ފާއިތުވީ ދެ ހަފުތާގެ ތެރޭގައި އިޒްރޭލުން ވަނީ ޣައްޒާއަށް ގިނަގުނަ ހަމަލާތައް އަމާޒުކޮށްފައެވެ. އަދި ފަލަސްތީނުގެ ހަމައެކަނި އަސްކަރީ ބާރު ކަމުގައިވާ ހަމާސް ޖަމާއަތުންވެސް ވަނީ އިޒްރޭލުގެ ހަމަލާތަކަށް ރައްދުދީ އިޒްރޭލަށް ރޮކެޓު ހަމަލާތަކެއް އަމާޒުކޮށްފައެވެ. އިޒްރޭލުން ޣައްޒާއަށް ދީފައިވާ ހަމަލާތަކުގައި ގިނަ ބަޔަކު ޒަޚަމްވެ އެތައް ބަޔަކު ޝަހީދުވެފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ހަމަލާތައް ކުށްވެރި ކުރުމާ ގުޅިގެން ދެފަރާތުންވެސް ވަނީ ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ. މި ނިންމުން އިއުލާނުކޮށްފައިވަނީ މިދިޔަ ހުކުރުދުވަހުގެ ވަގުތެއްގައެވެ.
އިޒްރޭލުން ޣައްޒާއަށް ބޮން އެޅުން ހުއްޓާލަން އެއްބަސްވީތާ މިހާރު ވަނީ 24 ގަޑިއިރު ފާއިތުވެފައެވެ. މި ނިންމުން އިއުލާނު ކުރިތާ މާ ގިނަ އިރުތަކެއް ފާއިތު ނުވަނީސް ފަލަސްތީނުގެ ރައްޔިތުން ވަނީ އަލް އަޤްޞާ ސަރަހައްދަށް އެއްވެ އެގައުމުގެ ރައީސް މަޙްމޫދް ޢައްބާސް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައި މުޒާހަރާ ކޮށްފައެވެ. އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ފަލަސްތީނުގެ ރައީސް އެކަށީގެންވާ ވަރަށް މަސައްކަތް ކުރައްވާފައި ނުވާކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފައެވެ.
މި ހަފުތާގެ ތެރޭގައި އެމެރިކާގެ ސެކްރެޓެރީ އޮފް ސްޓޭޓް، އެންޓޮނީ ބްލިންކެން އެ ސަރަހައްދަށް ޒިޔާރަތްކުރައްވައި ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސްއާއި އިޒްރޭލުގެ އޮފިޝަލުންނާ ބައްދަލު ކުރައްވަވަން ވަނީ ނިންމަވާފައެވެ. މި ބައްދަލުވުމުގައި ޣައްޒާގެ އިމާރާތްތައް އަލުން ބިނާކުރުމާ ބެހޭ މަޝްވަރާތައް ކުރުމަށް ރައީސް ޢައްބާސް ހުށަހަޅުއްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.