އިންޑިޔާގެ އެކިކަންކޮޅުތަކުގައި ކޯވިޑް-19 އަށް ފައްސިވާމީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ކާފިއު އިއުލާނުކޮށްފިއެވެ. މިގޮތުން އިންޑިޔާގެ މަހާރާޝްޓްރާ ފަދަ ސްޓޭޓް ތަކުގައި ރޭގަނޑު މީހުން ބޭރުގައިއުޅުން ވަނީ މަނާކޮށްފައެވެ. ޖުމްލަ 110 މިލިއަން މީހުން ދިރިއުޅޭ މަހާރަޝްޓްރާއިން މިދިޔަ އާދިއްތަ ދުވަހު 7000 މީހުން ވަނީ ކޮވިޑް 19 އަށް ފައްސިވެފައެވެ. މިއީ މިމަސް ފެށުނު އިރަށްވުރެ 2000 ކޭސްގެ އިތުރުވުމެކެވެ. ފައްސިވާ މީހުންގެ އަދަދުތައް މައްޗަށް ދިޔުމާއެކު ވައިރަސްގެ އައު ބާވަތްތައް ފެންނަމުން ދާތީ އެގައުމުގެ ރައްޔިތުން ތިބީ ވަރަށްބޮޑަށް ހާސްވެ ނުތަނަވަސްކަން މަތީގައެވެ.
މަހާރަޝްޓްރާގެ ވެރި ރަށް މުމްބައިގައި އިޖުތިމާއީ އަދި ދީނީ އެއްވުންތައް ބޭއްވުން ވަނީ އެއްކޮށް މަނާކޮށްފައެވެ. ދެވަނަ ފުރަބަންދަކަށް ދިޔުމަކީ ވަރަށްވެސް ދަތިކަމެއް. ގައިޑްލައިން ތަކަށް ތަބާނުވާނަމަ ބަލިމަޑުކަން އަނެއްކާވެސް ބޮޑަށް ފެތުރުން އެކަށީގެންވޭ.“ މަހާރާޝްޓްރާގެ ކޯވިޑް-19 ރެސްޕޮންސް ޓީމުގެ މެމްބަރެއް ކަމުގައިވާ އެސް.ޑީ ޕަޓިލް ވިދާޅުވިއެވެ. މިހެން ވިދާޅުވުމާއެކު، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި އެކަކު އަނެކަކާއި ގައިދުރުކަން ބެހެޓުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
އިންޑިޔާގެ ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި އާދިއްތަ ދުވަހު 14199 މީހުންވަނީ އިންޑިޔާއިން ކޮވިޑް 19 އަށް ފައްސިވެފައެވެ. އަދި އެދުވަހު ޖުމްލަ 83 މީހުން ވަނީ މިބަލީގައި ނިޔާވެއެވެ.
ކަންމިހެން އޮތްނަމަވެސް އިންޑިޔާގެ ބައެއް ހިސާބުތަކުގައި މީހުން ވަނީ އާންމު ހާލަތައް ރުޖޫއަ ވެފައެވެ. ފާއިތުވި ސްޕްޓެމްބަރު މަހުން ފެށިގެން ކޮވިޑް 19 ގެ ކޭސްތައް ވަނީ ޖުމްލަގޮތެއްގައި ދަށަށްގޮސްފައެވެ. ކޭސްތަށް ދަށަށް ދިޔުމާއިއެކު މަގުތަކާއި މާރުކޭޓުތައް ތޮއްޖެހުނެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ދިޔައީ މިކަމާދެކޮޅަށް އިންޒާރުދެމުންނެވެ. އިންޑޔާއަކީ ޖުމްލަ 1.4 ބިލިއަން މީހުންގެ ބޮޑު އާބާދީއެއްހިމެނޭ ގައުމެއް ކަމަށްވާތީ މިފަދައިން އިހުމާލުވުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަން އެފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
ކުއްލިގޮތަކަށް ވައިރަސް ފެތުރޭ މިންވަރު އަވަސްވުމުގެ ސަބަބެއް ކަމުގައި ބެލެވެނީ ގުދުރަތީ މިއުޓޭޝަންތަކެކެވެ. ސިއްހީ މާހިރުން މިހާރުދަނީ މިކަމާބެހޭ ދިރާސާތައް ކުރަމުންނެވެ.