ފަރުދީ ޒިންމާ؟

Loading

Facebook
Twitter
WhatsApp

މިހާރަކަށްއައިސް ފަރުދީ ޒިންމާ އަކީ ވަރަށް ޢާންމުކޮށް ބޭނުންކުރެވޭ ބަހަކަށް ވެއްޖެއެވެ. ސަބަބުތަކެއް އޮތީމައެވެ. ފަރުދީ ޒިންމާއަކީ ކޮބައިކަމާއި އެކަން ފުރިހައަށް އަދާކުރުމުގެ މުހިންމުކަން ވިސްނި ޢާންމުވަމުން ދިއުމާއި މުޖުތަމާގެ ތެރޭގައި ފެތުރެމުންދާ ޙާދިސާތަކާއި ކާރިސާތަކަކީ މީގެތެރޭން ބައެއް ސަބަބުތަކޭ ބުނެވިދާނެއެވެ. ފަރުދީ ޒިންމާގެ އިތުރުން ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކެއްވެސް ހުރެއެވެ. އެހެންކަމުން އެފަދަ މީސްމީހުން އަދާކުރަންޖެހޭ ޒިންމާވެސް އިތުރުވެގެން ދާނެއެވެ. ބައެއް ޙާލަތު ތަކުގައި ފަރުދީ ޒިންމާ އަދާކުރުމަށް ފަރުވާކުޑަކުރުމުން ތިމާ އާއި އަނެކުން އުފުލަންޖެހޭ ބުރަ ގާނޫނީގޮތުން މަތިކޮށްފައިވާ ޒިންމާ އަދާނުކުރުމަށްވުރެން ކުޑަވެދާނެއެވެ. އެހެންނަމަވެސް އެއީ އުޒުރަކަށް ބެލޭނެކަމެއް ނޫނެވެ.

ލިއުންތެރިންނަކީ ވަރަށްބޮޑު ފަރުދީ ޒިންމާއެއް އަދާކުރަންޖެހޭ ބައެކެވެ. މުޖުތަމާގައި ހިނގަމުންދާ ކަންތައްތައް ތައައްސަބުން އެއްކިބާވެ ހުރެ ހާމަކޮށްދިނުމުގެ ފަރުދީ ޒިންމާއެވެ.

މިދުވަސްވަރު ނޫސްތަކުގެ އެންމެފަލަ ސުރުޚީ އަކީ ބޮޑުޚިޔާނާތުގެ ވާހަކައެވެ. ސުރުޚީ ފަލަވާންޖެހޭ މައްސަލައެކެވެ. ރައްޔިތުންގެ މިލްކުގައިވާ އެއްޗެހިތަކެއް ވިއްކާލައިގެން ލިބުނު ފައިސާތަކެއްގެ ބޮޑު ޚިޔާނާތުގެ ވާހަކައަކަށް ވާތީއެވެ.

މިބޮޑު ޚިޔާނާތުގެ ވާހަކަ ދައްކާތާ އަހަރުތަކެއް ވެދާނެއެވެ. ކަމުގެ މުގުލުގައި ތިބިމީހުންކަމަށް ބުނެ ތިން ހަތަރު މީހެއްގެ މައްޗަށް ދަޢުވާކޮށް ޖަލަށްލުމަށް ޙުކުމްތަކެއްވެސް ކަނޑައެޅިއްޖެއެވެ. އެންމެންވެސް ތިބީ ޑީލް އެއްގެ ދަށުން އަރާމުކުރަން މިހާރު ގޭގައެވެ. ނުވަތަ ހުޅުމާލޭގެ އަރާމު ޕެންޓް ހައުސްގައެވެ. ގެއަށްވަނީ ހަލާލުފައިސާއެއް ނޫންކަމަށް ބުނަމުންދިޔަ މީހުންނާއި ފައިސާގޯނި ހިފައިގެން ބަހަންދިޔައީ އަހަންނޭ ގޮވިމީހުންވެސް ފެނިފައިވެއެވެ.

ނަމަވެސް ނަހަލާލު ފައިސާ ގެއަށް ވެއްދީ ކޮންބައެއްތޯ، އެފައިސާ ގެއަށް ވެއްދިޔަ ދިނީ ކީއްވެގެންތޯ، ކަމާބެހޭ ފަރާތައަށް އެފައިސާ ޙަވާލު ނުކުރީ ކީއްވެގެންތޯ މިއީ ހައްތާވެސް ރައްޔިތުންނަށް ޖަވާބު ނުލިބޭ ސުވާލުތަކެވެ. ފައިސާ ގޯނި ހިފައިގެން ދިޔަ މީހާ އެފައިސާ ދިނީ ކޮންބަޔަކަށްތޯ، ފައިސާތައް ހަވާލުކުރިމީހާގެ އަމުރު އޮތީ ކިހެނެއްތޯ އޮޅުންފިލުވިކަމެއް ރައްޔިތުންނަކަށް ނޭގެއެވެ. ރައްޔިތުންގެ މުދާ ނުއަގުގައި ވިއްކައިގެން ނަމަވެސް ފައިސާތަކެއް ހޯދާފައިވާނަމަ ލިބުނުފައިސާއާއި ޚަރަދުކުރިގޮތް ރައްޔިތުންނަށް އޮޅުންފިލުވާދޭން ޖެހޭނެއެވެ. އެއީ ފަރުދީ ޒިންމާއެކެވެ. ހަމައެފަދައިން ގާނޫނުން މަތިކޮށްފައިވާ ޒިންމާއެއްވެސް މެއެވެ.

ކޮންމެއަކަސް މިދުވަސްވަރު ފެންނަމުންދާ މަންޒަރު ވަރަށް ތަފާތު ވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުން މިކަމުގެ ތެރެއަށް ވަނީމައެވެ. ލިއުންތެރިޔާ ދެކޭގޮތުގައި ރައްޔިތުންގެ މަޖިލީހުން މިކަމުގެ ތެރެއަށް މިހާރު ވަންނާންޖެހިއްޖެއެވެ. މާލަސްވެސް ވެއްޖެއެވެ. މަރުމަތީގައި އޮވެގެންވެސް މި މައްސަލަ ބަލާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވުމަކީ އެބޭފުޅާއަށް ހިތްވަރުދޭންޖެހޭ ކަމެކެވެ. އެބޭފުޅާއާއި އެކުގައި ރައްޔިތުން ތިބިކަން ހާމަކޮށްދޭން ޖެހޭނެއެވެ. އެބޭފުޅާގެ ފަރުދީ ޒިންމާއާއި ގާނޫނުން މަތިކޮށްފައިއޮތް ޒިންމާއިން އެކަނި ނުފުދިދާނެތީއެވެ. މިހެން ބުނަން ޖެހެނީ ރައްޔިތުންގެ މަޖިލީހުން މި ޚިޔާނާގެ މައްސަލައިގެތެރެއަށް ވަދެ ބައެއް މައުލޫމާތު ރައްޔިތުންނަށް ހާމަކުރަން ފެށުމުން ތަފާތު ޚިޔާލުތައް އުފަންވީމައެވެެ.

ތުޙުމަތު ކުރެވިފައިވާ ބައެއް މީހުންނަށް ޝަރުޢީ ގޮތުން ކުށް ސާބިތުވެފައި ނެތުމުން އަބުރު ކަތިލުމުގެ އިލްޒާމް އަޅުވަމުން ގެންދާން ފަށައިފިއެވެ. ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ތިބި ބަޔަކާމެދު މި ފެންވަރުގެ ތުޙުމަތެއް ކުރެވެން ފެށީމާ އަދިވެސް މަގާމުގައި ބަގުޑި ބައްދައިގެން މަށެއް ނޫނޭ މަށަކަށް ނުލިބެއޭ ގޮވަގޮވާ ތިބުމަކީ ތަޙުޒީބު މުޖުތަމާ ދަންނަ އުސޫލެއް ހެއްޔެވެ؟ މި ބޮޑު ވައްކަމާއި ޚިޔާނާތުގެ ބައިވެރިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީ ދައުރުގެ ބައެއް މެމްބަރުންނާއި މިހާރުގެ ބައެއް މެމްބަރުންގެ ނަން ހިމެނިފައިވުމަކީ ލަދުގަންނަން ޖެހޭކަމެކެވެ. އެ ބާވަތުގެ ކަންތައްތައް ހުއްޓުވުގެ އެންމެ ބުރަ އަދި އެންމެބޮޑު މަސްއޫލިއްޔަތު ރައްޔިތުން ހަވާލުކޮށްފައިތިބި ބަޔަކީ އެ މެމްބަރުންކަމުގައި ވީތީއެވެ. އެ މެމްބަރުން އިންތިޚާބުކުރަން އާއެކޭ ބުނި މަދުރައްޔިތުންނާއި ނުފެންނަކަމަށް ބުނި ގިނަ ރައްޔިތުންނަށް އިޙުތިރާމްކުރުމުގެ ގޮތުންވެސް މިހާރުތިބި އެފަދަ ކޮރަޕްޓް މެމްބަރުން އިސްތިއުފާ ދިނުމަކީ ފަރުދީގޮތުންނާއި ގާނޫނުންމަތިކޮށްފައިވާ ޒިންމާއައި ގުޅިގެންވެސް އަދާކުރަންޖެހޭ ފަރުޟެއްކަމުގައިނޫނީ ނުވާނެއެވެ.

ކަންމިހެން އޮތްނަމަވެސް މިއަދު ކަންތައް ހިނގާގޮތުން އޮޑިޓަރ ޖެނެރަލް ޒިޔަތު ދެއްކެވިފަދަ ރިވެތި ނަމޫނާއެއް ދައްކަން ކެރޭމީހުން ފެންނަނީ ވަރަށް މަދުންނެވެ. އަދި ކިއެއްތަ! ގިނަމީހުންގެ ވިސްނުން ހުންނަނީ މައްސަލައިގެ ޝަރީޢަތް ނިމުމުން އަބުރުގެ ދަޢުވާކޮށްގެންވެސް ދަވްލަތުގެ ޚަޒާނާއިން ފައިސާތަކެއް ބަދަަލުގެ ގޮތުގައި ހޯދޭނޭ މަގެއްގެ އިންތިޒާރުގައެެވެ. ބަލާބެލުމަށް މިހާރުވެސް އެމަގު އޮތީ ކޮށިފައެވެ. ހަލާލު ނޫން ފައިސާ ދިންގޮތެއް ޝަރީޢަތަށް ސާބިތުކުރެވޭނެ ހެކި ހޯދުމަކީ ކުރެވިދާނެ ކަމެއްތޯ އެތައް ހާސް ސުވާލުތަކެއް އުފެދޭތީއެވެ.

މައްސަލައިގާ ތުޙުމަތުކުރެވޭ މީހުންނާއެކު ފައިސާގެ މުޢާމަލާތު ހިންގިކަމަށް އެއްބަސްވާބަޔަކުވެސް ބުނާތީ އަޑުއިވެނީ އެމީހުންކުރީ ބޭރުފައިސާ ގަތުމުގެ ހަލާލު ވިޔަފާރިއެއްކަމުގައެވެ. އެކަމަކު ކޮފީއަކަށްގޮސް 50 ރުފިޔާގެ ބިލް އަދާނުކުރެވުނު ފެންވަރުގެ މީހުންއަތުން މިލިއަނުންް ބޭރުފައިސާގަތުމުގެ ޙަލާލު މުޢާމަލާތުތައް ކުރަމުން ގެންދިޔައިރު ކުއްލިއަކަށް އެބަޔަކު އެހާ މުއްސަދި ވެގަތީ ފަހެ ސުލައިމާނުގެފާނުގެ ބިންގަރާސްތައް ފެނިގެންބާވައޭ ސުވާލު ނުއުފެދޭ ބާވައެވެ! އެހެންނާފަހެ، ގައުމުގެ ސަލާމަތީ ބާރުތަކުން ކެނޑިނޭޅި ނަސޭޙަތްތެރި ވަމުންގެންދަނީ ގޮތްނޭގެ މުދަލާއި ޝައްކުކުރެވޭ މުދާ ގަތުމުން ދުރުހެލި ވުމަށެވެ.

ދެންއޮތީ މިބޮޑު ޚިޔާނާތާގުޅިގެން އުފެދިފައިވާ މައްސަލަތަކާއި އަދި އުފެދެމުންދާ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރެވެނީ ކިހާވަރަކަށްތޯ ކުރެވޭ ސުވާލެވެ. އަމިއްލަގެއިން އެއްޗެއް ވަގަށްނަގައިފިނަމަ ފުލުސް އޮފީހަށްވެސް ދާނެއެވެ. ޝައްކުކުރެވޭ މީހާ މަގުމަތިން ފެނިއްޖެނަމަ ދިމާކޮށް ގަޔަށް ބޮލަށްވެސް އަރާ ހަދާނެއެވެ. އަދި މި ފަހަކަށް އައިސް މިއަށްވުރެން ބޮޑެތިކަންތައްވެސް ކުރަމުންގެންދާކަން ނޫސްތަކުން އެނގެއެވެ. އެހެންނަމަވެސް މުޅި ދިވެހިރައްޔިތުންގެ މުދަލުން ވައްކަން ކުރީމާ ދެންމިފެންނަނީ އެކަންތައް ބަލާ ފިޔަވަޅު އެޅުމަކީ ރިޔާސީ ކޮމިޝަނުގެ މަސްއޫލިއްޔަތެކޭ ބުނެ އަތްއުރާލައިގެން ތިބޭ ތަނެވެ. ތެދެކެވެ. އެކަންގަބޫލުވެސް ކުރަމެވެ. އެކަމަކު މައްސަލައިގެ ބާވަތުން މުޅި ރައްޔިތުން ޝާމިލްވާގޮތަށްވެސް ފަރުދީ ޒިންމާތަކެއް ހުންނާނެކަން ޔަގީނެވެ.

 

Loading

One Response

  1. މިހާރު މިއޮތީ ފަރުދީ ޒިންމާއަށްވެސް އަގެއް ކަނޑައަޅަންޖެހިފައެވެ. ފަރުދީ ޒިންމާ އަދާކުރެވޭނީވެސް ލިބޭނެ ފައިސާގެ އަދަދު އެނގުނީމައެވެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް