މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު، އެމީހުންގެ ޙައްޤުތައް އަދިވެސް ފުރިހަމަ ނުކުރެވޭ: ރައީސް

Loading

Facebook
Twitter
WhatsApp

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު، އެމީހުންގެ ޙައްޤުތައް އަދިވެސް ފުރިހަމަނުކުރެވޭކަން ފާހަގަކުރަންޖެހޭ ކަމުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

”ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމާއި، މަސައްކަތް ކުރުވުމަށްފަހު، އެމީހުންގެ ޙައްޤު އުޖޫރަ ނުދިނުމާއި، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ޙާލަތްތަކުގައި، މަސައްކަތްތެރިން ގެންގުޅުން ފަދަ މައްސަލަތައް، މިހާރުވެސް ހިނގަމުންދޭ“ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ޚިޠާބުގައި ވިދާޅުވެފައިވެއެވެ. ”މަސައްކަތްތެރިންނާ ގުޅިފައިވާ މިފަދަ މައްސަލަތައް ޙައްލުކޮށް، އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް، ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އެކަމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައްވެސް މި އަންނަނީ ގެންނަމުން.“

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގައި، ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުން މިހާރު ވާނީ ޤާނޫނީ ގޮތުން ލާޒިމް ކުރެވިފައެވެ.

”ހަމައެފަދައިން، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، 10 އިންސައްތައަށްވުރެ މަދު ނޫން ޢަދަދަކުން ސަރވިސް ޗާޖް ނެގުމަށާއި، ސަރވިސް ޗާޖްގެ ގޮތުގައި ނަގާ ފައިސާ، މުވައްޒަފުންނަށް ދިނުމަށް، ޤާނޫނުގައި މިހާރު ވަނީ ކަނޑައަޅައިފައި. މީގެ އިތުރުންވެސް، މަސައްކަތްތެރިންގެ ޙައްޤުތައް ލިބިދިނުމަށްޓަކައި، ކޮންމެހެން ގެންނަންޖެހޭ ބައެއް ބަދަލުތައް މިހާރު ވާނީ ޤާނޫނުގައި ހިމަނައިފައި.“ ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާރު ކުރިމަތިވެފައިވާ ކޯވިޑްގެ ނުރައްކާތެރިކަމުގެ ތެރޭގައިވެސް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމުގައި މަސައްކަތްތެރިން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އޭގެ ތެރެއިންވެސް، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭ ކަމަށާއި ހަމަ މި ދަތިކަމުގެ ތެރޭގައި، ގިނަ ޢަދަދެއްގެ މަސައްކަތްތެރިންނަށް ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވެގެން ދިޔަކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެފަދަ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމުގެ ގޮތުން، 16000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައިވާނީ، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވައިދީފައިވާނޭކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޤައުމެއްގެ ތަރައްޤީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ، އެ ޤައުމެއްގެ އަމިއްލަ ދަރިން، ޤައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ޙަވާލުވެގެންނެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް، ދިވެހި ޒުވާނުން ނުކުމެ، ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު، ޤައުމު ތަރައްޤީކުރަން ފަށައިފިނަމަ، މިހާރަށްވުރެ މާ ފުރިހަމަ ތަރައްޤީއެއް ހޯދޭނެކަން ޔަޤީންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދު މުޅި ދުނިޔޭގައި މި އަހަރުގެ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ މަސައްކަތްތެރީންގެ ވަޒީފާ ގެއްލުމާއި މުސާރަ ކުޑަކުރުމާއި ބަރާބަރަށް މުސާރަ ނުލިބުންފަދަ ބޮޑެތި ހިތްދަތިކަން މަސައްކަތް ތެރީން ދަނީ ތަހައްމަލު ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް