ދިވެހިންގެ ފަޚްރުވެރި މަގޭ ދިވެހިބަސް

Loading

Facebook
Twitter
WhatsApp

ދިވެހިބަހަކީ ދިވެހި ވަންތަކަމުގެ އެއް ހަގީގަތެވެ. ދިވެހިބަހާ ނުލައި ދިވެހިވަންތަކަން ފުރިހަމަ ނުވާނެއެވެ. ދިވެހި ބަހާމެދު ކޮންމެ ދިވެއްސަކުވެސް ފަޚްރުވެރި ވާނެއެވެ. އަމިއްލަ ވަޒަނަކާއި އަމިއްލަ ބަހެއް އޮތުމަކީ ހަމަ ގައިމުވެސް ދެބަސްވެވެން ނެތް ބޮޑު ނަސީބެކެވެ. އަދި އެބަހުން ލިއެކިއުމަށް ބޭނުންކުރާ އަކުރުތަކެއް ލިބިފައިއޮތުމަކީ ކޮންމެ ދިވެއްސަކުވެސް ޝުކުރުވެރި ވާންޖެހޭނެ ކަމެކެވެ. ކާބަފައިންނަށްޓަކައެވެ. އަހަރެމެންނަށްޓަކައި އެކަން ކޮށްދީފައި އޮތީމައެވެ. ފަހުގެ އެދުރުބޭކަލުންނަށެވެ.

ކާބަފައިންގެ އެ އަގުހުރި މަސައްކަތުގެ އަގު ފުރިހަމަގޮތުގައި ވަޒަންކޮށް ދިވެހި ބަހާއި ބަހުގެ އަކުރުތައް ފުރިހަމަކޮށް ދެއްވި ކަމަށްޓަކައެވެ. މިހާރުގެ އުސްތާޒުންނަށެވެ. ޒަމާނާ ގުޅޭގޮތުން ދިވެހިބަހަށް ގެނެސް ދެއްވާ ފުރިހަމަ ކަމަށްޓަކައެވެ. އެހުރިހާބޭފުޅުންނަށް ހައްގުވެގެންވާ އިޙުތިރާމާއި ޠާޢަތު އަދާކުރަމުން ޝެއިޚް ޖަމީލް ދީދީ އާއި އުސްތާޒު ޝިހާބުގެ ނަންފުޅު ފާހަގަ ކޮށްލާނަމެވެ.

އަޅުގަނޑުމެން ބޮޑުވެގެން އައިދުވަސްވަރު އެބޭފުޅުންގެ ތަގުރީރުތައް އަޑުއަހާލުމުގެ ފުރުސަތު ލިބިފައިވާތީ އެހަނދާންތައް ހިތުން ފޮހެވިގެނެއް ނުދެއެވެ. މިހާރަށް ބަލާލާއިރު ޢަބްދުއްރަޝީދު ޙުސައިނާއި ކަށިމާ އަޙުމަދު ޝާކިރު ފަދަ ބޭފުޅުންގެ ވާހަކަ ދެއްކެވުން އަޑުއިވިގެންދާއިރު އިނދެވެނީ އާޝޯޚް ވެ ހައިރާންވެފައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ދިވެހިބަހަކީ ހާދަހާވާ ރީތި ބަހެކެވެ. މިފަދަބޮޑު ނިއުމަތެއް ލިބިފައިވީ ނަމަވެސް މިހާރަކަށްއައިސް ބައެއް ދިވެހިން ދިވެހިބަހާމެދު ފަރުވާކުޑަކުރާކަން ހިތާމައާއެކު ފާހަގަކޮށްލާންޖެހެއެވެ.

އަޅުގަނޑަށް ކުރެވުނު ތަޖްރިބާއެއް މިތާގައި ބަޔާންކޮށްލަން ގަސްދު މިކުރަނީ މިކަމުގެ މުހިންމުކަން ފާހަގަކުރެވުނުލެއް ބޮޑުކަމުންނެވެ. އެއީ ސަރުކާރުގެ އިދާރާއަކަށް ދާންޖެހުނު ދުވަހެކެވެ.

ރިސެޕްޝަނަށް އަޅުގަނޑުގެ ސިޓީ ދިނުމުން އެތަނުގައި އިންކުއްޖާ އަޅުގަނޑާ މުޚާޠަބުކޮށް ބުނުއްވިއެވެ. “ މާދަމާ އަންނަނީ… ޖަވާބު ހުންނަނީ.“

އަޅުގަނޑަށް ލިބުނު ޙައިރާން ކަމާއެކު އެގޮތަށް ވާހަކަދެއްކީ ކީއްވެގެންތޯ ސުވާލު ކުރީމެވެ.

ޖަވާބުގައި އޭނާ ބުނުއްވީ އަޅުގަނޑަކީ ބިދޭސީއެއްކަމަށް ހީކޮށް އެގޮތަށް ބުނެވުނީ ކަމުގައެވެ.

ބިދޭސީ އަކާ މުޚާޠަބު ކުރާއިރުވެސް ދިވެހިބަހުގެ ގަވައިދުތަކާއެއްގޮތަށް ރީތިކޮށް ބަސްމަގު ބެހެއްޓުމަށާއި ބިދޭސީ މީހާއަށްވެސް ދިވެހިބަސް ދަސްވާނީ އޭރުންކަމަށްބުނެދީ އޭނާއަށް ނަސޭޙަތްތެރިވީމެވެ. ކޮންމެ މީހެއްގެ ފަހަތުން މިގޮތަށް ނަސޭޙަތް ދެމުން ދެވޭނެ ހެއްޔެވެ؟

ހަމަމިގޮތަށް ބަލާއިރު އޮންލައިން ނޫސްތަކާއި ކޮމެންޓްތަކުގައިވެސް ވަރަށް ގިނަފަހަރު ދިވެހިބަހުގެ ގަވައިދުތަކަށް ބަލާނުލެވި ފިކުރެއްނެތި ލިޔެފާ ހުންނަތަން ފެނެއެވެ. ދިވެހިބަސް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދު ދިރިތިބީންނަށް ނުކޮށްދޫކޮށްލުމަށް އުޒުރު ދެއްކޭނެ ކަމެއް ނޫނެވެ.

 

Loading

2 Responses

  1. ދިވެހި ބަހުގެ ވިދާރާ އިން ބަހުގެ ޒިއްމާ ނަގައިގެން ތިކުރަނީ ކޮން ކަމެއް ހެއްޔެވެ. ނޫސް ތަކުގައި ބަހުގެ ހަމައިން ނެއްޓި ލިޔަމުންދާއިރު ކުރެވުނީ ކޮން ކަމެއް ހެއްޔެވެ. ހައްލަކީ މަސައްކަތެއް ކޮށްގެން ކުރެވޭނެ ކަމެކެވެ.ކޮންމެ ނޫހެއްގަވެސް އެޑިޓަރު ކަން ކުރެވޭނީ އެކެޑަމީގެ ހުއްދަ އޮތް އެޑިޓަރަކަށް ވާން ޖެހެއެވެ…ތިޔަހެން ދައްކާ ވާހަކަ އަކުން ރަނގަޅެއް ނުކުރެވޭނެއެވެ.

  2. އެއްދުވަސްވަރެއްގައި ދިވެހިބަސް ގާދޫކޮލުން ބޭރުވެގެންދާތަން ފެނުމުން ވަރަށް ފޯރީގައި އަނބުރާގެންނަން މަސައްކަތްކުރިއެވެ. މިހާރު ރާއްޖޭގެ އިންފާރުގެ ތެރޭގައި ބާއްވައިގެން ބަސް ހަލާކުވަމުންދާތަން ބަލަން ތިބެނީއެވެ. އެއްދުވަހަކު މަޖީދީމަގު އަތަމާޕެލަސް ކުރިމަތީގައިކަހަލަގޮތަކަށްތިބެ ދެ ބަންގާޅީން އެކަކު އަނެކަކަށް ދިވެހިބަހުން ބަވަމުން ޒުވާބުކުރަމުންް ގެންދިޔައިރު އަޑުއަހަން ހުރީމެވެ. މަންމަނަކަސް އަޅުގނަޑަށް އަޑުއިވެއެވެ. އިތުރު ބަޔަކުވެސް މަންޒަރު ބަލަންތިއްބެވެ. ޒުވާބު ނިމިގެން އެ ދެމީހުން ހިނގައިގަތީމާ ކައިރީގައި ހުރިދިވެއްސަކު ކައިރީގައި އެދެމީހުންކުރީ ކޮން ޒުވާބެއްތޯ އަހާލީމެވެ. ޖަވާބުގައި އެމީހާބުނީ އެ ދެމީހުންނަށްވެސް ކިއުނުއެއްޗެއް ދޭހަވި ކަމާމެދު ޝައްކެވެ. މިއީ ދިވެހިބަހަށް މިހާރު ވަމުންދާގޮތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް