ކޯވިޑް 19 ޖެހިފައިވާ 17537 ބަލިމީހުން ހިމަނައިގެން އިންޑިޔާއިން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި މި ބަލީގެ ސަބަބުން ސެކަންޑްރީ އިންފެކްޝަނެއް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މިގޮތަށް ސެކަންޑްރީ އިންފެކްޝަނެއް އުފެދުނު ބަލި މީހުންގެ ތެރެއިން %60 މީހުން މި ބަލީގައި ވަނީ މަރުވެފައެވެ. ސެކަންޑްރީ އިންފެކްޝަންގެ ސަބަބުން ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވެގެންދެއެވެ.
މި ސެކަންޑްރީ އިންފެކްޝަންއަށް ފަރުވާ ދިނުމުގެ ގޮތުން ޑޮކްޓަރުން ބޭނުންކޮށް އުޅެނީ އެންޓިބަޔޮޓިކްސްއެވެ. އަދި އެންޓި ބަޔޮޓިކްސް ބޭނުންކޮށްގެންވެސް މި ފަންގަލް އިންފެކްޝަންތައް ރަނގަޅު ނުވާކަމަށް މިހާރު އެ ގައުމުގެ ޑޮކްޓަރުން ދަނީ ބުނަމުންނެވެ. ބައެއް ހާލަތްތަކުގައި ޑޮކަޓަރުން ބޭނުންކުރައްވާ ބްރޯޑް ސްޕެކްޓްރަމް އެންޓިބަޔޮޓިކްސްގެ ސަބަބުން އެންޓިބަޔޮޓިކް ރެސިސްޓެންސް އުފެދި ބަލިމަޑުކަން އިތުރަށް ގޯސްވެ ބަލިމީހާގެ ހާލަތު ދަށަށް ގޮސްފައިވާކަމަށް އިންޑިޔާގެ ސިއްހީ މާހިރުން ވަނީ މައުލޫމާތު ދީފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯ އިން ވަނީ އިންޑިޔާގެ ހޮސްޕިޓަލުތަކުން އިންފެކްޝަން ކޮންޓްރޯލުކުރުމަށްޓަކައި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ނަމަވެސް ފާއިތުވި ދެ ހަފްތާގެ ތެރޭގައި އެ ގައުމުގައި ކޯވިޑްގެ ހާލަތު ކޮންޓްރޯލުން ނެއްޓި ސިއްހީ ނިޒާމަށް ނުތަކާވަރަށް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.