އިންޑިއާގެ ބޮޑުވަޒީރާ ދެކޮޅަށް ބަނގުލާދޭޝްގައި މުޒާހަރާ: މޯދީއަކީ ގާތިލެއް، އިންޑިއާއަށް އެނބުރި ވަޑައިގަންނަވާ!

651

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ބަނގުލާދޭޝްގެ ވެރިރަށް ޑާކާގައި ވަރުގަދަ މުޒާހަރާއެއް ބާއްވައިފިއެވެ. އެ މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވީއިރު އޭގެތެރޭގައި ޑާކާ ޔުނިވަސިޓީގެ ދަރިވަރުން ވެސް ގިނަ އަދަދަކަށް ބައިވެރިވެ މޯދީއާ ދެކޮޅަށް އަޑުއުފުލަމުން ދިޔައެވެ.

ބަނގުލާދޭޝްގެ 50 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި އެ ގައުމުގައި ބާއްވަން ހަމަޖެހިފައިވާ ކުލަގަދަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މާޗުމަހުގެ 26 ވަނަ ދުވަހު ބޮޑުވަޒީރު މޯދީ ބަންގުލާދޭޝަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ހުކުރުނަމާދުން ފައިބައިގެން ފެށި މުޒާހަރާގައި ބައިވެރިވި މީހުން އިންޑިއާއާއި ބޮޑުވަޒީރު މޯދިއާ ދެކޮޅަށް އަޑުގަދަކޮށް ހަޅޭލަވަމުންދިޔައެވެ. މޯދީ ބަނގުލާދޭޝްއަށް ވަޑައިނުގަތުމަށް އެދި އެމީހުން ގޮވަމުން ދިޔައެވެ.

ޑާކާ ޔުނިވަސިޓީގެ އެތައް ސަތޭކަ ދަރިވަރުން ބޭއްވި ހިނގާލުމުގައި ގުޖުރާތުގައި މޯދީ ޗީފް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ގަތުލު އާންމުގެ ހަނދާންތައް އައުކޮށް އަޑުއުފުލަމުން ދިޔައެވެ.

ބޯޑު ހިފައިގެން ތިބި ޒުވާން ކިޔަވާކުދީން ” މޯދީ އެނބުރި ވަޑައިގަންނަވާ!” އަދި “މޯދީ އެނބުރި އިންޑިއާއަށް ވަޑައިގަންނަވާ!” އަދި “ގާތިލު މޯދީ! އެނބުރި ވަޑައިގަންނަވާ!” މިފަދަ އިބާރާތްތައް ބޭނުންކޮށް އަޑުގަދަކުރަމުންދިޔައެވެ.

މޯދީ ގުޖުރާތުގެ ޗީފު މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު 2002 ގައި ހިންދޫން މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާންމުގައި އެތައް ސަތޭކަ މުސްލިމުން ގަތުލުކޮށް ގޭގޭގައި ހުޅުޖަހައި އަންދައި މުސްލިމުންނަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ގެއްލުން ދީފައިވެއެވެ. ފުލުހުން ތިބީ ކުޅިބަލާށެވެ. އެކަން ހުއްޓުވުމަށް މަސައްކަތެއް ނުކުރެއެވެ.

މުސްލިމުންނާ ދެކޮޅަށް ހިންގި ފަސާދައިގެ ޒިންމާ އެޅުނީ ސަރުކާރުގެ ބޮލުގައެވެ. މޯދީގެ ސަޕޯޓަރުން ހިތްވަރުދީގެން، ހައްދުފަހަނަޅާފައިވާ ހިންދޫން ހިންގި އެ ރަހުމުކުޑަ އަނިޔާވެރި ޖަރީމާއާ ގުޅިގެން މުސްލިމުންނަށް ލިބުނު ބަދަލެއް އިންސާފެއް ނެތެވެ.

ބަނގުލާދޭޝްގައި މޯދީއާ ދެކޮޅަށް މުޒާހަރާ ކުރި މީހުން ގައުމުގެ ބޮޑު ވަޒީރު ހަސީނާ، އިންޑިއާގެ ބޮޑުވަޒީރަށް ދައުވަތު ދެއްވީތީ އެކަމަށްވެސް ވަރަށް ބޮޑަށް ފާޑުކިޔައި އަޑުއުފުލަމުން ދިޔައެވެ. އެމީހުން ގޮވަމުންދިޔައީ ދެގައުމުގެ ދެމެދުގައި އެތައް މައްސަލައެއް ވާހަކަދައްކައިގެން ހައްލު ނުކުރެވިފައި ވާކަން ފާހަގަކޮށް މޯދީގެ ދަތުރު ކެންސަލް ކުރެއްވުމަށެވެ.

ހައްދުފަހަނަޅާފައިވާ ހިންދޫން އިންޑިއާގެ މުސްލިމުންނަށް އަނިޔާކުރަމުންދިއުމުގެ އިތުރަށް، އިންޑިއާގައި އުޅޭ ބަނގުލާދޭޝް މީހުންނަށް ވެސް އަނިޔާކޮށް ޖެއްސުން ކުރަމުންދާކަމަށް ބުނެ މޯދީގެ ސިޔާސަތާ ދެކޮޅަށް ވަރަށް ބޮޑަށް މުޒާހަރާގައި ނުރުހުން ފާޅުކުރަމުންދިޔައެވެ.

ޑާކާގެ ބައިތުލް މުކައްރަމް މިސްކިތްދޮށުގައި މޯދީއާ ދެކޮޅަށް މުޒާހަރާކުރި ބައެއް މީހުން ބުނިގޮތުގައި ބޮޑު ވަޒީރު ހަސީނާ، ބޮޑުވަޒީރު މޯދީއާ އޮތް ގުޅުމެއްގެ ސަބަބުން މޯދީއަށް ދައުވަތުދެއްވިނަމަވެސް އެމީހުން ހާމަކުރަމުންދަނީ ރައްޔިތުންގެ ހިތުގައި މޯދީއާމެދު އުފެދިފައިވާ ރުޅިވެރިކަމުގެ ޝުޢޫރުތަކެވެ.

ބަނގްލާދޭޝްއަށް މޯދީ ކުރައްވާ ދަތުރުފުޅަކީ ކޮރޯނާ ވައިރަހުގެ ސަބަބުން ބޭރުގައުމުތަކަށް ދަތުރުނުކުރައްވައި ހުންނަވާތާ އަހަރެއްހާ ދުވަސް ފަހުން ގައުމުން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ.

މޯދީއާ ދެކޮޅަށް ބަނގުލާދޭޝްގައި ހުކުރު ދުވަހު ކުރި މުޒާހަރާގެ ސަބަބުން މިމަހު 26 ވަނަ ދުވަހު މޯދީ ބަންގުލާދޭޝައަށް ކުރައްވައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ސަލާމަތީ ކަންތައްތައް ވަރަށް ބޮޑަށް ވަރުގަދަ ކުރެވޭނެއެވެ.

 

1 ހިޔާލު

  1. ބައެއް ނޭންގާނީ ގައުމުތަކުގައި އެހެން ދިމާވާނެއެވެ. ދިވެހިރާއްޖޭގައި މޯދީ ޖީ ވަރެއް ނެތެވެ. ހަކުރު ދެންޏާ ބޮޑުބޭނެ ނޫންތޯއެވެ. ޝާހިދަށް އެއީ ދުނިޔޭގެ އެންމެ ޙަމްދަރުދީގެ ބާނީއެވެ. ނަޝީދަށް އޭނާ އަކީ ނަޝީދުގެ އުންމީދުގެ ބައްތީގެ ހުޅުކޮޅެވެ. ދެން މިސަރުކާރަށް އޭނާއަކީ އެބޭފުޅުންގެ އޭޓީއެމް މިޝިނެވެ. އޯކޭ ނު؟

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ