އަޅުގަނޑުމެންގެ އަމިއްލ ދިވެހި ދުނިޔޭގެ ސިޔާސީ މަސްރަޙުން ވޭތުވެގެންދިޔަ ވެރިކަމުގެ ދައުރުގެ ތެރޭގައި ފެނިތަޖުރިބާ ވެގެންދިޔަ ސިޔާސީ ނިފާގުކަން، ގައުމުގެ ޙަޔާތަށް ގެނެސްދޭ ގެއްލުންތަކާމެދު އެއްޗެއް ދެންނެވުމުގެ ކުރިން ދުނިޔޭގެ އެހެން ގައުމެއްގެ މިސާލެއްވެސް ދަންނަވާލުމަކީ، މައުޟޫއުން ބޭރުކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑު ބޭނުން މުހިއްމު ނުކުތާއެއްފާހަގަ ކޮށްލުމަށްޓަކާ މުގައްދިމާއެއްގެ ގޮތުންނެވެ. ’ދަންބެރަށްވުރެ ތަގުޑި ދިގުވެގެން ދިޔަނަމަވެސް‘ އައްސަވާބޭފުޅުންގެ އަރިހުން މަޢާފަށް އެދެމުންނެވެ.
އިންޑިޔާގައި 700 އަހަރުވަންދެން ދެމިއޮތް މުސްލިމުންގެ ވެރިކަން ނިމިގެންދިޔައީ އިންޑިޔާގެ މައްޗަށް އިނގިރޭސީން ވެރިވެގަތުމުންނެވެ. އޭގެފަހުން އިންޑިޔާގައި މުސްލިމުންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރެވޭގޮތްނުވެ އިނގިރޭސި އިސްތިޢުމާރުގެ ދަށުގައި ސަތޭކައެތައް އަހަރެއް ވަންދެން ދެމިއޮތެވެ. މިހާދިސާއާ ގުޅިގެން އިންޑިޔާގެ މުސްލިމަކު ލިޔުއްވި ލިއުއްވުމެއްގައިވެއެވެ.
”ހިސާބަކަށް އަޅުގަނޑުމެންގެ އަމިއްލަ ފަރުވާކުޑަކަމުގެ ސަބަބުން އަދި ވަކިވަރަކަށް އަޅުގަނޑުމެންނަށް ލިބިފައިވާ މުސްކުޅި ތައުލީމެއްގެ ސަބަބުން ސިޔާސީ ކަންތައްތަކާއި ސިޔާސީ ޢިލްމުގެ މައްޗަށް އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. ކަމުގެ ނަތީޖާއަކަށްވީ މުޣުލް ރަސްކަމުގެ އިރުއޮއްސިގެން ދިޔުމާއެކު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޙަޔާތުގައި އެއްވެސްކަހަލަ ދިރުމެއް އުފައްދައި ލެވޭނޭކަހަލަ ގޮތެއްނުވުމެވެ. އިނގިރޭސީން އައިސް އަޅުގަނޑުމެންގެ ރަށުގެމައްޗަށް ވެރިވެގަތް ހިނދު ’ފޫނުބެދޭ ފިތުނަގަނޑެއް‘ (’ޣަދަރު’ގެ ނަމުން މަޝްހޫރުވެފައިވާ އިނގިރޭސީންނާ ދެކޮޅަށް އިންޑިޔާގެ މުސްލިމުން ހިންގި ބަޣާވަތް) އުފެއްދުންފިޔަވައި ކުރާނޭއެއްވެސްކަމެއް އަޅުގަނޑުމެންނަކަށް ނޭގުނެވެ. ދަނޑިވަޅުބަލާފައި ޚުޝާމަދު ކުރުމާއި ބިރުވެރިކަމުގެ ވަގުތުގައި ގެއަށްވަދެ ދޮރު ބަންދުކޮށްލައިގެން ތިބުން، އެއީ ހަމަގައިމުވެސް އަޅުގަނޑުމެންނަށް އެނގޭ ކަންކަމެވެ.
ތިމާގެ އަމިއްލަ އަބުރާއި އިއްޒަތް ސަލާމަތް ކުރުމަށްޓަކައި ހަނގުރާމަކުރާ މީހުންތައް މުސްކުޅި ޒަމާންތަކުގައި ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް ސިޔާސީ ކަންތައްތަކުގައި ނުވަތަ ސަރުކާރު ހިންގުމުގައި އަޅުގަނޑުމެންގެ ގައުމު ބައިވެރިވުމަށް މަސައްކަތް ކޮށްފައިވާކަން ދޭހަވާ ހާދިސާއެއް އަޅުގަނޑުމެންގެ ތާރީޚަކުން ފެންނާކަށް ނެތެވެ. އަދި ގައުމީ ޙައިސިއްޔަތަކުން ތިމާގެމެންގެ އަބުރާއި އިއްޒަތް ސަލާމަތް ކުރުމުގެ މަސައްކަތް ކުރެވިފައި ވާކަންވެސް ސާބިތެއް ނުވެއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ އާއިލާއާއި ގާތްތިމާގެ މީހުންގެ މަސްލަޙަތާއި ފައިދާ ހޯދުން ފިޔަވައި ވިސްނާފިކުރުކުރާ އެހެން އެއްވެސް ކަމެއް ނޯވެއެވެ.
ފަހަރެއްގައިވެސް ގައުމަށްޓަކާ ނުވަތަ ވަޒަނަށްޓަކާ މަސައްކަތް ކުރުމުގެ އަޒުމެއް ނުކުރެވެއެވެ. އަޅުގަނޑުމެން ދިރިއުޅޭއުޅުމުގައި ކުރިމަތިވާ މުސީބަތްތަކުން ސަލާމަތްވުމަށް ދުޢާކޮށްކޮށް ސިހިސިހި ތިބޭ ދިރިއުޅުމަކީ ކޮންކަހަލަ ދިރިއުޅުމެއްތޯއެވެ؟ ޝިކާރަކުރާމީހަކު ޝިކާރައަށް ނުފެނި ސިއްރުސިއްރުން އުޅޭފަދައިން ބިރުން ސިހިސިހި ތިބޭ އަޅުގަނޑުމެން ދިރިއުޅޭ އަމިއްލަ ރަށަކީ ކީއްކުރަން އުޅޭ ތަންތަނެއްތޯއެވެ؟ ޔޫރަޕްގެ މީހުން ސިޔާސީ ޙަޔާތޭ ކިޔާއެއްޗަކީ އަޅުގަނޑުމެންގެ ތެރޭގައި ވައްތަރެއްގެ ޖުވާއެކެވެ. އެޖުވާ ކުޅުމުގެ ބިރުކުޑަކަން ލިބިފައިވަނީ ވަކިބަޔަކަށެވެ. މިނިކާވަގެއްގެ އަނގައިގެ ތެރެއަށް އެއްވެސް މީހަކު އަތެއްނުލާނެއެވެ. ހުސް ފިލައެއްގެ މަތީގައި އެއްވެސް މީހަކު ކަނޑުދަތުރު ކުރާކަށް ނޫޅޭނޭއެވެ.
ގައުމަށްޚިދުމަތްކުރެވޭނީ ރަސްގެފާނުގެއަރިހުގައި އުޅެގެންނެވެ. ރަސްގެފާނުގެ އަރިހަށް ދެވޭތޯ މަސައްކަތް ކުރާމީހުން ރަސްގެފާނުގެ ދަރުބާރުގޭ މީހުންގެ ތެރެއަށްވަދެ ހައްޔަރުވެ އަޅުވެތިވެފައި ތިބެތެވެ. ރަސްގެފާނުގެ އަރިހަށް ދެވުނަސް ރަސްގެފާނު ރުއްސާފައި ބެހެއްޓުމަކީވެސް މާފަސޭހަ ކަމަކަށްނުވެއެވެ. އެއްވެސް ކަމެއްގައި ކުޑަވެސް އިއުތިރާޒެއް ކުރެވިއްޖެނަމަ އަބުރާއި އިއްޒަތް އަދި ފުރާނަވެސް ދިޔައީއެވެ. ކަން މިހެން ހުންނައިރު ވިސްނޭ ބުއްދިވެރީން ސިޔާސީ ޙަޔާތާއި ދުރަށް ދުވެފިލާކަން އެއީ އަޖާއިބުވާންވީ ކަމެއްތޯއެވެ…؟
އިސްވެދިޔަ ވާހަކަކޮޅުން ދަލީލު ލިބިގަންނަން މަސައްކަތް ކުރެވެނީ ގައުމެއްގެ މީހުން އެބައިމީހުންގެ ސިޔާސީ ކަންތަކާމެދު ޚިޔާލެއް ފިކުރެއް ނުކޮށް ވެރީންނަށް ތިއްބަވާ ”އިއްޒަތްތެރީން“ގެ އިސްތަށިފުޅުގައި ހުރިހާކަމެއް އަޅުވައި ހުޝާމަދާ ތައުރީފުކޮށްކޮށް ތިބުމުގެ ސަބަބުން ގައުމީ ޙަޔާތަށް އަންނަ ނިކަމެތިކަމާއި ދެރަކަމެވެ. ދިވެހިރާއްޖޭގައި ސުމުއްވުލް އަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގައި އަދި އޭގެފަހުން ނިމިގެންދިޔަ ވެރިކަމުގައިވެސް އަޅުގަނޑުމެންނަށް މިކަން ތަޖުރިބާ ކުރެވިފައިވެއެވެ. އެންމެފާހަގެކޮށްލެވޭ ގޮތެއްގައި ސިޔާސީ ނިފާގުކަމުގެ ބަލީގެ ގޮތުގައެވެ.
”އެދައުރުގެ ފަހުކޮޅުގައި ވަރަށްގިނަ ކަނތައްތަކެއް ރާއްޖެއާ އެކަށީގެންނުވާ ގޮތުގެ މަތީން ހަމައާއި އިންސާފުން މުޅީންނެއްޓިގެން ހިނގަމުން ދިޔަކަން ކަށަވަރެވެ. ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން މުޅިރާއްޖެހެން ބަނޑަށް ޖެހުނެވެ. އާއްމު ރައްޔިތުންގެ ޙާލު ވަރަށް ނިކަމެތި ދަށު ދަރަޖައަކަށް ގޮސްފައިވަނިކޮށް ޚާއްސުންގެ ބަޔަކު ’އުދުހުނެވެ‘. ދައުލަތުގެ ޚަޒާނާއިން ގައުމުގައި ކުރިޔަށް ތިބި ވަރަށްގިނަ ބައެއްގެ އަމިއްލަ ފޮށިތައް ފުރެމުންދިޔައެވެ. ދައުލަތުގައި ބެހެއްޓެމުންދާ ރައްޔިތުންގެ އަމާނާތްތަކަށް ޚިޔާނާތްތެރިވަމުން ދިޔައީ މަތިވެރި ދަރަޖައަކަށެވެ.
(އަލީ އަޙުމަދު، ’އިންގިލާބަކީ އިބުރަތެކެވެ’، ހަގީގީ މިނިވަންދުވަހުގެ ޚާއްސަ ނަމްބަރު)
”އަލްއަމީރު މުޙައްމަދު އަމީނާމެދު ސިޔާސީ ނަޒަރަކުން ކުރުކޮށް ދަންނަވަނީނަމަ އޭނާއަށް ރާއްޖޭގެ މިންވަރު ނުވިސްނެވުނު ކަމުގެ ދެރައާއި މަލާމާތް ޙައްގުނޫނެކޭ ނުބުނެވޭނެއެވެ.
ޖިންސުއްލަތީފުންގެ ތަހުރީރުގައި އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ކުޑަވެސް ރިއާޔަތެއް ނުކުރެއްވުމުގެ ފުރައްސާރަ ރައްދުނުވެއެއް ނުހުންނާނެއެވެ. ދައުލަތުގެ ކޮންމެއެއްޗަކީ، ރައްޔިތުންގެ ހުގޫގުތަކަކީ، އޭނާގެ އަމިއްލަފުޅު އެއްޗެއްކަމުގައި މަސްހުނި
ކުރެއްވުނުކަމުގެ ދެރަކަން ނުދެވިއެއް ނުމެދާނޭމެއެވެ.
ނަމަވެސް ސިޔާސީ ރޮނގުންނާއި އިގުތިސާދީގޮތުން އޭނާއަށް އެކަށީގެންނުވާ މަގާމުތަކެއް ލިބިވަޑައިގަތުމުގެ ނަތީޖާއެއްގެގޮތުން އޭނާގެ ޙަޔާތްޕުޅުގެ ނިމުން ތަމްސީލުވެގެންދިޔައީ ދިވެހި ޒައީމެއްގެ ޙަޔާތް ނުނިމޭފަދަ ހިތާމަވެރި ގޮތެއްގައެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކުކަމުގައި އޭނާ ވަވަޑައިގަތުމުގެ މާކުރިއްސުރެ ފެށިގެން އޭނާގެ ޙަޔާތްޕުޅަށް ސިޔާސީ އިންހިލާލު އަންނާންފަށައިފިއެވެ. މުޅިއުއްމަތަކީ މުހައްމަދު އަމީނުކަމުގައި ޔަގީންވެވަޑައިގަތްކަން އޭނާ ވެއްޓިވަޑައިގަތުމުގެ އެއްއަސްލަކަށް ހިމެނިއްޖެއެވެ.
(ޝިހާބު، ސަރުކާރުގެ ޚަބަރު، 1 ޖުމާދިލް އާޚިރާ 1373)
އިސްވެ ދިޔަތާގައި ކޮޕީ ކުރެވުނު އެކި ލިޔުންތަކުގައި ބަޔާންކުރެވިފައިވާ ވާހަކަތަކުން ސުމުއްވުލް އަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގެ ދައުރުގައި ކިޔެވެމުންދިޔަ ލީޑަރު ތަސްބީހައާއި އެމަނުކުފާނުގެ ވެރިކަން ވެއްޓުމުން މަހާނަ މައްޗަށް މަޑިއަށް ޖެހެވުނުގޮތް ހިސާބަކަށް ނަމަވެސް ހިތްޕުޅަށް ގެންނެވޭނޭކަމަށް ހީކުރަމެވެ. އަދި ހަމަ މިއާއެކު ވަރަށް ޚާއްސަ ކަންތައްތަކެއް ފާހަގަ ކޮށްލެވޭނެއެވެ. އެކަންކަމަކީ މައްސަލަތައް ކުރިމަތިވެގެން އައިއިރު އަޅުގަނޑުމެންގެ ތެރޭގައިއޮތް ގާނޫނީ ހުރިހާ ބާރުތަކަކީ މާނައެއްނެތް، ބޭނުމެއްނެތް، ބޭކާރު އެއްޗެއްކަމަށްވެފާއޮތްކަމެވެ.
ގައުމުގެ އެންމެމަތީ ވެރިޔާގެ މައްޗަށް މިފަދަ ކުށްތަކާއި ގައުމީ ޚިޔާނަތުގެ ތުޙުމަތު ކުރެވުނުއިރު މިފަދަ ކަންކަމުގައި މަސްއޫލިއްޔަތު އުފުލަން ޖެހޭ އެއްވެސް ފަރާތަކުން ކުރެވުނުކަމެއް ނެތެވެ. ކަމެއް ކުރެވޭތޯ ގާނޫނީ ސިފައެއްގައި އުޅެފައެއްވެސް ނެތެވެ. ވީމާ، އެއިރު ޝަރީއަތާއި ގާނޫނު ހިންގާ ފަރާތްތަކާއި ގާނޫނު ހަދާފަރާތްތަކުގެ އެއްވެސް މަސްއޫލިއްޔަތެއް ނެތި ހަމައެކަނި ހުރިހާ ކުށެއް އެފަރާތެއްގެ އިސްތަށިފުޅުގައި އަޅުވާލެވުނު ކުށްވެރިޔަކަށް ވެގެންދިޔައީ ސުމުއްވުލް އަމީރު މުޙައްމަދު އަމީނެވެ.
ސަބަބަކީ ކޮބައިތޯއެވެ. ޖަވާބެއްގެ ގޮތުން އަޅުގަނޑަށް އިވެނީ އޭނާގެ ވަރުގަދަ މުސްތަބިއްދު ވެރިކަމުގައި ސަރުކާރުގެ ހުރިހާ ގާނޫނީ ބާރުތަކެއް ބޭކާރު ކޮށްލެވިފައި އޮތީއެވެ. ރައްޔިތުންގެ މަޖްލިހުގައި އެއްވެސް ޝަކުވާއެއް، ރައްޔަތުންގެ ދަތިތަކުގެ ވާހަކައެއް ހުށަހެޅޭނެ ފުރުސަތެއް ނެތީއެވެ. ވީމާ ޣައިރު ގާނޫނީ ސިފައަކަށް ކަންތައް ވެގެން ދިޔައީއެވެ.
އާދެ، މިހިސާބުން މައްސަލަ ނިމުނީ ކަމަށްވެސް ހީކުރެވިދާނެއެވެ. އެހެންކަމަށް ވެއްޖެނަމަ، ވެރިކަމުގެ ކޮންމެ ދައުރެއްގައިވެސް އަޅުގަނޑުމެންނަށް ކުރެވެންއޮތް ކަމަކަށް ވެގެންދަނީ، އަދި އަޅުގަނޑުމެންނަށް އެނގޭ ގައުމީ ޚިދުމަތަކަށްވެސް ވާނީ، ”ލީޑަރު ތަސްބީހަ“ ކިޔުމާއި ”މަހާނަ މައްޗަށް މަޑިއަށް ޖެހުމެވެ“. އަދި ގައުމުގެ ސިޔާސީ މަސްރަޙުގައި ކުޅެވެމުންދާނީ އެކްޓަރުން ބަދަލުވެފައިވާ އެއް ޑުރާމާ އެކެވެ. މިޙަގީގަތް ހޯދާލުމަށް އަޅުގަނޑުމެންގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ދައުރުގެ ފެށުމާއި ނިމުމުގެ މައްޗަށް އެހެން ފުރުސަތެއްގައި ވިސްނާލެވޭތޯ ބަލާލާން ގަސްދުކުރަމެވެ.
(އަޅުނގަޑުމެން ދަންނަ ގައުމީ ޚިދުމަތަކީ ލީޑަރު ތަސްބީހަ ކިޔުމާއި މަހާނަ މައްޗަށް މަޑިޔަށް ޖެހުންތޯއެވެ؟ – އަބްދުއްރަހީމު އަބްދުލް މަޖީދު، މި ލިޔުމުން ނެގިފައި. ލިޔުން އެއްކޮށް ތިރީގައި ދެވިފައިވާ ލިންކުން ފެންނާނެ: އަޅުގަނޑުގެ އަމިއްލަ ކޮމެންޓެއް:)
އާދެ، އަޅުގަނޑުމެންގެ ސިޔާސީ މަސްރަހުން އަދިވެސް ތަކުރާރުވެ ފެންނަމުން ދަނީ ހަމަ މި މަންޒަރެކެވެ. އެެއްބަޔަކު އެމީހުންގެ އަމިއްލަ މަސްލަޙަތު އެއީ ގައުމީ މަސްލަޙަތު ކަމުގައި ހަދައިގެން މަސައްކަތްކުރާ ތަނެވެ. އަނެއް ބަޔަކު، އެފަދަ މީސް މީހުންގެ ކިބައިން ކޮންމެ ވެސް ފައިދާއެއް ލިބުމުގެ އެދުމުގައި ނުވަތަ އެބަަޔަކު ތާއީދު ކުރާ މީހެެއްގެ ޚަސްމަށް ކުރާ ނަފުރަތުގެ ސަބަބުން، ނުވަތަ އެނޫންވެސް އެފަދަ އެހެން ޒާތީ ސަބަބަކާ ހުރެ އެ މީހުން ތާއީދުކުރާ މީހުންނަށް ލީޑަރު ތަސްބީހަ ކިޔާ ތަނެވެ.
އެބަޔަކު ތާއީދުކުރާ މީހަކީ، (މަތީގައި ޝިހާބުވިދާޅުވެފައިވާ ފަދައިން)، ’މުޅި އުއްމަތަށް‘ ހަދައިލައިގެންނެވެ. މިހެން ހަދާލުމުން، އޭނާ ކުރާ ހުރިހާ ކަމެއް ރަނގަޅު ކަންކަމުގައި ވެގެން ދެއެވެ. އޭނާ އެދޭ ހުރިހާ ކަމެއް ކޮށްދޭން ޖެހެއެވެ. ގައުމީ މަސްލަހަތައް، ޖަމާއަތުގެ ފައިދާއަށް ބެލުމެއް ނެތިއެވެ. އެކަމުގެ ރަނގަޅު ނުރަނގަޅު، އެކަމުގެ ނިޔަތް، ތިމާމެންގެ އަމިއްލަ ސިކުނޑީގެ ވިސްނުމުން ވިސްނަން ޖެހޭ ކަން ނުދެކިއެވެ. އެ ގޮތް ރަނގަޅުވަނީ އޭނާ އެ ގޮތް ދެކޭތީއެވެ!
މައުޟޫއީ ސިފައެއްގައި ސިޔާސީވެރިންގެ ސިޔާސަތުތަކަށް ބަލައިލެވޭ ތަނެއް ނާދެއެވެ. އަދި، އެ ފަދަ ގޮތެއްގައި ކަންތައް ކުރަން ޖެހޭ މަގާމުތަކުގައި ގިނައިން ތިބެނީ އެފަދަ ގޮތެއްގައި ކަންކަމާ ބެހޭ ގޮތުން އެއްޗެއް ބުނެވޭ ފަދަ ސިކުނޑިގެ ތެތްކަމެއް ލިބިފައި ތިބި ބައެއް ނޫނެވެ. އެ މަގާމު ތަކަށް ވާސިލުވެވެނީ ފައިސާއާއި ރިޝްވަތާއި އާއިލީ އަދި ރައްޓެހި ކަމުގެ ގުޅުންތައް މެދުވެރިކޮށެވެ. ކަން މިހެން އޮތުމުން ސިޔާސީ ވެރިންނަށް އެމީހުންގެ މަސްލަޙަތު ނިޔާކުރާ ގޮތަކަށް ކަންތައް ކުރެވެއެވެ. ބޭރުބައަކަށް ގައުމު ވިއްކާލުން ވެސް އެއީ އެންމެ ރަނގަޅު ކަމަކަށް ހަދައި އެކަން އެއްބަޔަކު ކޮށް އަނެއް ބަޔަކު އެކަން ދިފާއުކުރުމުގައި ތިބެއެވެ!
ދެން، އެކަމުގެ ނަތީޖާ ރައީސް އަމީން ދީދީގެ ދައުރުގައި ވެސް ފެނުނީ ވަރަށް ހިތިކޮށެވެ. ވެރިން، އެމީހުންގެ އަމިއްލަ މަސްލަޙަތަށްޓަކައި، އެކިކަންކަން ކޮށް، އެކަމަށް އެހެން މީހުން ޚުޝާމަދު ކުރުމުގައި ތިބުމުން، ތާރީޚު އިއާދަ ވެގެންދަނީ އެވެ. ދެން، ފެންނަނީ ކޮން ކަމެއް ހެއްޔެވެ؟ އެކިއެކި ގާނޫނުތައް ހެދުމެވެ. އިސްލާޙު ކުރުމުގެ ނިޔަތަކުނޫނެވެ. ލަޓިބުރިއެއްގެ ގޮތުގައެވެ. ތިމާ ނުރުހޭ މީހެއްގެ ގައިގައި ތަޅައި، ތިމާ ވެއްޓެންދާ ވަގުތު އޭގައި ހިފަހައްޓާށެވެ! މިކަހަލަ ގާނޫނުތައް ރައީސް މައުމޫނުގެ ދައުރުގައި ވެސް ހެއްޖެވެ! މިކަން ވެސް މިހާރު ތަކުރާރުވާން އުޅޭ ކަހަލައެވެ.