ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ އޮޒެމްޕިކް ބޭނުންކުރި މީހެއްގެ ލޮލުގެ ފެނުން ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް އޭނާ ރިޕޯޓުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެމެރިކާގައެވެ. އެހެނަސް ބަރުދަން ލުއިކުރާ ބޭސްތައް ބޭނުން ކުރާ މިންވަރު މިހާރު ރާއްޖޭގައިވެސް ދަނީ އިތުރުވަމުންނެވެ.
އޭނާގެ ފެނުން ގެއްލިފައިވަނީ، ލޮލުގެ ފެނުން އަވަސް ދުވެއްޔެއްގައި ގެއްލުވާލާފަދަ ބައްޔެއް އޭނާގެ ގައިގައި ހުރިކަން ދެނެގަނެވުނު ފަހުންނެވެ. މިކަން މި ދިމާވީ، ޖީ.އެލް.ޕީ-1 ގެ ބޭސްތަކާއި ލޮލަށް ދިމާވާ ސީރިއަސް މައްސަލަތަކާ ގުޅުމެއްވާ ކަމަށް ބުނެ އެމެރިކާގެ ކޯޓުތަކުގައި މައްސަލަތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
ޖޭ ވެންޑަގްރިފް އޮޒެމްޕިކް ބޭނުންކުރަން ފެށީ 2023 ވަނަ އަހަރު ކަމަށްވާއިރު، އޭނާ ވަނީ ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އެ ބޭސް ބޭނުންކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ ކްރިސްމަސްގެ ކުޑަ ދުވަސްކޮޅެއް ފަހުން، އޭނާއަށް ’ނޮން-އާޓެރިޓިކް އެންޓީރިއާ އިސްކީމިކް އޮޕްޓިކް ނިއުރޯޕަތީ‘ ނުވަތަ ނައޯން ޖެހިފައިވާކަން އެނގުނެވެ.
މި ބައްޔަކީ ލޮލުގެ ފެނުމުގެ ނާރަށް އަސަރުކޮށް، ކުއްލިއަކަށް ފެނުމަށް ބަދަލުތަކެއް އައުމާއި، ބައެއް ހާލަތްތަކުގައި ފެނުން ވަރަށް ބޮޑަށް ގެއްލުމަށް މަގުފަހިކުރާ ބައްޔެކެވެ. ވެންޑަގްރިފް ބުނި ގޮތުގައި، ފުރަތަމަ އޭނާއަށް ހީވީ އެއީ ކުޑަ އުނދަގުލެއް ކަމަށެވެ. އެހެންނަމަވެސް ފަހުން އޭނާއަށް އެނގުނީ އެއީ ސީދާ އޭނާގެ ލޮލަށް އަސަރުކުރަމުންދާ މައްސަލައެއް ކަމެވެ.
އޭގެ ފަހުން އޭނާގެ ލޮލުގެ ފެނުމުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ވަނީ ގެއްލިފައެވެ. މީގެ ސަބަބުން އޭނާގެ އާންމު ދިރިއުޅުމުގެ ކަންކަމަށް ވަނީ ހުރަސްއެޅިފައެވެ. އޭގެ ތެރޭގައި ދަތުރުފަތުރުކުރާއިރު އޭނާއާ ދިމާއަށް އަންނަ މީހުން ދެނެގަތުން ފަދަ ކަންކަން ހިމެނެއެވެ. އޭނާގެ ލޮލުގެ މިހާރުގެ ހާލަތު ސިފަކުރަމުން އޭނާ ބުނީ، އެއީ ލޮލަށް ފެންނަ ސަރަހައްދުގެ ބައެއްގައި ފަރުދާއެއް އެޅިފައި ހުންނަ ފަދަ އިހުސާސެއް ކަމަށެވެ.
އޭނާގެ މި މައްސަލަ ފެންމަތިވެފައި މިވަނީ، ޖީ.އެލް.ޕީ-1 ގެ ބޭސްތައް އުފައްދާ ކުންފުނިތަކާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާތަކުގައި، މި ވައްތަރުގެ ބޭސްތަކަކީ ނައޯން އާއި ލޮލަށް ދާއިމީ ގެއްލުން ލިބުމާ ގުޅުމެއް ހުރި ބޭސްތަކެއް ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ވެންޑަގްރިފްގެ ވަކީލު މަސައްކަތް ކުރަމުންދަނީ ޖީ.އެލް.ޕީ-1 ގެ ބޭސްތަކުގައި ޖަހާ އިންޒާރުގެ ލޭބަލްތަކަށް ބަދަލު ގެނެސް، ނައޯން އަކީ މި ބޭހުން ދިމާވެދާނެ ނުރައްކަލެއްގެ ގޮތުގައި ހިމެނުމަށެވެ. މީގެ އިތުރުން، ފަރުވާ ފެށުމުގެ ކުރިން ބަލިމީހުންގެ ލޮލުގެ ޓެސްޓުތައް ހެދުމަކީ، މި ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކުރާ ސަބަބުތައް ދެނެގަތުމަށް ފައިދާހުރި ކަމެއް ކަމަށް ވެސް ވަކީލު ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަތަކުގެ ސަބަބުން، ޖީ.އެލް.ޕީ-1 ގެ ބޭސްތަކާ ގުޅިގެން ލޮލަށް ދިމާވެދާނެ ނުރައްކާތަކުގެ މައުލޫމާތު، ބަލިމީހުންނަށާއި ސިއްހީ ހިދުމަތްތެރިންނަށް ފޯރުކޮށްދެވެމުންދާ ގޮތާމެދު ވަނީ ސުވާލުތައް އުފެދިފައެވެ.
![]()
