އެއްދުވަހުގެ ތެރޭގައި އިންޑިއާގެ ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެއެވެ.
ކޮރޯނާ ވައިރަހަށް އިންޑިއާއިން ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ތަރިންކަމަށްވާ އަކްޝޭ ކުމާރާއި ގޯވިންދާ ފަދަ އެތައްއެތައް ބަޔަކު ވެސް ހިމެނެއެވެ.
އިންޑިއާގައި އާދަޔާ ޚިލާފަށް ކޮރޯނާ ވައިރަސް އިތުރުވާން ފެށީ ހަމަސް ދުވަސް ފަހުންނެވެ.
މި ހަފުތާ ފެށުނުއިރު އިވުނީ އެއްދުވަހުގެ ތެރޭގައި އިންޑިއާގެ 93 ހާސް މީހުންނަށް ކޮރޯނާ ވައިރަސް ޖެހުނު ޚަބަރެވެ. މުޅިގައުމުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން ވެރިވެފައި ވަނިކޮށް ދެން އިވުނީ އެއްދުވަހުގެ ތެރޭގައި އިންޑިއާގެ 1,03,558 މީހުން ކޮރޯނާ ވައިރަހަށް ފައްސިވީ ވާހަކައެވެ.
އެއްލައްކަ އަށް ވުރެ ގިނަ މީހުން ކޮރޯނާ ވައިރަސްއަށް ފައްސިވުމާ ގުޅިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ އާދީއްތަ ދުވަހު ކަމާ ބެހޭ އިސް ބޭފުޅުންނާ މަޝްވަރާކުރައްވާފައެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު 97894 މީހުންނަށް ކޮރޯނާ ވައިރަސް އެއްދުވަހުގެ ތެރޭގައި ޖެހުނު ފަހުން ބަލި ޖެހުމުމުގެ ރެކޯޑު މިހައި މައްޗަކަށް މިދިޔައީ ހަފުތާ ފެށުނު ދުވަހުގައެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި އާދަޔާ ޚިލާފު ބާރުމިނެއްގައި ކޮރޯނާ ވައިރަސް ފެތުރެންފެށީ މާސްކް އެޅުމާއި ގައިދުރުކުރުން ފަދަ ކަންތައްތައް ނުކޮށް އިންޑިއާގެ ރައްޔިތުން އުޅެމުންދާކަމުގެ އަޑުތައް ފެތުރިފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ.
އިންޑިއާގައި ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދަނީ މަހާރާޝްޓްރާގައެވެ. އާދީއްތަ ދުވަހު އެކަނިވެސް މަހާރާޝްޓްރާގެ 57074 މީހަކަށް ވައިރަސްގެ އަސަރުކޮށްފައިވެއެވެ.
ކޮރޯނާ ވައިރަސް އާދަޔާ ޚިލާފަށް އިތުރުވެ ނުރައްކާތެރިކަން ފެތުރުމާ ގުޅިގެން މަހާރާޝްޓްރާގެ ސިނަމާތަކާއި ރެސްޓޯރެންޓްތަކާއި ވިޔަފާރިކުރާ ބޮޑެތި މަރުކަޒުތައް ވަނީ ބަންދުކޮށްފައެވެ. އަދި ރޭގަނޑު ކާފިއު ހިންގުމުގެ އިތުރަށް ހަފުތާ ބަންދުގައި ފުރަބަންދުކޮށްފައި ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.
މަހާރާޝްޓްރާ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ ސަރުކާރުން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހުކުރުދުވަހުގެ ރޭގެ 8.00އިން ފެށިގެން ހޯމަދުވަހުގެ ހެނދުނު 7.00އާ ހަމައަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.
މިދިޔަ ހަފުތާގައި އިންޑިއާއިން ވަނީ ވެކްސިން ދިނުމުގެ މަސައްކަތް ފުޅާކޮށް އުމުރުން 45 އަހަރުން ފެށިގެން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށާފައެވެ. ސަރުކާރުން ކަނޑައަޅާފައި ވަނީ ޖުލައިގެ ނިޔަލަށް ގައުމުގެ 30 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. ނަމަވެސް އެ ލަނޑު ދަނޑިއަށް ވާސިލުވެވޭނެ ކަމަކަށް ނުބެލެވެއެވެ.
އެމެރިކާއާއި ބުރެޒިލްގެ އިތުރަށް ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވަނީ އިންޑިއާގައެވެ. އިންޑިއާއަކީ މުޅިދުނިޔެއަށް ބަލާއިރު އެންމެ ގިނައިން ވެކްސިން ހަދާ ގައުމަށް ވިޔަސް، ކޮރޯނާ ވައިރަސް ނައްތާލުމާއި ވެކްސިން ދިނުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން އެ ގައުމުން ކޮރޯނާ ވައިރަސް ނައްތާލުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދެއެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު ދަށަށް ދިއަޔަސް ފަރަން ސޭސިވިލާތުގައި ބަލިޖެހޭ މީހުންގެ އަދަދު ދަނީ މައްޗަށެވެ. އެކަމާ ގުޅިގެން އެ ގައުމުގައި ހަރުކަށި ފިޔަޅުތައް ދަނީ އަޅަމުންނެވެ.
އިންޑިއާގެ އަވަށްޓެރި ގައުމެއްކަމުގައިވާ ބަނގްލާދޭޝްގައި ވެސް ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެ ގައުމު ވަނީ ހަފުތާއަކަށް ފުރަބަންދު ކޮށްފައެވެ.
One Response
ތި ކޮވިޑް ޝީލްޑް ޖެހީމާ ވާގޮތެއްބާ؟ އަޅެ ސަމާސަނުކޮށް އިންޑިއާ އެމްބަސީއިން އޮޅުންފިލުވާފަ ޢާންމުނަށް ބުނެލަދީބަލަ. ޕްލީޒް. މުޅިން އޮޅޭގޮތްވެއްޖެއެވެ. ވެކްސިން ތަޅަން ފެއްޓީވާ ޢަދަދު ގިނަވަނީ. ރާއްޖޭގައިވެސް 300 އެރީމާ އެ ދޫކޮށްލީ އެމީހަކު ދުއްވާނެވަރަކަށް ދުއްވަން. 35 ގައި ހުރިއިރު އޯކޭ އެއްނޫން. ދެން މި ޖޯކަކަށްވަނީނު. ބުނަލަދެއްވުން އެދެމެވެ.