ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރިވުމަށް “ މޭ ހައެއް“ ނަމުގައި ހާއްސަ ކޮމެޓީއެއް އެމްޑީޕީން އުފައްދައިފި އެވެ.
މި ކޮމެޓީ އުފެއްދީ ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.
އޮންލައިންކޮށް ކުރިއަށްގެންދިޔަ ބައްދަލުވުމަށް މި ކޮމިޓީ އުފައްދަން ގަރާރު ހުށަހެޅުއްވީ އުނގުފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ( ވައްޑެ) އެވެ. ތާއިދު ކުރެއްވީ ފެންކުންފުނީގެ ޗެއާމަން އަދި މަކުނުދޫ ދާއިރާގެ ރައީސް އަހުމަދު މައުސޫމް އެވެ.
ކޮމެޓީން ހެދުމަށް ފުރަތަމަ ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އައްޔަން ކުރައްވާ މެމްބަރެއްވެސް ހިމެނޭ ގޮތަށެވެ. ނަމަވެސް ރައީސްގެ އެދިލެއްވުމުގެ މަތިން ފަހުން ވަނީ ރައީސްގެ މެމްބަރު އުނިކޮށް ކޮމެޓީއަށް މެމްބަރުން ކަނއަޅައިފަ އެވެ
ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ ރައީސް ނަޝީދު ކަނޑައަޅުއްވާ މެމްބަރެއްގެ އިތުރުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާމް މުއިއްޒުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އެވެ.
ކޮމެޓީ އުފައްދަން ވަހީދު ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ މޭ ހައެއްގެ ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުތަކާއި އަދި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތް ގާތުން ބަލައި ފާރަވެރިވަމުން ގެންދިޔުމަށެވެ.
މި ގަރާރަށް ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ވާހަކަ ދެއްކެވިއެވެ. ހުރިހާ މެންބަރުންވެސް ވާހަކަ ދެއްކެވީ ރައީސް ނަޝީދަށް އިންސާފު ހޯދުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ އަނިޔާ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި ނަޝީދަކީ އެންމެނަށް ޓަކައި މުޅި ހަޔާތް މަސައްކަތް ކުރި އަދި މަސައްކަތް ކުރާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް އިންސާފު ހޯދައި ދިނުމުގައި ފަހަތަކަށް ޖެހެވޭކަށް ނޯންނާނެ ކަމަށް އީވާ ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަންދިން ހަމަލާގެ ބޮޑުމިނާއި ސީރިއަސް ކަމަށް ބަލާއިރު ދައުލަތުގެ ރިއެކްޝަން އެއާ ގާތްކުރާ މިންވަރަށް ވެސް ނުފެންނަ ކަމަށެވެ.
ވާހަކަދެއްކެވި މެންބަރުން މައިގަނޑު ގޮތެއްގައި ދެކެވަޑައިގަތީ ހަމަލާގެ ތަހުގީގު ކުރިއަށްދާއިރު ހުރިހާ ގޮތަކުން އެމްޑީޕީ މި މައްސަލައިގެ ތެރެއަށް ވަންނަން ޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާއަށް އިންސާފު ލިބިދާނެ ކަމާމެދު ސުވާލު އުފައްދާ، އިންސާފު ނުލިބި ގިނަ ދުވަސްވާތީ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ބައެއް މެންބަރުން ވަނީ ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ސަރުކާރުން ހުރަސްއަޅާކަމުގެ ތުހުމަތުކޮށް ވާހަކަ ދައްކާފައެވެ.
ވަހީދުގެ ހުށައެޅުން ފާސްކުރަން ގައުމީ މަޖިލީހުގެ 100 މެންބަރުން ވޯޓް ދެއްވިއެވެ. 8 މެންބަރަކު ވޯޓް ނުދެއްވާ ތިއްބެވިއެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައެއް ނުވެއެވެ. އެ ވޯޓަށް ފަހު ކޮމެޓީގެ މަސައްކަތްތައް ހަފްތާއަކު އެއް ފަހަރު ގައުމީ މަޖިލީހަށް ހުށައަޅަން ޖެހޭ ގޮތަށް ހުށައެޅި އިސްލާހެއްވެސް ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
Top of Form