އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 273،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެންމެ ފަހުގެ ވޯޓާސް ލިސްޓުގެ އަދަދަކީ 273،128 މީހުން ކަމަށެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު ފަސްކުރުމުން، އެއް އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ކުރީކޮޅުގެ ތެރޭގައި ބާއްވަން އުޅުނު މި އިންތިހާބު ފަސް ކުރަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެންނެވެ. މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން އަންނަ މަހުގެ 10 ވަނަ ދުވަހު މި އިންތިހާބު އޮންނާނެއެވެ.
މި އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ކަނޑައަޅާފައި ވަނީ 51 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި ގައިޑްލައިންގައި ހުރި ކަންކަން ފުރިހަމަކޮށްގެން އިންތިހާބު ބާއްވާތީ އިތުރަށް 29.8 މިލިއަން ރުފިޔާ ބޭނުންވި އިރު، މިހާރު އެ ކޮމިޝަނަށް ވަނީ އެ އަދަދަށް ފައިސާ ދީފައެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބުގައި 2، 2،264 އަދި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުން ވާދަކުރެއެވެ.