ބިރުދެއްކުމަކީ ހައްލެއްނޫން!: ދަނޑުވެރިންގެ ހިމާޔަތުގައި އެއްޗެކޭ ބުނާއިރަށް ބިރުދައްކަނީ

21

އިންޑިއާގައި މުޒާހަރާ ކުރަމުންދާ ދަނޑުވެރިންގެ ހައްގުގައި މީހަކު އެއްޗެކޭ ބުނާއިރަށް ހައްދުފަހަނަޅާފައިވާ ހިންދޫންނާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތާއިދު ކުރާ މީހުންނާއި ފުލުހުން ދަނީ އެމީހަކަށް ބިރުދައްކަމުންނެވެ.

ދަނޑުވެރިން ކުރަމުންދާ މުޒާހަރާތަކަށް ތާއިދުކޮށް ލިއުނު ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ޝުޢޫރު ފައުޅު ކުރި މީހުން ހޯދައި އެމީހުންގެ މައްޗަށް ދައުވާކުރުމަށް ސަރުކާރުން ދަނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންނެވެ.

ދުނިޔޭގެ ތިމާވެށީގެ ހައްގުގައި އަޑުއުފުލަމުންދާ ސުވިޑުންގެ ގްރޭޓާ ތަންބާގު، އިންޑިއާގެ ދަނޑުވެރިންގެ ހިމާޔަތުގައި ހުރިކަމަށް ބުނުމުން އިންޑިއާއިން ދަނީ އޭނާއަށް ވަރަށް ބޮޑަށް ބިރުދައްކައި ދިމާކުރަމުންނެވެ.

ޒުވާން އަދި ހިތްވަރުގަދަ އަދި ޖެހިލުންކުޑަ ގްރޭޓާ ބުނީ އިންޑިއާއިން ދައްކާ ބިރަކަށް ނުސިހޭނޭކަމަށެވެ.

ވެރިރަށް ދިއްލީގެ ފުލުހުންދަނީ އޭނާއާ ދެކޮޅަށް ދައުވާކުރަން ބަޔާންތައް ތައްޔާރު ކުރަމުންނެވެ. ހައްދުފަހަނަޅާފައިވާ ހިންދޫން ދަނީ ތިމާވެށީގެ ހައްގުގައި ގުރުބާން ވަމުންދާ ޒުވާނާގެ ފޮޓޯތައް އަންދަމުންނެވެ. އޭނާގެ ހަލާކަށް އެދި ގޮވަމުންނެވެ.

އިންޑިއާގެ ދަނޑުވެރިންގެ ހައްގުގައި އެމެރިކާގެ މަޝްހޫރު އަދި ޒުވާން ލަވަކިއުންތެރިޔާ ރޭހާނާ ޓްވީޓެއް ކުރުމުން އިންޑިއާގެ ވަރަށް ގިނަ ބަޔަކު ރުޅިވެރިކަމާއެކު ނަށަންފެށިއެވެ. އޭނާއާ ދެކޮޅަށް ހަނގުރާމައެއް އިއުލާންކޮށް ގައުމީ ފެންވަރުގައި އޭނާއަށް ބަވަންފެށިއެވެ.

އިންޑިއާގެ ފުލުހުންނާއި ހައްދުފަހަނަޅާފައިވާ މީހުންނާއި ބޮޑުވަޒީރު މޯދީއަށް “ވިކިފައި”ވާ މީހުން ސިފަކުރަނީ، ދަނޑުވެރިންގެ ހައްގުގައި އެއްޗެކޭ ބުނުމަކީ ގައުމުގައި ނަފުރަތު އުފެއްދުންކަމަށެވެ. އެހެންކަމަށް ވާނަމަ މުޅި އިންޑިއާގައި އޮތީ ނަފުރަތު ފެތުރިފައެވެ. އެހެނީ ދަނޑުވެރިންގެ ހައްގުގައި ބަސް ނުބުނާ ސްޓޭޓެއް އަވަށެއް އިންޑިއާގައި ނެތެވެ.

ދަނޑުވެރިން މުޒާހަރާ ކުރަމުންދަނީ ދަނޑުވެރިކަމުގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކާ ދެކޮޅަށެވެ. ސަރުކާރުން ބުނަނީ ގެނައި ބަދަލުން ދަނޑުވެރިންނަށް ލިބޭނީ މަންފާކަމަށެވެ. އެކަމަކު ދަނޑުވެރިން އެ ބަދަލުން އެމީހުންނަށް ލިބޭނީ ގެއްލުމާއި ދުއްތުރާކަމަށް ބުނެ މަގުމަތީގައި ދެމަސް ދުވަހުގެ ދިގު މުޒާހަރާތަކެއް ކުރަމުންދާއިރުވެސް ހަރުކަށި ސަރުކާރުން ދީލައިލާކަށް ނޫޅުނެވެ. އެންމެ ފަހުން މައްސަލައިގެ ތެރެއަށް ދުނިޔޭގެ ބޮޑެތި އަދި ބާރުގަދަ ގައުމުތަކުން ވެސް ވަދެ ބަސް ބުނަންފަށައިފިއެވެ. ހައްދުފަހަނަޅާފައިވާ ޓްރަމްޕްގެ ސަރުކާރުން އެއްޗެކޭ ނުބުންޏަސް ބައިޑެންގެ ސަރުކާރުން ވަނީ ދަނޑުވެރިންނާއި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ގޮވާލާފައެވެ. ދެން މޯދީގެ ސަރުކާރުން ބުނާނީ މިއީ އެތެރޭގެ މައްސަލެއްކަމަށެވެ. ސޮއްނުގޮވާ ހިމޭނުން ތިބުމަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އެތައް ބޭފުޅުން ވަނީ އިންޑިއާގެ ދަނޑުވެރިންގެ ހައްގުގައި ވާހަކަފުޅު ދައްކަވާފައެވެ. ދަނޑުވެރިންނަށް ގޯނާއާއި އަނިޔާ ނުކުރުމަށް އެދިވަޑައިގެންފައެވެ.

އިންޑިއާގެ ހިތްވަރުގަދަ ދަނޑުވެރިން ވަނީ އިންޑިއާގެ ޖުމުހޫރީ ދުވަހު ވެރިރަށް ދިއްލީގައި ކުރި ވަރުގަދަ މުޒާހަރާގައި އިންޑިއާގެ ވެރިކަމުގެ “މައި ކިއްލާ” ލާލު ޤަލްޢާގައި، ސިކުންގެ ވަކި ވެރިކަމެއް ޚާލިޞްތާނުގެ ނަމުގައި އިންޑިއާގައި ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ މީހުންގެ ރަމުޒީ ދިދަ ނަގާފައެވެ. އެއީ ބޮޑު ވަޒީރު މޯދީގެ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ހުތުރެކެވެ. ނިކަމެތިކަމެކެވެ.

ދަނޑުވެރިން ކުރަމުންދާ ސުލުހަވެރި މުޒާހަރާ ހުއްޓުވުމަށް މަގުތައް ބަންދުކޮށް ހުރަސްތައް ކުރިމަތިކޮށް މުގުރާއި ފެނާއި ކަރުނަ ގޭހުން ރައްޔިތުންނަށް ހަމަލާދީ ކަށިނަރު ދަމައި ބެއްދިޔަސް މުޒާހަރާގެ ބައިވެރިން މަދުވާ ގޮތެއް ނުވިއެވެ. ހިތްވަރު އެލޭ ގޮތެއްނުވިއެވެ. އަދި ކީއްހެއްޔެވެ؟ ގައުމުން ބޭރުން މުޒާހަރާގެ ބައިވެރިންނަށް ލިބޭ ސާބަހާއި ތައުރީފު ދަނީ ގިނަވަމުންނެވެ.

އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސްގެ ދެބޭންގެދަރި ބޭކަނބަލެއްކަމުގައިވާ މީނާ ހެރިސް ވެސް ވަނީ ދަނޑުވެރިންގެ ސުލްހަވެރި މުޒާހަރާ ދިފާއުކުރައްވައި ޝުޢޫރު ފާޅުކުރައްވާފައެވެ. އެކަމާ ގުޅިގެން ހައްދުފަހަނަޅާފައިވާ ހިންދޫން ވަނީ މީނާއާ ދެކޮޅަށް އިންޑިއާގައި މުޒާހަރާކޮށްފައެވެ.

ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ އަދި އެންމެ ބޮޑު ޖުމުހޫރިއްޔާއާއި އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ދައުވާކުރާ އިންޑިއާއިން މިދުވަސް ކޮޅު އުޅެނީ ކޮވިޑާއި ދަނޑުވެރިންގެ މުޒާހަރާއިން ރައްކައުތެރިވާނެ ވެކްސިނެއް ނުލިބިގެންނެވެ.

ބިރުދެއްކުމަކީ ހައްލެއް ނޫނެވެ. އިންޑިއާގެ އިންސާފާއި އަނިޔާވެރިކަމަށް ދުނިޔެ އޮތީ ބަލާށެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ