ކޮރޯނާ ވައިރަހުން ދިފާއުވުމަށްޓަކައި ވެކްސިން ނުލިބިގެން ދުނިޔޭގެ ހުރިހާ ގައުމެއްގެ ވެރިންހެން ރެއާއިދުވާލު ބުރަ މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވައެވެ. އެކިތަންތަނަށް ގުޅައިގެން ވެކްސިންގެ ޑޯޒުތައް ލިބޭތޯ ދުނިޔޭގެ ހުރިހާ ގައުމަކުންހެން މަސައްކަތް ކުރަމުންދާއިރު ވެކްސިން ބޭނުން ނޫންކަމަށް ބުނާ ގައުމެއް ވެސް ދުނިޔޭގައި އެބައޮތެވެ. އެއީ އެފުރިކާގެ ގައުމެއްކަމުގައިވާ ޓެންޒޭނިޔާއެވެ.
ޓެންޒޭނިއާއިން ބުނާ ގޮތުގައި އެ ގައުމުގައި ކޮރޯނާ ވައިރަހެއް ނެތެވެ. އެމީހުން ބުނަމުން ދަނީ ގައުމުގައި އެންމެ ބަލި މީހެއްވެސް ނެތްހިނދު، ގައުމުގެ މީހުންނަށް ވެކްސިން ބޭނުމެއް ނޫންކަމަށެވެ.
ސަރުކާރުން ބުނާ ގޮތުގައި އެގައުމުގައި ކޮރޯނާ ވައިރަސް ނެތް ހިނދު ރައްޔިތުންނަށް ވެކްސިން ޖަހަންވީ ކީއްކުރަން ހެއްޔެވެ؟
ޓެންޒޭނިއާގައި ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްވެސް ރަސްމީކޮށް އަޅާފައެއްނެތެވެ.
ސަރުކާރުން ޓެންޒޭނިއާގައި ކޮރޯނާ ވައިރަސް ނެތްކަމަށް ވާހަކަދައްކައި އަޑުއުފުލިޔަސް އެގައުމުގައި އަދަދެއް ނޭނގުނަސް، ވައިރަސް ޖެހިފައި ތިބި މީހުންނާއި ވައިރަސް ޖެހިގެން އެތައް ބަޔަކު މަރުވެފައިވާކަމަށް ގަބޫލުކުރާ އެތައް ބަޔަކު އެބަތިއްބެވެ.
ގައުމުގެ އެންމެ ބޮޑު ސިޓީ، ދާރުއްސަލާމުގެ އާންމުންގެ ހޮސްޕިޓަލެއްގެ ޑޮކްޓަރަކު ބުނިގޮތުގައި އެ ގައުމުގައި ކޮވިޑް-19ގައި އެތައް ބަޔަކު މަރުވަމުން ދިޔަތަން އޭނާއަށް ވަނީ ފެނިފައެވެ. ނަމަވެސް އެ ވާހަކަ ދެއްކެން ނެތްކަމަށާއި ދައްކައިފިނަމަ އޭނާއާމެދު ހަރުކަށި ފިޔަވަޅު އަޅާނޭކަމުގައި އޭނާ ބުންޏެވެ.
ކޮރޯނާ ވައިރަސްއާ ބެހޭ ވާހަކަ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނުހޯދައި ދެއްކުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަމަށް ޓެންޒޭނިއާގައި ވަނީ ކަނޑައަޅާފައެވެ. އެހެންވެ ޓެންޒޭނިޔާގެ ހަގީގީ ހާލަތު ވަނީ ފަސްއަޅައި ފޮރުވިފައެވެ.
ޓެންޒޭނިއާއިން ތަކުރާރުކޮށް ބުނާ ގޮތުގައި އެގައުމުގައި ކޮރޯނާ ވައިރަހެއް ނެތެވެ.
ޓެންޒޭނިއާގެ ރައީސް ޖޯން ޕޮމްބެ މަގުފުލި ގަބޫލު ކުރައްވާގޮތުގައި ގައުމުގައި ކޮރޯނާ ވައިރަސް ނެތީސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ބޭނުމެއް ނެތެވެ.
އަޅުގަނޑުމެންގެ ގައުމު ކޮރޯނާ ވައިރަހުން ސަލާމަތްކޮށްދެއްވީ ދުއާއިން.“ ގައުމުގެ ރައީސް ވިދާޅުވިއެވެ. ”އެހެންވެ އަޅުގަނޑުމެން މާސްކު ނާޅަނީ. ކަލޭމެން ހީކުރަނީ މަރުވެދާނެކަމަށް އަޅުގަނޑުމެން ބިރުނުގަންނަކަމަށްތަ؟ މިގައުމުގައި ކޮވިޑް-19އެއް ނެތް.“
އެގައުމުގެ މީހުން ރައްކާތެރިވުމުގެ ގޮތުން މާސްކު އަޅައިގެން އުޅޭތަނެއް އާންމުކޮށް ނުފެނެއެވެ. އެކަމަކު އެމީހުން ބޮޑެތި އެއްވުންތައް ބާއްވައެވެ.
ކޮރޯނާ ވައިރަހަކީ ނުރައްކަތެރި މަރުގެ ވައިރަހަކެވެ. ބާރަށް ފެތުރެމުންދެއެވެ. ވަކި ސަރަހައްދެއް ވަކި އިމެއް ވަކި ގައުމެއް ވަކިތަނެއް ނެތި ފެތުރެމުން އެބަދެއެވެ. ކަން އެހެން އޮތްއިރު ގައުމު އޮތީ ދުއާކޮށްގެން ކޮރޯނާ ވައިރަހުން ސަލާމަތްވެފައިކަމަށް ވިދާޅުވެ ޓެންޒޭނިޔާއިން ރައްކާތެރި ފިޔަވަޅު ނައަޅައި ތިބުމަކީ ބުއްދިވެރި ކަމަކަށް ވާނޭހެއްޔެވެ؟
ޓެންޒޭނިއާގެ ރައީސަށް އެގައުމުގެ މީހުން ވަނަމަކަށް ކިޔަނީ ”ބުލްޑޯޒަރ“އެވެ.