ޕާކިސްތާނުގެ ރައީސް ޑރ. ޢާރިފް ޢުލަވީއާއި ބޮޑު ވަޒީރު ޢިމްރާން ޚާނާއި ދިފާއީ ވަޒީރު ޕަރްވޭޒު ޚަޓަކު ވެސް ކޮވިޑް-19 އަށް ފައްސިވެ މިވަގުތު ތިއްބެވީ ކަރަންޓީނުގައެވެ.
ރައީސް ޑރ. ޢާރިފް ކޮވިޑް-19 އަށް ފައްސިވީކަން ހާމަވެގެންދިޔައީ ކުރެއްވި ޓްވީޓަކުންނެވެ. އެ ޓްވީޓުގައި އެމަނިކުފާނު ކޮރޯނާ ވެކްސިންގެ ފުރަތަމަ ޑޯޒު ޖައްސަވަފައިވާކަމަށާއި އަދި ދެވަނަ ޑޯޒު ހަފުތާއެއް ފަހުން ޖައްސަވަން ރާއްވަވާފައިވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ކޮވިޑް-19ގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ހެއު ދުއާ ކުރެއްވުމުގެ އިތުރަށް ބަލިން ރައްކާތެރިވުމަށް އެދިވަޑައިގެންފައިވެއެވެ.
ރައީސްގެ އަނބިކަނބަލުން ޘަމީނާ ކުރެއްވި ޓްވީޓެއްގައި ރައީސްގެ ޙާލުކޮޅު ނުރައްކާތެރިނޫންކަމަށާއި އެކަމަނާ ޓެސްޓް ހެއްދެވި އިރު ނަތީޖާ ނައްސިކަމަށް ވެސް ވިދާޅުވެފައިވެއެވެ.
”އަޅުގަނޑު ހުރިހާ ބޭފުޅުންގެ އަރިއަހުންވެސް އެދެނީ ވެކްސިން ޖެއްސެވުމަށާއި ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅުއްވައިގެން އުޅުއްވުމަށް.“ ޘަމީނާ ލިއުއްވާފައިވެއެވެ.
ޘަމީނާ ވެސް ހުންނެވީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިގެންނެވެ.
ޕާކިސްތާނުގެ ދިފާއީ ވަޒީރަށް ކޮވިޑް-19އަށް ފައްސިވީކަން އެނގުނީ ބަލީގެ އަލާމާތްތަކެއް ފެނިވަޑައިގަތުމުން ޓެސްޓު ހެއްދެވުމުންނެވެ. ދިފާއީ ވަޒީރުވެސް ވަނީ ޕާކިސްތާނުގައި ކޮރޯނާ ވައިރަސްގެ ތިންވަނަ ރާޅެއް ފެތުރެމުން ދާކަމަށާއި ރައްޔިތުން ރައްކާތެރިވެގެން އުޅުމަށް އެދިވަޑައިގެންފައެވެ.
ބޮޑުވަޒީރު ޢިމްރާން ޚާން ކޮވިޑް-19 އަށް ފައްސިވީކަން އެނގުނީ ބަލީގެ އަލާމާތްތަކެއް ހުރިކަން އެނގިވަޑައިގަތުމުން ޓެސްޓު ހެއްދެވުމުންނެވެ.
މި މަހު 20 ވަނަ ދުވަހު ކޮވިޑް-19 އަށް ފައްސިވެވަޑައިގެންނެވި ޢިމްރާންގެ ހާލުކޮޅު ރަނގަޅެވެ. ކޮވިޑަށް ފައްސިވުމުގެ ދެ ދުވަސްކުރިން ޢިމްރާން ޚާން ވަނީ ބަލިން ދިފާއުވުމަށް ވެކްސިން ޖައްސަވާފައެވެ.