އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ލަކަން ޕޫރުގެ ފަރުބަދަމަތީ ސަރަހައްދަކަށް އިންޑިއާގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި އޭގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ. ފުރާނަ ސަލާމަތްވި މީހާ ވެސް ވަނީ ޒަހަމުވެ ވަރަށް ބޮޑުވަރުވެފައެވެ.
ކަޓޫއާގެ ސީނިއަ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޝައިލެންދުރަ މިޝްރާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، ހޯމަދުވަހު ހަވީރު އެ ހިތާމަވެރި ހާދިސާ ހިނގީ އާދައިގެ މަތިން ހެލިކޮޕްޓަރ ފޯރިއަށް އުދުހެމުން ދަނިކޮށް ކުއްލިއަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހެލިކޮޕްޓަރ ބިމަށް ތިރިކުރަން އުޅެނިކޮށްނެވެ.
”ހެލިކޮޕްޓަރ ޖައްސަން އުޅެނިކޮށް ވެއްޓި ފުނޑުފުނޑުވީ. އޭގައި ތިބި ދެ ޕައިލެޓުން ވެސް ވަރަށް ބޮޑަށް ޒަޚަމް ވެފައިތިބީ. އޭގެތެރޭން އެކަކު މަރުވީ.“ ޝައިލެންދުރަ މިޝްރާ ވިދާޅުވިއެވެ.
ޓެކްނިކަލް މައްސަލައެއް ހެލިކޮޕްޓަރުގައި އުޅޭކަން އެނގުމުން އޭގައި ތިބި މީހުން ބޭނުންވީ ލަކަން ޕޫރުގެ ބާސާއަށް ހެލިކޮޕްޓަރ އަވަހަށް ތިރިކުރާށެވެ. އެކަމަކު އެމީހުންނަށް އެކަން ކާމިޔާބެއްނުވިއެވެ.
ވެއްޓި ފުނޑުފުނޑުވި ހެލިކޮޕްޓަރަކީ އިންޑިއާގެ އުފެއްދުމެއްކަމުގައިވާ އެޑްވާންސް ލައިޓް (އޭއެލްއެޗް) ދުރޫވް މަރުކާގެ ހެލިކޮޕްޓަރެކެވެ. މި މަރުކާގެ ހެލިކޮޕްޓަރުތަކަށް ޓެކްނިކަލް މައްސަލަތައް ދިމާވެގެން ކަންބޮޑުވާން ޖެހޭ އަދަދަކަށް ވެއްޓި ހަލާކުވެފައިވެއެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ މިގް 21 މަރުކާގެ މަތިންދާ ބޯޓެއް މި ޖެނުއަރީމަހުގެ ފަސްވަނަ ދުވަހުގެރޭ ރާޖިސްތާނުގެ ސޫރަތުގެ ވައިގެ ބަނދަރެއްގެ ކައިރިއަށް ވެއްޓި ފުނޑުފުނޑުވެފައިވެއެވެ. އަދި އިންޑިއާއިން އެންމެ ފަހުން ހަނދަށް ފޮނުވި އުޅަނދުވެސް ވަނީ ހަނދަށް ވެއްޓި ހަލާކުވެފައެވެ.