މެލޭޝިޔާގެ ސެލެންގޯރުގައި ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރެން މަގުފަހި ކުރުވީ އަންގި އުފައްދާ ކުންފުންޏެއްގެ އިހުމާލުން ކަމަށް ބުނެ އެ ގައުމުގެ މަޝްހޫރު އެން.ޖީ.އޯ އެއްގެ ޗެއާރޕާސަން ޕޯސްޓުކޮށްފައިވާ ވީޑިޔޯއެއް ވައިރަލް ވުމާގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
މި ވީޑިޔޯގައި އޭނާ ބުނެފައިވާ ގޮތުގައި އަންގި އުފައްދާ ކުންފުނިން ބަލި ޖެހިފައިވާ މީހުންލައްވާ މަސައްކަތް ކުރުވާފައި ވެއެވެ. އަދި ބަލި ޖެހުނު މަސައްކަތު މީހުން ލައްވާ މަސައްކަތް ކުރުވުމަށްޓަކައި ކްލަންގުގައި ހުރި ދެ ހޮޓަލަކަށް އެމީހުން ގެންގޮސްފައިވާކަމަށް ވެސް ބުނެފައިވެއެވެ. އެކަން ކޮށްފައި ވަނީ ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުން ލައްވާ މަސައްކަތްކުރުވުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.
ޕޮލިސް ޗީފް އޭ.ސީ.ޕީ މުހަންމަދު ފަޚްރުއްދީން ޢަބްދުލު ޙަމީދު މިކަމާގުޅިގެން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ގޮތުގައި އެ މީހާގެ މި ވީޑީޔޯއާ ގުޅިގެން ވަރަށް ގިނަ މީހުން ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާފައިވާތީ އެ މައްސަލަ އިތުރަށް މިހާރު ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
ޕޮލިސް ޗީފް މައުލޫމާތު ދެއްވި ގޮތުގައި އާންމުންގެ މެދުގައި ބިރުވެރިކަން ފެތުރުމަށް މަސައްކަތްކުރި މައްސަލައިގައި އެ އަންހެން މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އަދި އަންގި އުފައްދާ ކުންފުނިން މިފަދަ އަމަލެއް ހިންގާފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލުކޮށްފައިވާ ކަމަށްވެސް އޭނާ ވަނީ މައުލޫމާތު ދެއްވާފައެވެ.