ހިންދޫ ނޭޝަނަލިސްޓް ލީޑަރެއް ކަމުގައިވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބަނގްލާދޭޝްއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށް މުޒާހަރާ ކޮށްފިއެވެ.
ބަނގްލާދޭޝްގެ ނޫސްތަކުން މައުލޫމާތުދިންގޮތުގައި އެ މުޒާހަރާތަކުގައި ފާއިތުވީ ދުވަސްތަކުގެ ތެރޭގައި 12 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ފާއިތުވި އާދިއްތަދުވަހު އީސްޓަން ބަންގްލަދޭޝްގެ ހިންދީ ފައްޅިތަކަށާއި ދަތުރުފަތުރުކުރާ އުޅަނދުތަކަށް ހަމަލާދީފައެވެ.
ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މިދިޔަ ހުކުރު ދުވަހު ފަސް މީހުންވަނީ މަރުވެފައެވެ. އަދި ޖެހިގެންއައި ހޮނިހިރު ދުވަހު ފުލުހުންވަނީ މުޒާހަރާގެ 6 ބައިވެރިން ބަޑިޖަހާ މަރާލާފައެވެ.
މުޒާހަރާގެ ބައިވެރިން ނުރުހުން ފާޅުކުރަމުން ދިޔައީ އިންޑިޔާގައި މުސްލިމުންނާދެކޮޅަށް ބޮޑުވަޒީރު މޯދީ އިސްނަންގަވައިގެން ލާއިންސާނީ އަނިޔާތައް ދެމުން ގެންދާއިރު، މުސްލިމުންގެ އާބާދީ ބޮޑު ގައުމެއްކަމުގައިވާ ބަންގްލަދޭޝްއަށް މޯދި ޒިޔާރާތް ކުރައްވާތީއެވެ.