އިބިލީހާއި ކުށްވެރި މުޖުރިމު

Loading

Facebook
Twitter
WhatsApp
news

ކުށުގެ އިލްޒާމުތައް އޭނާގެ ބޮލުގައި އެޅިފައިވާ އެ މީހާ، އެނދުމަތީ އޮށޯވެލައިގެން އޮތެވެ. އޭނާގެ ކުށުގެ ހަޔާތުގެ މައްޗަށް ފިކުރުކޮށްލަ ކޮށްލައެވެ. އެތައް އެތައް އަހަރު ދުވަހުގެ ދިގު ހުކުމެއް އޭނާގެ މައްޗަށް އަތުވެދާނެތީ އެކަމުގެ ފިކުރުގައެވެ. އެކަނި އިނދެ، ކަންކަމާ ފިކުރު ކޮށްލާނޭ ވަގުތު މިރޭ އެބަ އޮތެވެ. އޭނާ ހިތާ ހިތާ ބުންޏެވެ. އިތުރު ކުށަކަށް އަރައިގަންނަށް މިރޭ ބޭރަށް ދިޔުން ބުއްދިވެރި ނޫންވީމައެވެ. ކޮންމެ އަކަސް، އޭނާގެ ކުށުގެ މާޒީ އޭނާ ހަނދާންކޮށްލިއެވެ.

އޭނާގެ ކުށުގެ ދިގު ސަފުހާތަކުގައި މީހަކު މަރާލިކަމުގެ މައުލޫމާތު އެނގުން އޭނާ ފާހަގަކޮށްލި އެވެ. މިއީ އޭނާގެ ކުށުގެ ’އުސް އައްޔެވެ‘. ފަޚުރުވެރިވުން ހައްގު ކަމެކެވެ. މީހުން މެރުމަކީ ނުވަތަ އެކަމުގައި ބައިވެރިވެލެވުމަކީ އާދައިގެ މީހުންނަށް ކުރެވޭނޭ ކަމެއް ނޫންވީމައެވެ. އެކަން ކުރެވޭނީ ’ގަދަ‘ މީހުންނަށެވެ. ހަމަ ބަތަލުންނަށެވެ. ނަމަވެސް، އެވާހަކައިގެ ތަފްސީލަށް އޭނާ ދާކަށް ބޭނުމެއް ނުވެއެވެ. ހިތާ ހިތާ ވެސް، ހަގީގަތުގައި ކަން ހިނގި ގޮތުގެ ވާހަކަ ދައްކާކަށް، އޭނާ ބޭނުމެއް ނުވެއެވެ. އެކަން ނިމި ހިނގައްޖެއެވެ. އެހެންވެ، ހިތަށް ވެސް އެކަން ސިއްރުކޮށްފައި ބޭއްވުން ބުއްދިވެރިއެވެ.

ދެން މަރާމާރީގެ މައްސަލަތަކެވެ. މީސްމީހުންނަށް ހަމަލާދީ އަނިޔާކުރި މައްސަލަތަކެވެ. ޖިންސީ ގޯނާގެ މައްސަލަތަކެވެ. އަދި، ކުޑަކޮށް، ބުއްދިފިލާ ދިޔަ ވަގުތެއްގައި، ފޮނިކަނޑާލުމުގެ ގޮތުން، ނޭނގި ނަމަވެސް، އެކަމަށް އިއުތިރާފުވެ ޓުވީޓުކުރެވުނު ކަމެވެ. އަދި، އޭގެ ކުރިން ވެސް، މީހާގެ މުހިއްމުކަމާއި ހައިބަތު ދައްކާލުމުގެ ގޮތުން، އެކި ކަހަލަ ’ގަދަ’ކަންތައްތައް – އެއް ބަޔެއް މާނަކުރާ ގޮތުގައި ދަށުދަރަޖައިގެ ބޮޑެތި ޖަރީމާތައް – ކުރިކަމުގެ ވާހަކަތައް، ބޭރުގެ ބައެއް ނޫސްތަކަށް ދީފައި ވެސް ވެއެވެ. އަދުގެ ހަރުދަނާ ޕާޓީގެ ޑިމޮކުރަސީގެ އަދުލު އިންސާފުގެ ނިޒާމުގެ ދަށުން މީ މާ ބޮޑެތި މައްސަލަތަކަކަށް ނުވެއެވެ.

ނަމަވެސް، އެންމެ ފަހުން ކުރެވުނު ޖިންސީ ގޯނާގެ މައްސަލައިގެ ސަބަބުން، އެކަމުން ރެކި ނުގަނެވިދާނެތީ އެކަމާ ފިކުރު ކުރެވެނީއެވެ. އެއީ އެކަން ގޯސްކަމަކަށްވާތީ އެއް ނޫނެވެ. އެބާވަތުގެ މާ ގިނަ މައްސަލަތައް އެއްފަހަރާ ފެންމަތިވެގެން އުޅޭ ދުވަސްވަރަކަށްވާތީއެވެ. އެހެންވެ، އެކަން އޮއްބާލަން ތަންކޮޅެއް އުނދަގޫވެދާނެތީއެވެ. ކޮންމެ އަކަސް މިފިކުރެއްގައި އޮއްވައި ލޯ މެރި، ނިދިއްޖެއެވެ.

ނިދީގައި އޭނައަށް ވަރަށް އާދަޔާ ޚިލާފު ހުވަފެނެއް ފެނުނެވެ. ހުވަފެނުން އޭނައަށް ފެންނަނީ އިބިލީހެވެ. އެއީ އިބިލީސްކަން އޭނާއަށް ޔަގީންވިއެވެ. ކުލައާއި ލޮލާއި ދަޅަށް ބަލައިލުމުންނެވެ. އެހެންނޫނަސް އިބިލީހުގެ އަމަލުކުރާ އިބިލީހުގެ އައުވާނުންނަށް އިބިލީސް ހުވަފެނުން ފެނުން އެއީ ދުރުކަމަކަށްވާކަށް ނުޖެހޭ ނޫން ހެއްޔެވެ؟

ކޮންމެއަކަސް، އިބިލީސް އޭނަ ގާތު ބުންޏެވެ. މިއަދު މާ ކަންބޮޑުވެފައި ތި އޮންނަނީ ކީއްވެ ހެއްޔެވެ؟ ދެން، އޭނާގެ ހިތުގެ އުދާސްތަކުގެ ވާހަކަތައް އިބިލީހަށް ކިޔައިދިނެވެ. އިބިލީހުގެ ގާތު އޭނާގެ ކަންބޮޑުވުންތައް ސާފުކޮށް ބަޔާންކޮށްދިނެވެ. ބޮޑެތި ޖަރީމާތަކުގެ ތުހުމަތު އޭނާގެ ބޮލުގައި އެޅި، އޭނާ ކުށްވެރިވެދާނެ ކަމުގެ ބީރު ހީވާކަމުގެ ވާހަކަ، ވަރަށް ކަންބޮޑުވެ ހުރެ، އިބިލީސް ގާތު އޭނާ ބުންޏެވެ.

އިބިލީސް އެއްޗެއް ނުބުނެ، ހިނދިކޮޅަކު މަޑުން އިނދެފައި ބުންޏެވެ. ތީ އެއްވެސް ކަމެއް ނޫނެވެ. ކުށްވެރިވެ، ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ކަލެއަކަށް އަދި ނުކުރެވެއެވެ. ތިކަމުގެ ހައްލު އަހަރެން ބުނެދީފާނަމެވެ. ކަލޭގެ ފުރާނައާއި ހަށިގަނޑު އަހަރެންގެ ޕާޓީއާ ހަވާލުކުރާށެވެ. އެއަށްފަހު، ކަލޭ އެއްވެސް ކަމަކާ އަމިއްލަ ވިސްނުން ބޭނުންކޮށްގެން ނުވާނެއެވެ. ކަލޭ ކުރަން ޖެހޭނެހާ ވެސް ކަމަކީ އަހަރެން ކިޔާހާ އެއްޗަކާ އެއްބަސްވެފައި، އަތްޖެހުމެވެ. އަދި، އިތުރު ދިހަ މީހުންގެ ފުރާނައާއި ހަށިގަނޑު ވެސް އަހަރެންގެ ޕާޓީއަށް ގެނައުމެވެ. އޭރުން، ކަލޭގެ އިސްވެ ދިޔަ ޖަރީމާތަކާއި އަދި ކުރަން ހުރި ޖަރީމާތަކުގެ ކަންތައް ވެސް ފޮހެވި، އެކަމުގެ ކުށުން ބަރީއަވީއެވެ. އަދި ކަލެއަށާއި ކަލޭ ގެންނަ މީހުންނަށް ބޮޑެތި ބޮޑެތި ވަޒީފާތައް ދޭނަމެވެ.

މިވާހަކަތައް އަޑު އަހާފައި މުޖުރިމުގ ކަލޭގެއަށް، މިވާހަކަތައް ގަބޫލުކުރަން ދަތިވެގެން އިބިލީސް ގާތު ބުންޏެވެ. އެއީ ކިހިނެއް ވާނޭ ކަމެއް ހެއްޔެވެ؟ ޕާޓީއާ ގުޅުމުން، އަހަރެންގެ ހުރިހާ ކުށެއް ފޮހެވި، އަހަރެން ސާފު ހުދު ކަފަކޮޅަކަށް ހަމަ ވެދާނެ ހެއްޔެވެ؟ ދެން އިބިލީސް ޖަވާބުގައި ބުންޏެވެ. އެއީ މިހާރު އަހަރެން ހިންގާ ޕާޓީ ނިޒާމުގައި ކަންތައް އޮންނަ ގޮތެވެ. އަހަރެންގެ ޕާޓީގެ މީހަކު، މި ބުނީ، އިބިލީހުގެ ޕާޓީގެ މީހަކު، ކުށެއް ކޮށްފި ނަމަ، ޕާޓީގެ ކުލަ ޖައްސާލުމުން، ކުށުގެ ކަޅުކުލަ ފޮރުވާލެވޭނެއެވެ. ދާދި ފަހުން ވެސް، އެ ގޮތަށް ކުލަ ޖައްސައިގެން، އެފްރިކާގެ ކަނބަލަކަށް ޖިންސީ ގޯނާކުރި ދެމީހުން އަހަރެން ސަލާމަތްކޮށްދިނީމު ނޫން ހެއްޔެވެ؟ ދެން، މާ ވާހަކަ ދިގުކުރަން ނުހަދާ މަ މިބުނާ ގޮތަށް ކަންތައްކުރާށެވެ. ކަލެއާ އަދި އިތުރު ދިހަ މީހުން އިބިލީހުގެ ޕާޓީ އާ ގުޅުވައިދޭށެވެ. އޭރުން އަހަރެން، އިބިލީސް، ކަލޭގެ މައްސަލަ ހައްލުކޮށްދޭނަމެވެ.

އިބިލީސް ގާތު، ދެން، އޭނާ ބުންޏެވެ. އެންމެ ރަނގަޅެވެ. ކަލޭގެ ޕާޓީއާ އަހަރެން ގުޅިފާނަމެވެ. ނަމަވެސް، އަދި އެއް ސުއާލު އެބަ އޮތެވެ. މިހެން ކަންތައް ކުރުމުން މީހުން ބުނާނީ ކީކޭ ހެއްޔެވެ؟

ޖަވާބުގައި އިބިލީސް ބުންޏެވެ. ގިނަ މީހުން އަޅައެއް ނުލާނެއެވެ. މަދު ބަޔަކު ދެ ދުވަހަކު އެ ވާހަކަދައްކާލައިފައި ހުއްޓާލަފާނެއެވެ. އެ ވާހަކަ ދައްކާ މީހުން އެ ވާހަކަ ދައްކާނީ އެކަން ގޯސްވެގެންނެއް ނޫނެވެ. އެމީހުންނަށް އެކަން އެގޮތަށް ކޮށް، އެމީހުންނަށް ފައިދާ ނެގުމުގެ ފުރުސަތު، މިވަގުތު، ލިބިފައި ނެތީމައެވެ. އެ ފުރުސަތު އެމީހުންނަށް ލިބިއްޖެ ނަމަ، އެމީހުން ވެސް ކަންތައް ކުރާނީ ހަމަ މިހެންނެވެ. ދެން، ކަންތައް ކުރާނޭ ގޮތް ކަލެއަށް ވެސް އެނގޭ ނޫން ހެއްޔެވެ؟ ދެކޮޅު ހަދާ މަދު ބަޔަކުގެ އަޑު މައިތިރިކޮށްލަން ކުރެވޭނޭ ކަންކަން ހުންނާނެއެވެ. އެކަން ތަހުގީގު ކުރާ ވާހަކަ ބުނެލާނީއެވެ. އިޒުރޭލުގައި ފަލަސްތީނު މީހުން މަރާފައިވެސް އެކަހަލަ އިއުލާނު ކުރޭނޫން ހެއްޔެވެ؟ ދެން މާ ބޮޑުވަރު ވެއްޖިއްޔާ ކޮމިޝަނެއް އެކުލަވާލެވިދާނެއެވެ. އޭރުން ހުރިހާ ކަމެއް ނިމޭނެއެވެ. ދުވަސްކޮޅެއް ކޮށްލާފައި، ކޮމިޓީތައް ހިންގަން މާ ބޮޑެތި ޚަރަދު ހިނގަނީއޭ ކިޔާފައި ކޮމީޓީތައް އުވާލީމާ ނިމުނީއެވެ. އެވަރުން ނުފުދިއްޖެއްޔާ އަހަރެން، އިބިލީހަކީ ވެސް އާލަމްތަކަށް ފޮނުއްވި ރަހުމަތެއް ކަމުގައި ބުނުމުން ހުރިހާ ކަމެއް ވެސް ނިމޭނެއެވެ. އެންމެން އެކަން ގަބޫލުކޮށް، ބާރަށް އަތްޖަހާނެއެވެ!

ދެން، ކުށްވެރި މުޖުރިމު، އިބިލީހާ އެއްބަސްވެ، އިބިލީހުގެ ބަސް ގަބޫލުކުރިއެވެ. އަދި އިބިލީހުގެ ޕާޓީއާ ގުޅުނެވެ. އަދި، އޭނާގެ ކުށުގެ ބައިވެރިން ކަމުގައިވި ގާތް ބައެއް ރައްޓެހިން ވެސް ޕާޓީއަށް ގެންނަން ނިންމިއެވެ. އޭރުން، އޮފީސްތަކުގެ ބޮޑެތި ވަޒީފާތައް އެމީހުންނަށް ލިބޭނެއެވެ. އަދި، އެމީހުންގެ އިޖުރާމީ ސިކުނޑީގެ ވިސްނުން ބޭނުންކޮށްގެން، އެތައް ފައިދާތަކެއް ނެގޭ ގޮތްވާނެއެވެ.

ދެން، ކުށުގެ ތުހުމަތުގެ އެންމެ ވަރުގަދަ ގާނޫނީ ދިފާއީ ހެއްކަކަށް ޕާޓީގެ ކުލަ ފުދޭނޭކަން އޭނާއަށް ހިތުގެ އަޑިން ތެދުކޮށް، އެއްވެސް ޝައްކަކާނުލައި، އެކަމަށް އީމާންވިއެވެ. އަދި، އިބިލީހުގެ ޕާޓީގެ ކުލައިން އޭނާގެ ގައިގައި ކުލަލައި، އޭނާގެ ކުށުގެ ކަޅުކުލަ ފޮރުވާލިއެވެ.

އެހިސާބުން ކުއްލިއަކަށް، ސިއްސައިގެން ގޮސް އޭނާއަށް ހޭލެވުނެވެ. އަދި، އޭނާގެ ހުވަފެނަކީ ހަގީގަތަކަށްވާން ކިތައްމެ ވަރަކަށް އެދެވުނު ކަމުގައި ވިޔަސް، އިބިލީސް ދެއްކި އެއްވެސް ވާހަކައަކީ ހަގީގަތެއް ނޫންކަމާއި، ހަމައެކަނި ބިލާހީ ހުވަފެނެއްކަން އެނގުމުން، އޭނާ އިންތިހާއަށް އުފާކޮށް ހަމްދުލިއްލާހި ޝުކުރޭ ބުނެވުނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް