގެން މައްސަލަތައް ބެލިޔަ ނުދެނީ ބާއެވެ!
މި ސުވާލުތައް ރައްޔިތުމީހާގެ ހިތުގައި އުފެދެން ދިމާވަނީ ރާއްޖޭގައި މަރާލެވިފައި ވާ އެތައް ބައެއްގެ މަރަށް ފަންޑު ކުރި އެއްވެސް ފަރާތެއް ތަހުގީގީ އެއްވެސް އިދާރާއަކަށް ހޯދިފައި ނެތީމައެވެ. މިފަދަ މަރުތައް ތަހުގީގު ކުރުމަށް މަރު ކޮމިޝަނެއްވެސް ހަދާފައި ވާއިރު އެކޮމިޝަނަކަށް ވެސް އަޑީގައި ތިބި ފަރާތްތަކާއި ފަންޑު ކުރި މީހުން ހޯދިފައެއް ނުވެއެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުން
އެފަރާތްތައް ނުހޯދެނީ އެފަރާތްތަކުގެ ނުފޫޒުން ނުވަތަ ރިޝްވަތު ދީގެން އެކަން އޮއްބާލާތީ އެވެ.
ޑޮކްޓަރ އަފްރާޝީމްއާއި ”މިނިވަން“ ނޫހުގެ ނޫސް ވެރިޔާ ރިޟްވާން އާއި ބުލޮގަރ ޔާމީން ރަޝީދު މަރާލުމާއި ރައީސް ނަޝީދު އަވަހާރަކޮއްލަން ދިން ބޮމުގެ ޙަމަލާއަކީ ފަންޑު ކުރެވިގެން ބޮޑު ބަޔަކު އަޑީގައި ތިބެގެން ރޭވިގެން ހިންފާއިވާ ބޮޑެތު ޖަރީމާތަކެކެވެ. މިއިން އެއްވެސް މައްސަލައެއް ބަލައި އިންސާފު ލިބޭ ތަނެއް ނުފެނެއެވެ. ރައްޔިތުން ގެ ހިތްތަކުން ބިރު ވެރިކަން ފިލާނީ ވަކި ކުލައަކަށް މުއްސަންޖަކަށް ފަގީރަކަށް ވެރިއަކަށް ބެލުމެއްނެތި ހަމަ ހަމަކަމާއެކު އިންސާފު ގާއިމު ކުރެވިގެންނެވެ.
ގައުމު މިއަދު މި އޮތީ ރައްޔިތަކަށް ރައްކާތެރިކަން ލިބޭނެ ގޮތެއް ނެތިފައެވެ. މަރާލާނީ ކޮން ވަގުތަކު ކިހިނެއް ކަމެއް ނުއެނގިފަ އެވެ. ސަލާމަތީ ބާރު އޮތީ ނަމެއްގައެވެ. ޖާނުން ފިދާވާން ޒުވާނުން ތަމްރީނު ކުރަމުން އަންނަ ހަރުކަށި ފިކުރުގެ ފަޓާނީންގެ ނުރައްކަލުން ގައުމު ސަލާމަތް ކުރުމަށް ސަރުކާރު ވަނީ ނުކުޅެދިފައެވެ.
ބައެއް ރައްޔިތުން ދެކެނީ މީހުން މެރުމަށް ފަންޑު ކުރާ ފަރާތްކާއި މިފަދަ ޖަރީމާތައް ރާވައި ހިންގުމަށް ވާގިވެރިވާ ފަރާތްތައް ތިބީ ސަރުކާރުގެ ތެރޭގައި ކަމަށާއި އެފަރާތްތަކުގެ ނުފޫޒާއި ބާރުން މިފަދަ މައްސަލަތައް ނުބެލެނީ ކަމުގައެވެ. އެހެން ކަމުން ދައުލަތުގެ ތަހުގީގީ އިދާރާތަކުގައި ތިބި އެންމެން ބަދަލު ކޮށް އައު ބަޔަކު އެ މުއައްސަސާތަކަށް އައްޔަން ކުރަން ވެއްޖެ ކަމަށް ދެކެމެވެ. އެހެނީ ތަހުގީގީ އިދާރާތަކަކީ ރައްޔިތުން އިތުބާރު ކުރާ މުއައްސަސާތަކަށް ހެދުމައްޓަކައެވެ.
އެމްޑީޕީން ވެރިކަމަށް ފައިނަގަން ކުރި މަސައްކަތުގައި އެންމެ ގަދައަށް އިވުނީ އިންސާފުގެ ދަތުރުގެ ވާހަކައެވެ. ވެރިކަން މިއޮތީ ލިބިފައެވެ. އެހެން ކަމާއެކު ރައްޔިތުންނަށް އިންސާފު ނުލިބި ހުރި އެންމެހައި މައްސަލަތައް ނުފޫޒާ ބާރުން ސަލާމަތްވެ ގެއްލިފައިވާ އިންސާފު ވަކި މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ހަމަހަމަ ކަމާއެކު ލިބެން ޖެހެއެވެ. އަވަހަށް ބަލައި ނިންމަން ޖެހޭ ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. ރައްޔިތުންގެ ޚަޒާނާއިން ވަގަށް ނަގާފައިވާ ފައިސާ، ސިޔާސީ މަރުތަކުގެ މައްސަލަ، ބަޣާވާތުގެ މައްސަލަ، ނުހައްގުން ޖަލަށްލައި އެތަކެއް ރައްޔިތުންނަށް ދީފައިވާ އަނިޔާގެ މައްސަލަ، ރައްޔިތުންގެ މަޖިލިސް ހިސާރުކޮށް ގާނޫނުހަދާ މަޖިލިސްގެ އެތައް މެންބަރުން ޖަލަށްލީ މައްސަލައިގެ އިންސާފު ލިބެން އެބަ ޖެހެއެވެ. މިހާރު ކަންކަން މި ހިނގާ ގޮތުން ރައްޔިތުން ތިބީ ހަތަރުއަނގޮޅިއެއްގައި ދާނެ ދިމާއެއް ނޭނގިފައެވެ. މީގެ އިތުރުން ދާދި ފަހުން ފާސްކުރި އިންތިގާލީ ގާނޫނުން ރައްޔިތުންނަށް ލިބެން ޖެހޭ އަނިޔާގެ ބަދަލު އަވަހަށް ހޯދައދިނުމަށް ވެސް ގޮވާލަމެވެ. މިއީ ސަރުކާރާ ދެކޮޅުވެގެން ހާމަކުރާ ވާހަކަތަކެއް ނޫނެވެ. މިއީ ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން ހިތުގައި ހިނގާ ޝުޢޫރު ތަކެވެ.
ގައުމީ ބޮޑެތި މައްސަލަތައް ފިނިހަކަ ދުވެލީގައި ކުރިއަށް ގެންގޮސް ގައުމަށް އެދެވޭ މަންފާއެއް ނުކުރާނެއެވެ.