ބަރުލަމާނީ ބަޣާވާތް

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އެމްޑީޕީގެ ރައީސްކަން ކުރައްވަމުން ގެންދަވާ ކެނެރީގޭ މުޙައްމަދު ނަޝީދު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް މެސެޖެއް ކުރައްވައި ރާއްޖޭގެ ޖުމްހޫރީ ވެރިކަން ބަރުލަމާނީ ވެރިކަމަކަށް ބަދަލުކޮށް، ބޮޑު ވަޒީރުކަން ހޯއްދަވަން އުޅުއްވި ގޮތުން ރައީސް ނަޝީދަށް ވުރެ ވެރިކަމުގެ ދަހިވެތިކަން ބޮޑު އަމިއްލަ އެދުންފުޅުން ފުރިގެންވާ ސިޔާސީ ބޭފުޅަކު މި ދިވެހި ފަސްގަނޑުގައި ނެތްކަން ސާބިތުވެގެން ހިގައްޖެއެވެ. ރާއްޖޭގެ ސިޔާސީ އަދި ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ނަޝީދު އެ ޢަމަލު ސިފަ ކުރެއްވީ ބަޣާވާތެއްގެ ގޮތުގައެވެ.

ޖުމުހޫރީ ނިޒާމެއްގައި ރައްޔިތުންގެ ވޯޓަކުން ހޮވާފައި ހުރި ރައީސުލް ޖުމްހޫރިއްޔާއަށް ރައީސް ނަޝީދު މިދަންނަވަނީ ދެން ހަވާސާގައި މަޑުކޮށްގެން ނުހުންނެވޭނެ ކަމަށާއި ބޭނުންވަނީ ނިޒާމު ބަދަލުކޮށް ރާއްޖޭގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ކަމަށެވެ. އަދި 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުވެސް ފަސް ކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވެއެވެ.

ރާއްޖޭގައި ގާނޫނު އަސާސީއެއްގެ ދަށުން ރައްޔިތުންގެ ވޯޓަކުން ރައީސުލް ޖުމްހޫރިއްޔާއަކު ހޮވައި ހިންގަމުން ގެންދާ ޖުމުހޫރީ ވެރިކަން، ރައީސް ނަޝީދު ހަމަ ބޭނުންފުޅު ވާ އިރަށް ބަރުލާމާނީ ނިޒާމަކަށް ބަދަލުކޮށް އޭނާގެ މިތުރު ނުވަތަ ބައިވެރިއާ އަށް މެސެޖަކުން ދަންނަވާލައިގެން، ބޮޑު ވަޒީރުކަށް ނަޝީދު ހަމަޖެއްސެވުމުން އެ ވެރިކަމުގެ ރައީސްކަން އިބްރާހީމް މުޙައްމަދު ސާލިޙަށް ދެއްވައި 2023 ގެ ރިޔާސީ އިންތިޚާބު ނުބޭއްވުން ފަދަ ހުށަހެޅުއްވުންތައް ނަޝީދު ރައީސް އިބްރާހީމް މުޙައްމަދު ސާލިޙަށް ހުށަހެޅުއްވުމުން ދޭހަވަނީ ހަމައެކަނި ނަޝީދު ވެރިކަމަށް ދަހިވެތިވެ ވަޑައިގެންފައިވާ މިންވަރެއްވެސް ނޫނެވެ. ޕާޓީގެ އެހެން ބޭފުޅުން ގާނޫނު އަސާސީއަށް ފައިންޕުޅު އެރުއްވި ގޮތަށް ރައީސް ނަޝީދު ވެސް ގާނޫނު އަސާސީއަށް އިޙުތިރާމް އަދާކުރައްވަން ބޭނުންފުޅު ނުވާކަމެވެ. އެފަދަ ބޭފުޅަކަށް ގައުމުގެ ބޮޑުވަޒީރުކަން ކީއްކުރަންތޯ ސިޔާސީ ޕާޓީއެއްގެ ރައީސަކަށް ހޮވުމަކީ ވެސް ބުއްދި ހަމަޖެހޭ ބަޔަކު ކޮށްގެން ވާނޭ ކަމެއްތޯ ސުއާލު އުފެދެއެވެ.

ކަމެއް ނެތި ހަވާސާގައި ހުންނަވަން ބޭނުންފުޅު ނުވާކަމަށް ނަޝީދު ވިދާޅުވި އިރު، އެ މަނިކުފާނަކީ ކުރީގެ ރައީސެވެ. ރައްޔިތުންގެ ފައިސާއިން ބޮޑު ޕެންޝަނަކާއި އިނާޔަތެއް ނަންގަވައެވެ. ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. އެމަގާމުން ވެސް އެމަނިކުފާނު ބޮޑު މުސާރައަކާއި އިނާޔަތް ހޯއްދަވައެވެ. ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރެވެ. އެމްޑީޕީގެ ރައީސެވެ. ޖޭއެސްސީގެ މެންބަރެކެވެ. އެމްޑީޕީގެ އެކްޓިވިސްޓެކެވެ. މި ހުރިހާ މަގާމަކުން ފެންނަނީ ހަމަ ރައީސް ނަޝީދެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު ވޯޓު ހޯއްދަވަން ގޭގެއަށް ވަޑައިގަންނަވަނީ ރައީސް ނަޝީދެވެ. އެލެކްޝަން ކޮމިޝަންގެ ދޮށަށް ދާ އިދިކޮޅު މެންބަރުން އެތަނުން ފައްސާލެއްވުމަށް ފުލުހެއްގެ ބައި އަދާކުރައްވަން ޖެހިވަޑައިގަންނަވަނީ ވެސް ނަޝީދަށެވެ. ކަރަންޓީނު ކޮށްފައި ވާ ރަށްރަށުގެ ފަޅުތެރޭގައި ކެމްޕޭނު ކުރެއްވުމަށް ނަޝީދު ވަޑައިގަންނަވައެވެ. ރައްޔިތުންގެ މަޖިލިހަކީ ޖިނާއީ ތަހުގީގު ކުރާތަނެއްކަމުގައި ވެސް ނަޝީދު ވަނީ ހައްދަވާފައެވެ. މިވަރު ދެރަތޯއެވެ؟ މިވަރުން ވެސް އެމަނިކުފާނު ހުންނަވަނީ ހަވާސާއިން ބޭރުގައިތޯއެވެ؟

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ކަން ކުރެއްވި މުޙައްމަދު މަލީޙް ޖަމާލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަރިހުން އެދިވަޑައިގަތީ އިސްތިއުފާ ދެއްވުމަށް ކަމަށެވެ. ރައީސް ނަޝީދު ހުންނެވީ ހަގީގަތުގައި ވެސް ވެރިކަމަށް ފެން ބޮވައިގެންފައި ކަމަށެވެ. ނަޝީދުގެ މި ޢަމަލަކީ ގާނޫނު އަސާސީއާއި ނުވަތަ ދައުލަތާއި ދެކޮޅު ޢަމަލެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ދެކެއެވެ.

ބޮޑު ވަޒީރުކަން ކަނޑައެޅިގެން، ނިޒާމުން ބޭރުން ހޯއްދަވަން އުޅުއްވުމުން، ތަރުޖަމާނު މެދުވެރިކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ވެރިކަން ކުރާ ނިޒާމު ކަނޑައަޅާފައި ވަނީ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށްވާތީ އެ ނިޒާމަށް ބަދަލެއް ގެންނަ ނަމަ އެކަން ކުރަންޖެހޭނީ ވެސް ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖަށް ތަރުޖަމާނު މެދުވެރިކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޖަވާބު ދެއްވުމުން ބޮޑު ވަޒީރުކަމަށް ދަހިވެތިވެވަޑައިގެން ހުންނެވިނަމަވެސް ނަޝީދުގެ ރާގު ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ. އެކަން ހާމަވީ ކުރެއްވި ޓުވީޓަކުންނެވެ.

އެ ޓުވީޓުގައި ވެއެވެ. ”ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމާމެދު ޝައްކެއް ނެތް.“ އެޓުވީޓުގައި އިތުރަށް ލިޔެފައިވެއެވެ. ”ނިޒާމު ބަދަލު ކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން.“

ކުރީގެ ރައީސްކަން ކުރެއްވި ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ޚުދު އެމަނިކުފާނުގެ އެމްޑީޕީގެ ޕާލިމެންޓް މެމްބަރުންނާއި، ގާނޫނީ ދާއިރާގެ ވަރަށް އިސް މެންބަރުންނާއި ބައެއް ދީނީ ޢިލްމުވެރިންނާއި ރައްޔިތުންގެ ތެރޭން ވަރަށް ގިނަ ބަޔަކުވެސް ވަނީ ނަޝީދުގެ ގާނޫނައި ޚިލާފު އެހުށަހެޅުމާ ދެކޮޅު ހައްދަވާފައެވެ.

ނަޝީދަށް ރާއްޖޭގެ ރައީސްކަން 2008 ގައި ލިބިވަޑައިގަތީ ހަމައެކަނި އޭނާގެ ސިޔާސީ މަގުބޫލުކަމަކުންނެއް ނޫނެވެ. އޭނާ ތަމްސީލު ކުރެއްވި އެމްޑީޕީއާއި ޑރ. ވަޙީދުގެ ގައުމީ އިއްތިޙާދު ޕާޓީގެ ކޯލިޝަނަށް އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބުނީ 25 ޕަސެންޓު ވޯޓެވެ. ރައީސް މައުމޫނަށް 42 ޕަސެންޓު ލިބިވަޑައިގަތެވެ. އިންތިޚާބުގެ ދެވަނަ ބުރުން އެމްޑީޕީއަށް ކާމިޔާބު ލިބުނީ ބޮޑު އިއްތިހާދެއްގެ އެހީގައެވެ. އެކަމުގެ އެންމެ ބޮޑު އެހީތެރިއަކީ ގާސިމް އިބްރާހީމެވެ. ހަމައެޔާއެކު އެމްޑީޕީން މިހާރު ކުރަމުންދާ ވެރިކަމަކީ ކުރީން އެމްޑީޕީ ހެދި ކޯލިޝަނަށްވުރެ ބޮޑު ކޯލިޝަނެއް (އެބައިވެރީން ކައިރީ އާދޭސްތަކެއް ކޮށްގެން) ހަދައިގެން ހޯދި ވެރިކަމެކެވެ. މި ވެރިކަން ހޯދައި ދިނުމުގެ ފަހަތުގައި ތިއްބެވީ އެމްޑީޕީގެ ފާޑުކިޔުން އަބަދުވެސް ރައްދުވާ، އަދި ރައީސް ނަޝީދުގެ އިބާރާތުންނަމަ، ”ސޭޓް“ ޤާސިމް އިބްރާހީމާއި އެމްޑީޕީން އަނިޔާވެރިއެއްކަމަށް ސިފަކުރާ ”ގޮޅާބޯ“ މައުމޫން ޢަބްދުލްޤައްޔޫމާއި ރައީސް ނަޝީދަކީ ލާދީނީ ބޭފުޅެއްކަމުގައި ވިދާޅުވަމުން ގެންދެވި ޢަދާލަތު ޕާޓީގެ ”ފަހަރި“ ޢިމްރާނެވެ. މިއީ ނަޝީދު އެބޭފުޅުންނަށް ގެންގުޅުއްވާ ވަނަންތަކެވެ. ކަން މިހެން އޮތުމުން ރައީސް ނަޝީދަކީ އިންތިޚާބެއް ކާމިޔާބު ކުރެއްވުމުގެ މަގުބޫލުކަމާއި ގާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއްނޫންކަމަށް ގަބޫލު ކުރަން ބޭނުން ނުވިޔަސް އެ ޙަގީގަތް ހާމަވެގެން އެބަދެއެވެ. 2019ގެ ކޯލިޝަން ހެދުމަށް ރައިސް މައުމޫނު އެއްބަސް ކުރުވުމަށް އެމްޑީޕީގެ ހަރުގޭގައި ރަން 30 އަހަރުގެ ލަވަޖެއްސެވިއެވެ. ވީއިރު އެފަދަ ޙާލަތެއްގައި ވާދަވެރި އިންތިޚާބަކުން ނަޝީދަށް ކާމިޔާބީ އަށްވުރެ ނާކާމިޔާބީގެ ފުރުސަތު މާބޮޑެވެ. ކަން އެހެން އޮތުމުން ނަޝީދު މިހާރު ބޭނުން ފުޅުވަނީ ރައްޔިތުންގެ ސީދާ ވޯޓަކަށް ނުގޮސް ކުރުމަގަކުން ގައުމުގެ މަތީ ފަޑިއަށް އަރައިވަޑައިގަތުން ކަމަށް ގަބޫލު ނުކުރެއްވޭތޯއެވެ؟ ގާނޫނު އަސާސީގައި ކޮންމެ ގޮތަކަށް ލިޔެވިފައި އޮތަސް ވަރިހަމައެވެ. ގާނޫނުނަކަށް ބެލުމެއްނެތި އަދި ރައްޔަތުންގެ ނިންމުމަށްވެސް އިޙުތިރާމެއް ނެތިއެވެ.

ނަޝީދަކީ އަރާ ތަރިއެއް ނޫނެވެ. ނަޝީދު ދަނީ އަސުރުން ތިރިވަމުންނެވެ. ނަޝީދުގެ ބަސްމަގާއި ދޮގު ވަޢުދާއި އަޙުދުތައް ތަކުރާރުވެ ދަނީ ބިލާހަކަށް ވަމުންނެވެ. މަޖިލީހުގެ ގޮނޑީގައި އިށީންނަވާ ކޮންމެ ދުވަހަކު ނަޝީދުގެ އޮފުކަން ކެނޑެމުން އެބަދެއެވެ. މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ކުރައްވާ ކަންތައްތަކާއި ދައްކަވާ ވާހަކަފުޅުތަކުން، ކުރީގެ ރައީސް ނަޝީދަށް ބޮޑެތި ގެއްލުންތައް އެބަ ދެއްވައެވެ. އޭގެ އެންމެ ފުރިހަމަ މިސާލަކީ ”އަޅުގަނޑު ބޮޑުވަޒީރުކަން ބޭނުމޭ، ޕްލީޒު އަޅުގަނޑަށް ބޮޑުވަޒީރުކަން ދެއްވާށޭ، 2023 ގެ އިންތިޚާބު ބާއްވާނެކަމެއް ނެތޭ، ބޮޑުވަޒީރުކަން އަޅުގަނޑަށް ދިނުމުން އިބޫއަށް ރައީސްކަން ދޭނަމޭ، ދެ ދައުރުގެ ރައީސްކަން އޭރުން ޔަގީން ވާނެއޭ“ ފަދަ މާނަ ދޭހަވާ އިބާރާތްތައް ތިލަވަމުން ދިއުމެވެ. ރައީސް ސޯލިޙު އަކީ ދިވެހިންގެ ރަސްކަމެއް ހިންގަވާ ބޭފުޅެއްތޯއެވެ؟

ގައުމު ހިމޭނުން އޮތަސް އޮތީ، ނިދާފައެއް ނޫނެވެ. އެމްޑީޕީން މުޒާހަރާއަށް ނުކުންނަހެން އެހެން މީހުން މުޒާހަރާއަށް ނުނިކުތަސް އެމީހުންގެ ހިތުގައި ކެކުޅުމެއް ވާކަން ވެސް އެބަ އެނގެއެވެ. ސިޔާސީ މީހުން ދައްކާހާ ވާހަކައަކަށް ބަޔަކު ޖަވާބު ނުދިނަސް ޖަވާބު ދޭން އެނގޭކަން ކައުންސިލު އިންތިޚާބުގައި ރައްޔިތުން ވަނީ ދައްކާފައެވެ. އެމްޑީޕީގެ މޭގަނޑުކަމަށް ބުނާ މާލެ، ހިމޭނުން އޮވެ މާލެ، ބަދަލު ކޮށްލައިފިއެވެ. މާލޭގެ މޭޔަރުކަމާއި ކައުންސިލްގެ އަޣުލަބިއްޔަތު ގެއްލުމަކީ މުޅި ދުނިޔެ ސުއާލު އުފައްދާ ކަމެކެވެ. ޚާއްޞަކޮށް މިހާރު ދިވެހި ސިޔާސަތުގެ އިސްބަސް ބުނަން ފަށައިފައިވާ އިންޑިއާގެ ކަންބޮޑުވުން ވަނީ ސިއްރިޔާތުގައި ފައުޅުކޮށްފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އެ އޮތީ އޮތް ގޮތަށް ކަރުދާސް ގަނޑެއްގެ ގޮތުގައެވެ. އިންތިޚާބީ ވަޢުދުތައް ހުރީ ޙަގީގަތަކަށް ނުވެ ހަރު ހިލައަށް ވެފައެވެ. އެމްޑީޕީން ކޮންމެ ފަހަރަކު ރައްޔިތުންގެ ބޮލަށް ނުވަންނަވަރުގެ ޝިޢާރުތައް ބޭނުން ކުރެއެވެ. އަނެއް ރާއްޖެއަށް ފެށި ދަތުރުގެ މާލިމީ، އެމްޑީޕީގެ އޭރުގެ ޗެއަރ ޕާސަން ރީކޯ މޫސާ ވިދާޅުވިގޮތުން، ރައީސް ނަޝީދު ދަތުރު ދެބައި ވީތަނާ އޮޑި ޗާޓުން ބޭރުން ދަތުރުކުރައްވައި ފަރަށް އުރުއްވާލައްވާފައި އޮޑިން ފުންމާލައްވައި އެފަހަރު ފިއްލެވިއެވެ. އޭގެ ފަހުން އައީ ޖޖަޒީރާ ރާއްޖެއާއި ”އެޖެންޑާ 19 ތަފާތުވާނެއެވެ.“ އެ އެޖެންޑާގައި މުޅި މަޖިލިސް ޖަނަވާރު ކޮށްޓެއްގެ ގޮތުގައި ބައެއް މީހުން އެބަ ސިފަކުރެއެވެ. މަޖިލީހުން ތަފާތުކޮށް ފެންނަ އެއްކަމަކީ ބައެއް މެންބަރުންގެ އަޚުލާޤާއި ލަދު ޙަޔާތެވެ. ދެން އެ އައީ ރަށްވެހި ފަތިހުގެ ޝިޢާރެވެ. ރަށްވެހި ފަތިކަށް އިރު އެރި އިރު، ޖައްވުގެ ބޮޑު ބައެއްގައި ޖެހިފައި ވަނީ ފިޔާތޮށި ކުލައެވެ. އެމްޑީޕީން ކުރަމުންއައި އުންމީދާއި އެމްޑީޕީއާ މެދު ކުރެވުނު އުންމީދު ވަނީ މާޔޫސްކަމުން ފުރިގެންވާ ބަނަ ފަތިކަށް ބަދަލުވެފައެވެ.

ރައީސް ނަޝީދު ބަރުލަމާނީ ކެމްޕޭނުގައި ދެން ނަންގަވާނެ ޝިޢާރަކީ ”ގުނބޯ ގުނބޯ ރާއްޖެ“ ބާވައެވެ! އަދި ޖުމުހޫރިއްޔަތަކަށް ވުރެ ރަސްކަމުން ރައްޔިތުންގެ ބޭންކު އެކައުންތައް ފުރާލަން މާ ފަސޭހަވާނޭ ވިދާޅުވާ އިރަށް ރައްޔިތުން އެކައުންޓުތައް ފުރޭނެއޭ ހިތައި ގުނބޯ ހެދިގެން، ބަރުލަމާނީ ނިޒާމަށް ވޯޓު ދޭން، މަތިމައްޗަށް ފާހަގަ ޖަހަން ދުވާނެ ބާވައެވެ!

އެމްޑީޕީ ކޯލިޝަންގެ ވެރިކަމުގެ ދެބައިކުޅަ އެއްބައި ހޭދަވެގެން ދިޔައިރު ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ފުލެޓުތައް، އޯގާތެރި ސަރުކާރުން ގަދަކަމުން އަތުލައިގަނެ އަދި އުޅެނީ ތިމާގެ މީހުންނާއި ރައްޓެހީންނާއި ޕާޓީގެ އަޑުގަދަ ކުދިންކޮޅަށް ބަހައި ނިންމާވެސް ނުލެވިގެންނެވެ. ދެއަހަރާއި ބައިވިއިރު އަޅާފައި ހުރި ފުލެޓްތަކެއް އިންސާފުވެރިކޮށް ބަހާލަވެސް ނުދެވުނެވެ.

މީ އޯގާތެރި ސަރުކާރެކޭ ބުނެ މީސްމީހުންގެ ޙައްގުތަކުން މަޙްރޫމް ކުރުމަކީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟

ގިނަ ބައެއްގެ ސުވާލަކީ، މިއީ ކޮންކަހަލަ ސަރުކާރެއް ހެއްޔެވެ؟ މިއީ ކޮންފަދަ ނުކުޅެދޭ ސަރުކާރެއް ހެއްޔެވެ؟ ގައުމު އޮތީ ބަނޑު ވިދިފައެވެ. އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގައުމު ދަރައި ވިކި ރައްޔިތުންގެ މުސާރައާއި ކުޅެ ގައުމު ބަނޑަށް އެބަޖެހެއެވެ. ރައްޔިތު އެކައުންޓުގައި ހުންނަ ލާރިކޮޅު ކާލައި ޕެންޝަން ލާރިކޮޅު ދަވާލައެވެ. ސަރުކާރު ހިންގަން އުޅެނީ އަނގައިންނެވެ.

މައްސަލައަކީ ރިޔާސީ ނިޒާމެއް ނޫނެވެ. މައްސަލައަކީ ވެރިކަމަށް ނުކުޅެދޭ ބަޔަކު ވެރިކަމާއި ޙަވަލުވިކަމެވެ.

ޖުމުހޫރީ ވެރިކަމެއް ނުހިންގުނު ބަޔަކަށް ރަސްކަމެއް ފަދަ ބަރުލަމާނީއެއް ހިންގޭނީ ކިހިނެއް ހެއްޔެވެ؟

ރައީސް ނަޝީދުގެ ޖުމުހޫރީ ވެރިކަމުގައި ބޮޑެތި ލޯނުތައް ނެންގެވިއެވެ. ދިރާގާއި ފެންކުންފުނީގެ ހިއްސާ ވިއްކަވާލެއްވިއެވެ. ޖީއެމްއާރަށް އެއާޕޯޓު ވިއްކަވާލެއްވިއެވެ. އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ގައުމަށް ލިބުނެވެ. ސުޕްރީމް ކޯޓުގައި ބޮޑުތަޅު އެޅުވިއެވެ. ޢަބުދުއްލާ ގާޒީ ގާނޫނާ ޚިލާފަށް ވަގަށް ނަގައި ނިޒާމުން ގެއްލުވާލިއެވެ. ކޮންފަދަ އިންސާފުވެރި ޑިމޮކްރަސީއެއް ތޯއެވެ؟ މަވޯޓާ ޝަރީފު ވިދާޅުވީ ތެދުފުޅެކެވެ. ބަރުލަމާނީގައި އޮންނާނީ ރައްޔިތުން އުލުބޭންދުމެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ މިތުރު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ލިބިފައިވާ ސާފު މެޖޯރިޓީ ބޭނުންކޮށްގެން ރާއްޖޭގެ ޖުމުހޫރީ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން މަސައްކަތްތަކެއް ކުރެވިދާނެއެވެ. އަދި ފަހަރެއްގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުވެސް ކުރެވިދާނެއެވެ. ނަމަވެސް އޭރުން ރައީސަކަށް ހުންނަވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ރައީސަކަށް ހޮވޭ ބޭފުޅެއްނޫނެވެ. މަޖިލީހުން ކަނޑައަޅުއްވާ ރައީސެކެވެ. އޭރުން ބޮޑު ވަޒީރަކަށް ހުންނަވާނީ ވެސް ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ބޭފުޅެއްނޫނެވެ. މަޖިލީހުން ބޮޑުވަޒީރަކަށް ހޮވާ ބޭފުޅެކެވެ. ޔަގީނުންވެސް މިހާރަށް ވުރެ އިތުރަށް ފައިސާގެ ނުފޫޒާއި ބާރު ވެރިކަމުގެ ތެރަށް ވެއްޓޭނެއެވެ. ކަރަޕްޓް މަޖިލީހެއްނަމަ ސަރުކާރެއް ބަދަލުވާކަށް މާގިނަ ވަތުގެއް ނުނަގާނެއެވެ. ދިވެހި ރައްޔިތުން އެ ގޮތް ގަބޫލުކުރާނޭ ހެއްޔެވެ؟

އެމްޑީޕީން ކުރި މަސައްކަތާ ގުޅިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ސިއްރު ވޯޓެއް ވަނީ 18 އޮގަސްޓު 2007 ގައި ނަގާފައެވެ. އެ ވޯޓުގައި ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި ބާއްވަން ފެންނަކަމަށް 58،504 މީހުން ވޯޓުދިން އިރު ރިޔާސީ ނިޒާމެއް ރާއްޖޭގައި ބޭއްވުމަށް 95،619 މީހުން ވޯޓު ދީފައިވެއެވެ.

ގައުމަށް ހެއު ވެރިކަމެއް ގެނެސްދޭން އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރި މީހުންގެތެރެއިން ވަރަށް ގިނަ ބަޔަކު މިއަދު ވަނީ ރައީސް ނަޝީދުގެ ބޯހަރުކަމާ ގުޅިގެން އެމްޑީޕީއާ ފެއަށް ޖެހިފައެވެ. އަނެއްބަޔަކު ތިބީ ވެރިކަމުގެ ދަހިވެތިކަމުގައި އެމްޑީޕީން ހެދި ކޯލިޝަނުގެ ސަބަބުން އެމްޑީޕީ ދެކެ ރުޅިގަދަވެފައެވެ. އަދި އަނެއް ބަޔަކު ތިބީ އެމްޑީޕީގެ ސިޔާސަތުގެ ސަބަބުންނާއި އެމްޑީޕީގެ ވެރިކަމުގައި ސިޔާސީ ޔަތީމުންނަށް ވުމުން އެމްޑީޕީއަށް ސަލާމް ބުނެފައެވެ. އަދި އޭގެ ކުރިން ރައީސް ނަޝީދުގެ ބޯހަރުކަމުން، އެމްޑީޕީގެ ފުރަތަމަ ވެރިކަން ދައުރު ފުރިހަމަ ނުވަނީސް ގެއްލިގެން ދިޔަކަމަށް ގަބޫލު ކުރާ ބަޔަކުވެސް އެމްޑީޕީގެ ތެރޭގައި އެބަތިއްބެވެ.

”ޣައިރު ގާނޫނީ އަމުރެއް ނުކުރާނަން.“ މިހެން ވިދާޅުވާން ޖެހުނު ދަނޑިވަޅު ރައީސް ނަޝީދު އެހެން ވިދާޅު ނުވުމުގެ ނަތީޖާއަކަށް ވީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމެވެ. އެއީ ބޯހަރުކަމާއި މަޝްވަރާ ގަބޫލު ނުކުރުމުގެ ލާމަސީލު މިސާލެކެވެ.

ދިވެހި ރާއްޖޭގެ ރައީސްކަން އަދި ބޮޑުވަޒީރުކަން އެންމެ މޮޅަށް ކުރެއްވޭނެ ކަމަށް ރައީސް ނަޝީދު އަމިއްލަފުޅަށް ގަބޫލު ކުރެއްވުމަކީ ވަރަށް ބޮޑު ގޯހެކެވެ. ދިވެހި ރައްޔިތުން ރައީސް ނަޝީދު ޓެސްޓު ކޮށްފިއެވެ. ދިވެހި ރައްޔިތުން ދަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޓެސްޓު ކުރަމުންނެވެ.

މިހާތަނަށް ފެނިފައިވާ ނަތީޖާއަށް ބަލާއިރު ރާއްޖޭގެ ރައީސްކަމާއި ބޮޑުވަޒީރުކަމާއި ރަސްކަން އެއްފަހަރާ ރައީސް ނަޝީދަށް ލިބިވަޑައިގަތަސް ގައުމަށް ކުރާނެ މަންފާއެއް ނެތެވެ. ގައުމު އިނދަޖެހުން ފިޔަވައި އެހެން ކަމެއް ނުވާނެއެވެ.

 

Loading

7 Responses

  1. މަވެސް ހިތައްއެރި ރައީސް ސޯލިޙު ކައިރީ ބުނެލީމާ އޭނެއަށް އެކަން ކޮށްދެވިދާނެބާއޭ<
    ރަސްކަލެއްނަމަ ސޯލިހަށް އެގޮތަށް ހެދިއްޖެތޯއްޗެކެވެ. ދެން ހަމަ ބޯހަލާކު!

  2. ރައީސް މައުމޫނުގެ ވެރިކަންވެސް ނިމުނީ ހަމަ ބޯހަރުކަމުން ވެރިކަމުގެ ދަހިވެތިކަމުގައި މީހުން ގުދާރު ބިންދައިގެންވެސް ވެރިކަމުގައި ހުންނަން ހަދައިގެނެވެ. ނަޝީދަށްވެސް މިލިބެން އުޅެނީ އަލަނޑެވެ. އެހާ ވެރިކަމަށް ދަހިވެތި ވެއްޖެނަމަ ބުއްދިފިލާ ދާނެއެވެ. ދެން އޭރުން ހަމަ ހީވާނީ ހަވާސާގައި ހުރެވޭހެނެވެ. އެގޮނޑީގައި ނީށިންދެވޭހާއިރަކު ހަމަ ހަވާސާ ހަވާސާ ހެން ހީވާނެއެވެ. ވަރަށް ދެރަކަމެއް. ދެރައީ ޑިމޮކްރެސީއޭ ކިޔައިގެން ހަޅޭލަވަމުން އެކުޅިގަނޑު ކުޅޭތީއެވެ.

  3. ވަރަށް ރަގަޅު މައުލޫމާތުން ފުރިގެންވާ ރިޕޯޓެއް. ނަޝީދުގެ ހުރިހާވެސް ބޭނުމަކީ ދިވެހިރައްޔިތުންނަށާއި މުޅި ދުނިޔެއަށް އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަން އަބަދު ދެއްކޭނެ ގޮތެއް ހޯދުން.

  4. އަޅުގަނޑުގެ ޙަޔާތުގައި ފެނުނު ރައީސުންކުރެ ޢެންމެ ތާކުން ތާކު ޏުޖެހޭ ޜައީސުން ސަވާރުވީ އެމް ޑީ ޕީ އިން!! އެޕާޓީން ޜައީސް ކަމަށް އައިސްފައިވަނީ ޢިޚްލާސްތެރިކަމެއްނެތް ތަންދޮރު ނުދަންނަ މީހުން!! މަކަރު ޥެރިން!!

  5. މަބުނެލަން އޮތީ އަންނިބެއޭ ރައީސް ސޯލިޙު 5 އަހަރު ވެރިކަން ކުރިޔަ ދޭށޭ! ކަލެއަށް ދިނީމާ ކަލޭ އޮޑި ފަރަށް އަރުވައި ފުންމާލީނޫންހޭ. ތިއީ ވަރަށް ދެރަގޮތެކެވެ. މިގައުމުގައި ވެރިކަން ކުރަން ކަލޭނޫނީ ރަނގަޅު އެކަކުވެސް ނެތޭ ތިމާ ތިމާގެ ހިތައްއެރުމީ ނުރައްކާތެރި ބައްޔެކެވެ. ތިކަމަށް ވެކްސިނެއްވެސް ނުހެދޭނެއެވެ. ވަރަށް ދެރަ!

  6. ނަޝީދު ކުރުވިކަމަކީ މިގައުމުގައި އެކަކު އަނެކުންނަށް ކުރާ ގަދަރާއި ރަޙުމް ދުއްވާލުމެވެ. އޭނައަށް އޭނަ ބޭނުންވާ ކޮންމެގޮތެއް އެއީ މިގައުމުގެ އެންމަނަށް އެންމެ މޮޅުގޮތްކަން ދެކުމަކީ އޭނާގެ އެންމެބޮޑު ކުށެވެ. ދައްކަނީ ޑިމޮކްރެސީ އާއި ޚިޔާލުތަފާތުމީހުންގެ ގުޅިގެން އުޅެން ޖެހޭނެ ވާހަކައެވެ. އެއީ ހަމަ އެކަނި އިލެކްޝަން ކާމިޔާބު ކުރުމަށް އެހެން މީހުންގެ ބޮލަށް އެރުމަށް ދޫކުރާ ވައިރެސްއެއްކަން މިހާރު އެގުނީއެވެ. ތެދުވެރި ހިތެއްނެތް އިންސާނާ ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. މިފަހަރުވެސް ވެރިކަން އަތަށްގޮއްވާލުމާއި ދިމާއަށް ދާންއުޅޭހެން ހީވެއްޖެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް