ރައްޔިތުންގެ މަޖިލީހުން ކޮމިއުނިކޭޝަން މިނިސްޓަރ މަލީޙުގެ އިތުބާރެއްނެތޭ ބުނެ ކެބިނެޓުން ބޭރުކޮށްފި

Loading

Facebook
Twitter
WhatsApp

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙު ޖަމާލުގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަގާމުން ވަކިކޮށްފިއެވެ.

މިނިސްޓަރ މަލީހުގެ މައްޗަށް އިތުބާރުއޮތްތޯ ބަލަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެތެރެއިން އޭނާ ވަކިކުރަން ފެންނަކަމަށް ވޯޓު ދެއްވީ 59 މެންބަރުންނެވެ. އެއް މެންބަރަކު މަލީޙު ވަކިކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓުދެއްވިއެވެ. ހަތަރު މެންބަރަކު ވަކިގޮތަކަށް ވޯޓު ނުދެއްވައެވެ.

ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި މިނިސްޓަރަ މަލީޙު މަގާމުން ވަކިކުރެއްވީ މަލީޙުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައި އެކަމާ ބެހޭ ގޮތުން މަޖިލީހުގައި ބަހުސްކުރުމަށްފަހުގައެވެ. މަލީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޡިމް އިސްވެ ހުންނަވައި އެ ޕާޓީގެ 14 މެންބަރުންގެ ސޮޔާ އެކުގައެވެ.

މަލީޙުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގެ މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީން ހަދަންޖެހޭ ބައެއް ގަވާއިދުތައް މިނިސްޓަރު ކަމުގައި މަލީޙު މިހާތަނަށް ހުންނެވި ދެ އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލެވިފައި ނުވުމެވެ.

ޖަވާބުދާރީވެވަޑައިގަންނަވަން މިނިސްޓަރ މަލީޙަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވިދާޅުވީ އަދާކުރައްވަން ޖެހޭ ހުރިހާ ޒިމާތަކެއް އަދާކުރައްވާފައި ވާނޭކަމަށެވެ.

މަލީޙަކީ ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

މަޖިލީހުގައި ވާހަކަދެއްކެވި އެމްޑީޕީގެ ބައެއް ބޭފުޅުން ވަނީ މަލީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި މިހާތަނަށް ދިޔައިރު ވެސް ޖޭޕީގެ ރައީސް ޤާސިމް އިބްރާހީމް ވެސް އަދި އެ ޕާޓީގެ މަޖިލިސް އެހެން މެންބަރަކުވެސް މިނިސްޓަރ މަލީޙުގެ ދިފާއުގައި އެއްވެސް އެއްޗެއް ވިދާޅުވެފައި ނެތްކަން ފާހަގަކުރައްވައި އެއީ ޖޭޕީން ވެސް މަލީހަށް އިތުބާރު ނުކުރައްވާކަމުގެ ދަލީލެއްކަމުގައި ދައްކަވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ތިމަރަފުށީ ދާއިރާގެ ޖޭޕީ މެންބަރ ޢަބްދުﷲ ރިޔާޒު މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ މަލީޙަކީ ތައުލީމީ، ގާބިލު، އަދި ހިންގުންތެރި އިތުބާރު ކުރެވޭ ބޭފުޅެއްކަމުގައި ވިދާޅުވިއެވެ.

”ސިޔާސީ ގޮތުން މަލީޙާ ދޭތެރޭ ކަންކަން ކުރަނީ، މަލީޙް މަސައްކަތެއް ނުކުރައްވައިގެނެއްނޫން ވަކިކުރަން މި އުޅެނީ،“ ރިޔާޒު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒު ފިޔަވައި ޖޭޕީގެ އެހެން މެންބަރަކު މިނިސްޓަރ މަލީޙްގެ ދިފާއުގައި މަޖިލީހުގައި ވާހަކަފުޅެއް ނުދައްކަވައެވެ. ނަމަވެސް މަޖިލީހުގައި ވާހަކަފުޅުދެއްކެވި ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން މަލީޙުގެ ދިފާއުގައި ވާހަކަފުޅުދެއްކެވިއެވެ.

މިނިސްޓަރ މަލީޙަށް ދިފާޢުވުމުގެ ގޮތުން ލިބިވަޑައިގެންނެވި 30 މިނިޓުގައި ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ މެންބަރުން ވަޒީރުންނަށް ހުރަސް އަޅައި ބިރުދައްކާ ކަމަށާއި

ޖެންޑަރ މިނިސްޓަރަކަށް ޝިދާތާ ހުންނެވި ދުވަސްވަރު އޭނާއަށް ބިރުދައްކައި އޭނާ މަގާމުން ވަކިކުރެއްވުމަށް މަޖިލީހުން ބާރުއެޅުއްވިކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ރައީސް ކަންތައްތައް ކުރައްވަމުން ގެންދަވަނީ ވަރަށް ޚުދުމުޚުތާރު ގޮތެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.

”ހަދާ ނިންމާފައިވާ ގަވައިދުތަކެއް ނަހަދާ ކަމަށް މަޖިލިހުން ތަކުރާރުކޮށް ބުނަމުން ދަނީ.“ މަލީޙު މަޖިލީހުގައި ވިދާޅުވިއެވެ. ”ބުހުތާން ދޮގުތަކެއް ހަދަމުން ދަނީ. މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވާ ނާތަހުޒީބީ އަމަލުތައް ހުއްޓާލުމަށް އަޅުގަނޑު ގޮވާލަން.“

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އިންޓަނެޓް އަގު ހެޔޮ ނުކުރެވިގެން ދިއުމަކީ ހަމައެކަނި މިނިސްޓަރު މަލީޙު ފެއިލްވުން ނޫން ކަމަށާއި އެއީ މުޅި ސަރުކާރު ފެއިލްވުން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ އިޚްލާސްތެރިކަމެއް އޮތް ނަމަ މިއަދު މަޖިލީހުގައި ކުރިއަށް ދާނީ މަލީޙުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނޫން ކަމަށާއި މަޖިލީހުގައި ކުރިއަށް ދާން ޖެހިފައި އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރ މުޙައްމަދު މަލީޙު ޖަމާލު މަގާމުން ވަކި ކުރައްވަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ކުރި މަސައްކަތާ ގުޅިގެން ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް މީގެ ކުރިން އެއްޗެކޭ ވިދާޅުވެފައި ނެތަސް މިނިސްޓަރ މަލީޙު ވަކިކުރަން ޖެހޭ އެއްވެސް އަސާސެއް އޮތްކަމަށް ޤާސިމް ދެކެވަޑައިނުގަންނަވާކަމަށް މިއަދު ޖޭޕީން ވަނީ ބުނެފައެވެ.

ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރަކަށް ހުންނެވި އަމީން ކޮރަޕްޝަން ހިންގަވާފައިވާކަމަށް ދެކެވުނު ވާހަކަތަކަކާ ގުޅިގެން ކުރިމަތިވެވަޑައިގަތް ޕްރެޝަރުގައި ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. އަމީން އިސްތިއުފާ ދެއްވުމުން އެމަގާމު ދެއްވީ އެމްޑީޕީގެ އެކްޓިވިސްޓެއްކަމުގައިވާ ހިކިފިނިފެންމާގޭ އަޙުމަދު ނަސީމަށެވެ.

ޖޭޕީގެ ސްލޯޓެއްގައި ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި ތޮއްޑޫ ޢަލީ ވަޙީދު ގިނަ އަންހެނުންތަކަކަށް ޖިންސީ ފުރައްސާރައާއި ގޯނާކޮށްގެން މަގާމުން ވަކިކޮށްފައި ވަނިކޮށް ސަރުކާރުން އިނގިރޭސި ވިލާތަށް ފުރުވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަނީ ވިދާޅުވެފައެވެ.

ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރއަކަށް ހުންނެވި މަލީޙު ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކި ކުރުމުން އެމްޑީޕީ ކޯލިޝަނުން އެ މަގާމަށް ގެންނާނީ ކޮން ބޭފުޅެއްކަމެއް އަދި ނޭނގެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރަކުގެ އިތުބާރެއް ނެތްކަމަށް ބުނެ، މަޖިލީހަށް މައްސަލައެއް ވައްދައި، އެ ވަޒީރުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، މަގާމުން ވަކިކުރިއިރު އެ މައްސަލައާ ގުޅިގެން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އެއްވެސް އެއްޗެއް ވިދާޅުނުވެ ހިމޭނުން ހުންނެވީ ކީއްވެގެން ކަމެއް ނޭނގެއެވެ.

 

Loading

2 Responses

  1. Majileehugai othee RIMS ge baaroa? Ehenvegenoa Fayyaaz beyru nukurevunee. Veemaa echcheh egijjethaa? Dhoa

  2. އެމްޑީޕީ އަކީ ހަމަ އެ. ދޯކާ ބަޒީ. 2008 ގައިވެސް އަދޭސްކޮށް ކޯލިޝަން ހަދައިގެން ވެރިކަމަށް އައިސް 2 މަސްދުވަސްވާއިރަށް ގާސިމް ހޯމް މިނިސްޓުރީއިން ވަކިކޮށް ނައިބުރައީސް ގެ ގެކޮޅަށް ގާ އުކަންފެށީ. ދެން ކޮން ކޯލިޝަނެއްހޯ ކިޔާފަ މުޅި ސަރުކާރު ޙިސޯރުކުރީ. ދެން އެހެން މީހުން ދޮންވާންފެށީ. ދެންވީގޮތް އެންމެނަށް އެނގޭ އެބުނާ ހިނދުކޮޅު އިސްތިޢުފާއާއި ބަޢާވާތް. ހަމަ އެެހެން ޗާޓުން ބޭރުން އެފެއްޓީ. ނަތީޖާ ބަލަން ތިބޭނީ. އިންޑިއާ މީހުން ހަމަ ވެރިކަން ހޯދައިދިންގޮތަށް ދޯކާވެސް ދޭނެ. އެމީހުނަށް ހަސަނެއް ހުސޭނެއް ނުން މުހިއްމުވާނީ. ރައްޔަރުންގެ މެޖޯރެޓީ ނެތްކަން އެވެރިންގެ މާލޭ އެމްވަސީއަށް ހަމަ އެނގުމާއިއެކު ދެން ގަދަވެދާނެހެން ހީވާ މީހުނާއިއެކު ވަގު ސައްލާފަށްޓާނެ. މޮޔަގޮވަން ނަހަދާށޭ ދަންނަވަ.

Leave a Reply to ބިން ޙައިދަރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް