އުސްމާނީ ދައުލަތުން ފިލާވަޅެއް

Loading

Facebook
Twitter
WhatsApp

އުސްމާނީ ދައުލަތަކީ ދުނިޔޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބާރުގަދަ އަދި އެންމެ ދިގު މުއްދަތަކަށް ދެމިއޮތް އިސްލާމީ ވެރިކަމެވެ. ގާތްގަނޑަކަށް 600 އަށްވުރެ ގިނަ އަހަރު މި ދައުލަތް ދެމިއޮތެވެ. އެހެންނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ބާރު ކުޑަވެ އެންމެ ފަހުން ދައުލަތް ވެސް ނެތި ދިޔައީ އެވެ.

އެކަމުގެ ބައެއް ސަބަބު ތަކަކީ؛

އުސްމާނީ ދައުލަތުގެ ބާރާ ނުފޫޒު ގަދަ ދުވަސްވަރުގައި، ޔޫރަޕްގެ ޤައުމުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތަކެއް ހެދިއެވެ. އެއްބަސްވުންތައް ތަންފީޒު ނުކުރެވުމުގެ ނަތީޖާއަކީ ދައުލަތް ބަލިކަށިވާން ފެށުމުން، ޔޫރަޕްގެ ބާރުތަކުން މި އެއްބަސްވުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، އުސްމާނީ ދައުލަތުގެ ތެރޭގައި އެމީހުންގެ އަމިއްލަ ޤާނޫނުތައް ހިންގަން ފެށިއެވެ. އެމީހުންނަށް ވަކިން ޚާއްޞަ ކޯޓްތަކާއި ޔޫރަޕްގެ ފަޑިޔާރުން ކޯޓް ތަކަށް ޢައްޔަން ކުރަން ފެށިއެވެ. ދައުލަތް ހިންގުމަށާއި ހަނގުރާމަތަކަށް ޔޫރަޕްގެ ބޭންކުތަކުން ބޮޑެތި އަދަދުތަކުން ލޯނު ނެގިއެވެ. ދަރަނި ނުދެއްކުމުގެ ސަބަބުން، ދައުލަތުގެ އާމްދަނީ ލިބޭ މައިގަނޑު ވަސީލަތްތައް ބޭރު މީހުންގެ ކޮންޓްރޯލްގެ ދަށަށް ދިޔައެވެ. އިޤްތިޞާދީ މިނިވަންކަން ގެއްލިގެން ދިޔައެވެ.

އިޤްތިޞާދީ މިނިވަންކަން ގެއްލުމަކީ ސިޔާސީ މިނިވަންކަން ގެއްލުމުގެ ފެށުމެވެ.

ވިޔަފާރި އާއި ތަފާތު އެކިއެކި ބޭނުންތަކުގައި އުސްމާނީ ދައުލަތުގެ އެކި ހިސާބުތަކުގައި ބިދޭސީންނަށް ވަޒަންވެރި ވުމުގެ ފުރުޞަތުތައް މަގުފަހިވެގެން ދިޔައެވެ. ބޭރުމީހުންގެ ނުފޫޒު ގަދަވަމުންދިޔަ ވަރަކަށް، ދައުލަތުގައި ވަޒަންވެރިވެގެން އުޅުނު ބިދޭސީ ވިޔަފާރިވެރިންނާއި އެކި ނަސްލުތަކުގެ މީހުން އުސްމާނީ ޤާނޫނުތަކަށްވުރެ ބޮޑަށް އެމީހުންގެ އަމިއްލަ ޤައުމުތަކުގެ (ޔޫރަޕްގެ ބާރުތަކުގެ) ޙިމާޔަތް ހޯދަން ފެށިއެވެ. މީގެ ސަބަބުން ދައުލަތުގެ ތެރޭގައި ”ވަކި ދައުލަތްތަކެއް“ އުފެދުނެވެ.ބިދޭސީން ވަޒަންވެރިވުމުގައި މުޖުތަމަޢުގެ އަސާސީ ސަގާފަތާއި ދީނަށް އިޙްތިރާމްކުރުމުގެ ބަދަލުގައި، އެމީހުންގެ އަމިއްލަ ސިޔާސީ އެޖެންޑާތައް ކުރިއެރުވުމަށް މަސައްކަތްކުރުމުން ދާޚިލީ ހަމަނުޖެހުންތައް އިތުރުވިއެވެ.އުސްމާނީ ދައުލަތުގެ ފަހުކޮޅުގައި، ޔޫރަޕްގެ ބާރުތަކުގެ އެހީތެރިކަމާއެކު ޒަޔަނިސްޓުން ފަލަސްޠީނުގެ ބިންތައް ގަނެ، އެތާނގައި ބިދޭސީންގެ ގޮތުގައި ވަޒަންވެރިވާން ފެށިއެވެ.

ސުލްޠާން ޢަބްދުލްޙަމީދު ދެވަނަ މިކަމާ ދެކޮޅު ހެއްދެވި ނަމަވެސް، ދައުލަތުގެ ދަރަންޏާއި ބޭރުގެ ސިޔާސީ ނުފޫޒުގެ ސަބަބުން އެކަން މުޅިން ހުއްޓުވޭގޮތެއް ނުވިއެވެ. މިއީ މިއަދު މުޅި އިސްލާމީ އުންމަތް ތަޙައްމަލުކުރަމުންދާ ބޮޑު މުޞީބާތުގެ ފެށުމެވެ.

ބިދޭސީން ވަޒަންވެރިވުމަކީ ޤައުމެއްގެ ބާރާއި ނިޒާމު ގެއްލިގެންދާނެކަމެކެވެ. ޤައުމުގެ ކޮންޓްރޯލް ގެއްލި، ބިދޭސީންގެ އާބާދީއާއި ނުފޫޒު ޤައުމުގެ އަސްލު ރައްޔިތުންނަށްވުރެ ގަދަވާން ދޫކޮށްލައިފިނަމަ، އެއީ ޤައުމުގެ ސިޔާދަތާއި، ސަގާފަތް އަދި މުސްތަޤްބަލް ބަދަލުކޮށްލާނެ ނުރައްކާތެރި ހަތިޔާރެކެވެ.

ލިޔުއްވީ: ޑރ. އަޙުމަދު ޒިޔާދު ބާގިރު

Loading

Leave a Reply

ފަހުގެ އަޕްޑޭޓް