އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީން ބޭނުން ވަނީ ނޭޕާލާއި ސްރީލަންކާގައި ވެސް ވެރިކަން ކުރަން ...؟

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ދާޚިލީ ވަޒީރު ބޭނުންފުޅު ވަނީ އިންޑިއާގެ ހުރިހާ ސްޓޭޓެއްގެ އިތުރަށް އަވައްޓެރި ނޭޕާލުގައި ވެސް ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ)ގެ ވެރިކަމެއް ގާއިމު ކުރުމަށްކަމަށް އިންޑިއާގެ ތުރިޕޫރާގެ ޗީފް މިނިސްޓަރ ބިޕަލްބް ދީޕް މިދިޔަ ހަފުތާގައި ވިދާޅުވުމުން ނޭޕާލުން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ނޭޕާލުގެ ޚާރިޖީ ވަޒީރު ޕްރަދީޕް ކުމާރު ގިޔާވަލީ ވިދާޅުވީ މީޑިއާ ރިޕޯޓުތައް ދެކެވަޑައިގެންނެވިކަމަށާއި އެވާހަކަތަކާ ނޭޕާލުން ދެކޮޅުހަދާކަމުގައި އިންޑިއާގެ އިސްބޭފުޅުންނަށް ދަންނަވާފައި ވާނޭކަމަށެވެ.

އިންޑިއާގެ ދާޚިލީ ވަޒީރު އަމިތު ޝާހު ވިދާޅުވިކަމަށް ތުރިޕޫރާގެ ޗީފް މިނިސްޓަރ ބިޕަލްބް ދީޕް ވިދާޅުވި ވާހަކައާ ގުޅިގެން ނޭޕާލުގެ ސަރުކާރުންނާއި އިދިކޮޅުފަރާތްތަކުން ބުނީ އެ ވާހަކައަކީ ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް ގެއްލުން ވާފަދަ ވާހަކަތަކެއްކަމަށެވެ.

ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ އަމިތު ޝާހު ބީޖޭޕީގެ ރައީސަކަށް ހުންނެވި ދުވަސްވަރު ބީޖޭޕީއަކީ ދުނިޔޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށާއި ދެން ކުރަން ޖެހިފައި އޮތްކަމަކީ ނޭޕާލާއި ސްރީލަންކާގައި ވެސް ބީޖޭޕީގެ ވެރިކަމެއް ގާއިމުކުރުންކަމަށް އަމިތު ޝާހު ވިދާޅުވިކަމަށް ތުރިޕޫރާގެ ޗީފް މިނިސްޓަރ ބިޕަލްބް ދީޕް ހާމަކުރެއްވުމަކީ ސަރަހައްދީ ގައުމުތަކަށް ލިބުނު ބިރުވެރިކަމުގެ އިންޒާރެކެވެ.

ނޭޕާލުގެ ނޫހެއްކަމުގައިވާ ”ކަޓްމަންޑޫ ޕޯސްޓް“ގައި ވާގޮތުން އިންޑިއާގައި ހުންނަވާ ނޭޕާލުގެ ސަފީރު ނީލަމްބަރު އަޗާރިޔާ ވަނީ އިންޑިއާގެ ޚާރިޖިއްޔާގެ ކަމާބެހޭ ބޭފުޅުންނަށް ގުޅުއްވައި ތުރިޕޫރާގެ ޗީފް މިނިސްޓަރ ދެއްކެވި ވާހަކަތަކާމެދު ނުރުހުން ފާޅުކުރައްވާފައެވެ.

އެންމެ މޮޅީ އިންޑިއާގެ ސަގާފަތްކަމަށް ވިސްނުން

ބީޖޭޕީގެ ކުރީގެ ރައީސް އަދި މިހާރުގެ ދާޚިލީ ވަޒީރު، އަމިތު ޝާހުގެ ވާހަކަ ދިފާއުކޮށް ތުރިޕޫރާގެ ބީޖޭޕީ ގޮފިން ވަނީ ވާހަކަދައްކާފައެވެ. އެމީހުން ބުނިގޮތުގައި އެންމެ މޮޅީ އިންޑިއާގެ ސަގާފަތާއި ފަލްސަފާއެވެ.

”އެހެން ގައުމުތަކަށް ވެސް އެކަން ފަތުރަން އަހަރުމެން ބޭނުން.“ މިއީ ބީޖޭޕީގެ އަމާޒެވެ.

ބީޖޭޕީ، ތުރިޕޫރާގެ ތަރުޖަމާނު ނަބެންދޫ ބާޓާ ޗާރިޔާ ދެއްވި ބަޔާނެއްގައި ވިދާޅުވީ އެމީހުންގެ މައިގަނޑު އަމާޒަކީ ހަމައެކަނި އިންތިޚާބުތައް ކާމިޔާބުކުރުމެއްނޫނެވެ.

”އަހަރުމެން ބޭނުން ވަނީ މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ކާމިޔާބު ހޯދުން.“ އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ޚާރިޖީ ޕޮލިސީއަކީ ވަރަށް ބޮޑަށް ފޮރުވިފައިވާ އެއްޗެއް

އިންޑިއާއާއި ނޭޕާލުގެ ގުޅުން ދިރާސާ ކުރާ ނޫސްވެރިއެއްކަމުގައިވާ އަނިލް ޗަމްޅިޔާ ވޮއިސް އޮފް އެމެރިކާއާ ވާހަކަދައްކަމުން ބުނިގޮތުގައި ބީޖޭޕީގެ އިސް ބޭފުޅެއްކަމުގައިވާ ސުބުރަމަނިޔަމް ސުވާމީ އޭނާއަށް ދިން އިންޓަވިއުއެއްގައި އިންޑިއާއާއި ސްރީލަންކާ ގުޅާލަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

އޭނާ ބުނިގޮތުގައި އަވައްޓެރިގައުމުތަކާ ގުޅުން ބަދަހިކުރުމަށް އިންޑިއާއިން ގެންގުޅޭ ޕޮލިސީއަށް މިދުވަސްކޮޅު ވަނީ ބުރޫއަރާފައެވެ.

އަނިލް ޗަމްޅިޔާ ބަޔާންކުރިގޮތުގައި އިންޑިއާއިން އަވަށްޓެރި ގައުމުތަކަކީ މާ ބާރެއް ނެތް، ”ކުޑަކުޑަ“ ބައެއްކަމަށް ވިސްނުމާއި އެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް މާބޮޑު ސަމާލުކަމެއް ނުދިނުމަކީ ބީޖޭޕީގެ ފިކުރުގެ މައްސައެކެވެ.

އޭނާ ބުނިގޮތުގައި މިވަގުތު އިންޑިއާގެ ޚާރިޖީ ޕޮލިސީ ވަނީ ވަރަށް ބޮޑަށް ފޮރުވިފައެވެ. އަވަށްޓެރި ގައުމުތަކާއެކު ބާއްވަންވީ ކޮންކަހަލަ ގުޅުމެއްކަން ފާޅުގައި އެނގޭކަށް ނެތެވެ. ސްރީލަންކާއާއި ނޭޕާލާ ބެހޭ ގޮތުން އޮޅުން އަރާފަދަ ވާހަކަތައް ފެތުރެނީ އެހެންވެގެންނެވެ.

ޗީފް މިނިސްޓަރގެ ވާހަކަފުޅަކީ ބީޖޭޕީގެ ފޮޓޯ

ނޭޕާލަކީ އިންޑިއާ މީހުން ގިނައަދަދަކަށް ދިރިއުޅެމުންދާ ގައުމެކެވެ. އިމިއްލަ މިނިވަން ވެރިކަމެއް ހިންގާ ގައުމަކަށް ވިޔަސް ނޭޕާލުން އިންޑިއާގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާ ވާންޖެހެއެވެ.

ނޫސްވެރިޔާ އަނިލް ޗަމްޅިޔާ ވޮއިސް އޮފް އެމެރިކާއާއި ވާހަކަދައްކަމުން ހާމަކުރިގޮތުގައި ނޭޕާލު ސަރުކާރުން އެ ގައުމަކީ ހުރިހާ ދީނެއްގެ ބަޔަކަށް ވެސް މިނިވަންކަމާއެކު އުޅެވޭނޭ ގައުމެއްގެ ގޮތުގައި ބާއްވަން ބޭނުންވާއިރު، ނޭޕާލުގައި ދިރިއުޅޭ މީހުންނާއި ނޭޕާލަށް ނުފޯޒު ފޯރުވަން އުޅޭ ހިންދޫން ބޭނުންވަނީ ”ހިންދޫ ގައުމެއް“ގެ ގޮތުގައި ނޭޕާލު ބޭއްވުމަށެވެ.

އަނިލް ޗަމްޅިޔާ ބުނިގޮތުގައި ތުރިޕޫރާގެ ޗީފް މިނިސްޓަރ ބިޕަލްބް ދީޕްގެ ވާހަކަފުޅުން ހާމަވަނީ ނޭޕާލާމެދު ހިންދޫންގެ ވިސްނުން ބިނާވެފައިވާ ގޮތެވެ.

”އެފަދަ ވިސްނުމެއް ގެންގުޅޭ އަވަށްޓެރި ގައުމަކާއެކު ގާތް ގުޅުމެއް ބޭއްވުމާމެދު އެހެން ގައުމުތަކުން ކަންބޮޑުވާންޖެހޭ. އަދި އެފަދަ ވާހަކަ ދައްކާ ބަޔަކާ އިތުރަށް ގުޅުން ބަދަހިކުރުމަށް ބިރުގަންނަންވެސް ޖެހޭ.“ އަނިލް ބުންޏެވެ. ”އަވައްޓެރިންނާމެދު މިފަދަ ވާހަކަ ދެކެވެނީ އިންޑިއާގެ ދާޚިލީ ސިޔާސަތު ބިނާވެފައިވާ ގޮތުގެ ސަބަބުން.“

އަނިލް ޗަމްޅިއާ ބުނި ގޮތުގައި އިންޑިއާ އޮތީ ހަމަހަމަ ގޮތެއްގައި އަވައްޓެރިންނާ މެދު ކަންތައް ކުރާ ގޮތަކަށް ނޫނެވެ.

ސަރަހައްދީ އިމުގެ މައްސަލަ

މިދިޔަ އަހަރު މޭމަހުގެތެރޭގައި އިންޑިއާއާއި ނޭޕާލާ ދެމެދު ސަރަހައްދީ އިމުގެ މައްސަލައިގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ބޮޑު އަރާރުމަކާ ކުރިމަތިލާން ޖެހުނެވެ. އެދުވަސްވަރު ނޭޕާލުން ސަރަހައްދީ އިމުގެ އައު ޗާޓެއްކުރަހައި އެއީ އެގައުމުގެ ޗާޓުކަމަށް ނިންމިއެވެ.

ނޭޕާލާއި އިންޑިއާއާ ދެމެދު ސަރަހައްދީ އިމުގެ މައްސަލަތަކުގައި ނިމުމެއް ނެތް މައްސަލަތަކެއް އުފެދިފައިވެއެވެ. އެކަމުގެ ހައްލެއް އަދި ފެންނާކަށްވެސް ނެތެވެ.

ޗައިނާއާއި އިންޑިއާ ދެމެދު ވެސް ލަދާޚުގެ މައްސަލައިގައި މިދިޔަ އަހަރު ބޮޑު ހަނގުރާމައެއް ފަށާ ހިސާބަށް ދިޔައެވެ. އިމުގެ މައްސަލައިގައި ހިނގި ހަމަނުޖެހުންތަކުގައި ދެ ގައުމުގެ ސިފައިންގެ އެތައް ބަޔަކު މަރުވެފައިވެއެވެ. ދެން އޮތީ އިންޑިއާއާއި ޕާކިސްތާނުގެ ވާހަކައެވެ. ކަޝްމީރުގެ މައްސަލާގައި ދެގައުމުން އައު ހަނގުރަމައެއް ފަށާފާނެހެން ހީވާފަދަ ކިތަންމެ ދަނޑިވަޅެއް މިދިޔަ 2020ގައި ވެސް ބޯމަތިވެގެންދިޔައެވެ.

ސްރީލަންކާގައި ބޭރު ގައުމެއްގެ ސިޔާސީ ޕާޓީއަކަށް ހަރަކާތްތެރިއެއް ނުވެވޭނެ

ސްރީލަންކާގެ އިލެކްޝަން ކޮމިޝަންގެ ޗެއާމަން ދެއްވި ބަޔާނެއްގައި ވިދާޅުވީ، ލަންކާގެ އިންތިޚާބީ ގާނޫނުތައް އެކުލަވާލާފައިވާ ގޮތުން ބޭރު ގައުމެއްގެ ސިޔާސީ ޕާޓީއަކަށް ލަންކާގައި ހަރަކާތްތެރިވުމުގެ ހުއްދައެއް ނުދެވޭނޭކަމަށެވެ.

އިންޑިއާގެ ދާޚިލީ ވަޒީރު އަމިތު ޝާހު ވިދާޅުވިކަމަށް ތުރިޕޫރާގެ ޗީފް މިނިސްޓަރ ބިޕަލްބް ދީޕް ވިދާޅުވި ވާހަކައާ ގުޅިގެން ސްރީލަންކާގެ ކަމާ ބެހޭ ބޭފުޅަކު ޚާއްޞަ ބަޔާނެއް ނުދެއްވައެވެ. އެއީ އިންޑިއާއިން ދާދިފަހުން ސްރީލަންކާއަށް ވެދުމަކަށްއެރުވި ކޮރޯނާ ވެކްސިންގެ ސަބަބުންނޭ ބުނެ ވާހަކަދެއްކުމުގެ މާނައެއް ނެތެވެ.

ސްރީލަންކާއަކީ އިންޑިއާގެ ވާދަވެރި ޗައިނާއާ ވަރަށް ގާތްގުޅުމެއް ބާއްވަމުންދާ ގައުމެކެވެ.

އިންޑިއާއަކީ ސަރަހައްދީ ބޮޑު ބާރަކަށް ވިޔަސް އެހެން ގައުމުތަކުގެ މިނިވަންކަމާއި ރައްކާތެރިކަމާމެދު ބިރުވެރިކަން އުފޭދާ ފަދަ ވާހަކަދެއްކުމަކީ ސަރަހައްދީ ސުލުހައަށް އޮތް ނުރައްކަލެކެވެ.

 

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް