މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ 15 މީހަކު މިސްކިތްތަކުން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮތް އަދި ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން ބޭނުމެއް ނެތި މިސްކިތަށް ވަދެ އަދި މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ 15 މީހަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހަތް މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ބާކީތިބި 8 މީހުން ކަސްޓޯޑިއަލް ޖަލެއްގައި ތިން ދުވަހަށް ބަންދުކޮށްފައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި މީހުންގެ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ މީހުން މިސްކިތްތަކުން ހައްޔަރުކޮށްފައިވާއިރު، މަސްތުގެން ތިބޭކަމަށް ތުހުމަތުކުރެވޭ ގިނައަދަދެއްގެ މީހުން މިސްކިތްތަކުގެ ހުރުމަތްކެޑޭފަދަ އަމަލުތައް ކުރާލެއް ވަނީ އިތުރުވެފައެވެ.