އަހަރެންގެ ދަނބިދަރިފުޅު މެލިއްސާ އެއްދުވަހަކު ގުޅާލާފައި ވަރަށް ރީތިކޮން ބުންޏެވެ. ”ޖޭސަން އޮފީސް ދަތުރެއްގައި އެއްހަފްތާއަށް ރަށުން ބޭރަށް ދަނީއެވެ.ކުދިން އަބަދު މާމަ ދެކޭހިތުން ސުވާލު ކުރެއެވެ. އެހެންވީމަ ހަފްތާއެއްހާދުވަހު މިގޭގަ އިދެލަން އަންނަންވީ ނޫންހެއްޔެވެ؟“
އަހަރެން ވަރަށް އުފާވިއެވެ. ދަރިފުޅުގެ އާއިލާގެ ބައެއް ގެ ގޮތުގައި އިހުސާސް ކުރެވުނެވެ. ވަރަށް އުފަލުން މާމަކިޔާ ދެކުދިންނަށް ހަދިޔާގަނެބަންދު ކުރީމެވެ. އަދި އަހަރެން ހަދާފަ ހުރި ސްޓްރޯބެރީ ޖޭމްގެ ދެތިންފުޅިވެސް ހަދިޔާގެ ގޮތުގައި ޕެކްކޮށް އެގެޔަށް ގެންދިއުމަށް ތައްޔާރު ވީމެވެ.
ޖޭސަންގެ ގެޔަށް ގޮސް ދެދުވަސްވީ އިރު އަހަރެން ގެނައި އަސްލު ބޭނުން އަހަރެންނަށް ޔަގީން ކުރެވުނެވެ.އަހަރެން ދިޔައިރުވެސް ގޭތެރެ ހީވަނީ ގޮނޑެއްހެންނެވެ. ޖޭސަންއަށް ދަތުރު ހަދާދޭން އުޅެން ހަދައިގެން ސާފު ނުކުރެވިފަ ކަމަށް މެލިއްސާ ބުންޏެވެ.
ފުރަތަމަ ދުވަހުވެސް މެލިއްސާ ހޭލީ 12 ޖެހިފަހުންނެވެ. އޭރު 8 އަހަރާއި 6 އަހަރުގެ ދެބެންނަށް ބަނޑުހައިވެގެން ރޮވެނީއެވެ. އަހަރެންގޮސް ދޮރުގަ ތަޅާފަ ކިހިނެއް ވީތޯ ސުވާލުކުރީމެވެ. މެލިއްސާއެއްޗެއް ނުބުނެއެވެ.ކުދިންކައިރީ މާމަކައިރިޔަށްދާށޭ ބުނުމަށްފަހު ފާހާނާއަށް ވަނީއެވެ. އެކުދިން ކޮޓަރިން ނިކުތުމުން އަހަރެން އަވަސް އަވަހަށް ދެބެން ގޮވައިގެންގޮސް ސައިހަދާ އެކުދިންނަށް ސައިދިނީމެވެ. ބިސްގަނޑާ ޓޯސްޓެވެ. ދެން ކިރު ތައްޓެކެވެ.
އިތުރު ކަމެއް ނުކުރެވިގެން އުޅެނިކޮން މެލިއްސާ ނިކުމެ ދެފައިވަށް ކޮށްލައިގެން ސޯފާގައި އިށީނެވެ.އަދި ގެންގުޅޭ ނޯކަރަކަށް ގޮވާހެން އަހަރެންނަށް ގޮވާ ކޮފީތައްޓެއް ގެނެސްދޭށޭ ބުންޏެވެ. އެއަށްފަހު ފޯނުން ސްކްރޯލް ކުރަން އިނދެ، އަހަރެންނަށް އޯޑަރު ދޭން ފެށިއެވެ.
”ސިޓިންގ ރޫމް ކުނިކަހާ މޮޕް އަޅާލަ ދެވިދާނެ ހެއްޔެވެ؟“އެކަން ނުނިމިގެން އުޅެނިކޮށް އެހެން ކަމެއް ދައްކައެވެ. ފަހުން ކުރަނީ ހަމަ ސީދާ އަމުރެވެ.
”މެޝިން ކައިރީ އެހެރަ އެއްޗެހި ދޮވެފަ ހިއްކަން އަޅާށެވެ.“
”ކޮޓަރި ސާފު ކޮށް ފާހާނާ ދޮންނާށެވެ.“ މިގޮތަށް ފަހަރަކު ކަމަކަށް އަމުރު ކޮށްލަކޮށްލާ އޭނަ އިނދެއެވެ.
މިހުރިހާ ކަމެއްގެ އިތުރުން ރޭގަނޑަށް ކައްކަންވެސް ޖެހެއެވެ. ދެވައްތަރެއްގެ ރިހައާއި ރޮށި ނުވަތަ ބަތެވެ. ކުދިންނަށް ވަކިން ކުދިން ކާން ބޭނުންވާ ޕިއްޒާ، ބާގާ ފަދަ އެއްޗެހި ހަދަން ޖެހެއެވެ. ކުދިންގެ ސްކޫލް އަށް ގެންދަން ލަންޗް ތައްޔާރު ކުރަން ޖެހެއެވެ. މެލިއްސާ އާއި ކުދިންގެ އަންނައުނު ލާ އަލަމާރިތައް ތަރުތީބު ކުރުން ކަހަލަ ކަންތައްވެސް މެދުނުކެނޑި ޖައްސަމުން ގެންދެއެވެ. ވަރުބަލިވެގެންވެސް ތަނަކު ޖައްސާލާއިރަށް ކަންނެތް ނުވެ އަވަހަށް މަސައްކަތް ނިންމާށޭ ބުނެއެވެ.
މަސައްކަތާހުރެ އަހަރެންނަށް ގިނަ ދުވަސްދުވަހު ފެންވަރާލާނެ ވަގުތު ވެސް ނުވެއެވެ.
ކުދިން ސްކޫލް އަށް ގެންދާބަސް ނަސީބަކުން މަޑުކުރަނީ އެގެއާއި ވަރަށް ކައިރިއަށެވެ. އެހެން ކަމުން ކުދިން ސްކޫލް އަށް ގެންގޮސް ގަނައުން މާބޮޑު މައްސަލަ އަކަށް ނުވެއެވެ.
މިގޮތުގައި ހަފްތާއަކަށް ވާން އެއްދުވަހަށް ވެފައި ވަނިކޮށް މެލިއްސާ އަހަރެންގެ އަތަށް މެދުން ފަތްޖަހާލާފައިވާ ކަރުދާސްގަނޑެއް ދިނެވެ. އަހަރެން އެކަރުދާސް ހުޅުވާބެލިއިރު އެއީ 2000ޑޮލަށް ހަދާފައިވާ ބިލެކެވެ. ބިލު އަހަރެންގެ އަތަށް ދެމުން މެލިއްސާ ބުންނެވެ. ޖޭސަން ނާންނަނީސް މިލާރި ދިނުން އެދެމެވެ. ތިޔައީ އެލެނާ މިގޭގައި ބެހެއްޓުމަށް ހިނގި ޚަރަދެވެ. އަހަރުންގެ ކަރަންޓް ބޭނުން ކޮށްގެން އަހަރުންގެ ފެން ބޭނުން ކޮށްގެން އަހަރުގެ ކޮޓަރިއެއްގައި ނިދުމުގެ އަގެވެ.“
އަހަރެންނަށް ހަމަ ބުނާ އެކައްޗެއްވެސް ނޭގި އެޔަށް ބަލަހައްޓައިގެން އިނދެވުނެވެ.ހެޔޮވާނީ ކިހިނެއް ހެއްޔެވެ. މިއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ޖޭސަން ޚަރަދުކުރާ އޭނަގެ ގެއެވެ. އަނެއްކާ އަހަރެން އައީވެސް ޖޭސަންގެ އަންހެނުންގެ ދައުވަތަށެވެ.
އޭގެ ކުރީރޭ މެލިއްސާ ކޮންމެވެސް މީހަކާ ފޯނުން ދެއްކި ވާހަކަ އެއް އަހަރެންނަށް އަޑު އިވުނެވެ. ”ހާސް ނުވާށެވެ.އެލާރި އަހަރެން މިގޭގަމިހިރަ މުސްކުޅި ދައިތަ އަތުން އަތުލާނަމެވެ.ޖޭސަން އަށް ދޮންކަޅުވެސް އަންގާނުލާނަމެވެ.“ ޖޭސަން އަށް ސިއްރުން ކޮންމެވެސް ކަންތައްގަނޑެއް ރާވަނީއެވެ.އެކަހަލަ ނުބައި އަންހެނުން ފިރިމީހާ އަށްވެސް ވަފާތެރިއެއްނުވާނެއެވެ.
އަހަރެން ބިލު ހިފައިގެން ކޮޓަރިއަށް ގޮސް އިނދެ ވަރަށް ވިސްނީމެވެ. އަދި އެންމެ ފަހުން ގޮތެއް ނިންމާ އަމިއްލަ ބިލެއް ތައްޔާރު ކުރީމެވެ.
ލޯބިވާ ދަނބިދަރިފުޅު މެލިއްސާ އަށް،
ތިރީގައި މިވަނީ އަހަރެން މިގެޔަށް ގެނެސް އަހަރެން ލައްވާ ކުރުވި މަސައްކަތުގެ އަގެވެ.
ގޭތެރެއާއި ކޮޓަރިތައް ކުނިކަހާ މޮޕް ކުރުމަށް 500ޑޮލަރު
އެއްހަފްތާއަށް 4މީހުންނަށް ކެއްކުމަށް 500 ޑޮލަރު
ދެދުވަހުން އެއްދުވަހު 2 ފާޚާނާ ދޮވުމަށް 200ޑޮލަރު
ގޯތިތެރެ ކުނިކަހާ ކުނި އުކާލުމަށް 800 ޑޮލަރު
ޖުމްލަ : 2000 ޑޮލަރު
ނޯޓް މިލާރި އަހަރެން މިގެއިން ދިއުމުގެ ކުރިން ދިނުން އެދެމެވެ.
ލޯބިވާ މަންމަ އެލެނާ
ނޯޓު : ޖޭސަން އަށް ދޮންކަޅުވެސް ނާގައްޗެވެ.
(ނިމުނީ)
![]()
