ނ.މާފަރު އިންޓަރނޭޝަން އެއާޕޯޓުގައި 47 ކޮޓަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފަށައިފިއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި ޓްރާންސިޓް ހޮޓާ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ތަރީގެ ހޮޓަލެއްގެ ފެންވަރަށާ ޓާގެޓަކީ ތިން މަސް ދުވަސްތެރޭ މި ހޮޓެލްގެ އިމާރަތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދިއުންމެވެ.
މި އެއާޕޯޓް މެނޭޖްކުރާ އައިލެންޑް އޭވިއޭޝަނުން މިހާރުވަނީ މިމަސައްކަތަށް ބޭނުންވާ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ.
މާފަރު އެއާޕޯޓްތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޓްރާންސިޓް ހުޓާ އެޅުމުގެ އިތުރުން އައިލެންޑް އޭވިއޭޝަނުން އަންނަނީ އެ އެއާޕޯޓްގެ ޓާމިނަލް ބޮޑު ކުރުމާއި އަދި ރަންވޭ ބޮޑު ކުރުމަށް ވެސް މަސައްކަތްކުރަމުންނެވެ.
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ޓްރާންސިޓް ހޮޓަލެއް ތަރައްގީކުރުމަށް އައިލެންޑް އޭވިއޭޝަނުން ނިންމީ އެ އެއަރޕޯޓަކީ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ޖައްސާ އެއަރޕޯޓަކަށްވެފައ، ޖެޓުތަކުގައި މަސައްކަތްކުރާ ޕައިލެޓުންނާއި ކުރޫއިން އެއަރޕޯޓުގައި މަޑުކުރާނެ ފަސޭހަ ގޮތްތަކެއް ގާއިމުކުރުމަށް ކަމަށް އެ އޭވިއޭޝަނުން ބުނެއެވެ.
2019 ވަނަ އަހަރު ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މި އެއާޕޯޓްގެ ރަންވޭއަކި ރާއްޖޭގައި ތިންވަނައަށް އެންމެ ބޮޑު ރަންވޭއެވެ. މި ރަންވޭގެ ދިގުމިނުގައި 2200 މީޓަރުހުރެއެވެ. ރާއްޖޭގެ އެންމެ ބޮޑު ރަންވޭ އޮންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. ދެ ވަނައަށް އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.