ޕާކިސްތާންގެ ޚައިބަރު ޕަޚްތުންޚުވާ ގައި ހުންނަ ތާރީހީ ގޮތުން މުހިންމު ޕޮލިސް ހެޑްކުއާޓަރެއްގައި ހުކުރުދުވަހު ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ސަބަބުން 16 މީހުން މަރުވެ 50 މީހުންނަށް އަނިޔާތައް ލިބިފައިވާ ކަމަށް ހަބަރު ލިބެއެވެ. މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ ފަސް މީހުންވެސް ހިމެނެއެވެ.
މިހަމަލާ ދިން ފުލުހުންގެ މަރުކަޒު ހުންނަނީ ޚައިބަރު ޕަޚްތުންޚުވާ ގެ އަފްޢާނިސްތާނާއި ގާތް ފަޅީގައިވާ ޑިސްޓްރިކްޓެއް ކަމަށްވާ ކޯހަތުގައި ކަމަށް ވެއެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އިސްމީހަކު ބުނީ މަރުވި ގިނަ މީހުންނަކީ އެތަނުގައި ހުންނަ މިސްކިތަށް ހުކުރު ނަމާދުގެ ޖަމާއަތަށް އެއްވި މީހުން ކަމުގައެވެ. އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ކައިރި ހޮސްޕިޓަލަކަށް ގެންދެވުނު އިރު އެންމެންނަށް ފަރުވާ ދެވުނު ކަން ޔަގީން ކުރުމަށްޓަކައި އެހިސާބުގައި އިދާރާތަކުން އިމަޖެންސީ އިއުލާން ކޮށްފައިވާކަމަށް ޙަބަރުތައް ބުނެއެވެ.
މިހާދިސާގައި އަނިޔާވި ބައެއް މީހުންގެ ހާލު ކްރިޓިކަލް ކަމުން މަރުވާ މީހުންގެ އަދަދު ގިނަވުން އެކަށީގެންވާކަމަށް ހެލްތު އޮފިޝަލުން ބުނެފައި ވެއެވެ.
ޚައިބަރު ޕަޚްތުންޚުވާގެ އިންސްޕެކްޓަރ ޖެނެރަލް ޒުލްފިކާރު ހަމީދު ފުރަތަމަ ހާމަ ކުރެއްވި ގޮތުގައި މިހަމަލާ ދީފައިވަނީ ގޮވާތަކެތި ބަރުކޮށްފައިވާ ވެހިކަލްއެއް ޕޮލިސް ހެޑްކުއާޓަރުގެ މިސްކިތަށް ވައްދާ ވެހިކަލް ގޮއްވާލައިގެންނެވެ.ނަމަވެސް ފަހުން ފުލުހުން ނެރުނު ބަޔާނެއް ބުނާގޮތުން ހަމަލާދީފައިވަނީ އަމިއްލަ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްފައިވާ މީހަކު މިތަކެތި ގޮއްވާލާ އަމިއްލަޔަށް މަރުވެގެންނެވެ. މިމައްސަލަ އަދިވެސް ތަހުގީގު ކުރަމުން ދާކަމަށް ވެއެވެ.
އޭޕީން ރިޕޯޓް ކޮށްފައިވާގޮތުގައި މިހަމަލާ ދިނުމުގެ ކުރިން މަދުވެގެން ހަތިޔާރު އެޅިދެމީޙުން ޕޮލިސް ކޮމްޕައުންޑް ތެރެޔަށް ވަންނަން މަސައްކަތް ކޮށްފައި ވެއެވެ. މިކަމުގައި އެދެމީހުން ފުލުހުންނާއި ހަމަލާ ބަދަލު ކޮށްފައި ވެއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ހިނގި ގޮވުމުގެ ބާރުގަދަކަމުން ކައިރީގައިހުރި ބައެއްގޭގެއާއި ފިހާރަތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.
މިހަމަާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރުޒާރީ ވިދާޅުވާ ގޮތުގައި މިއީ ތަހްރީކް އެ ތާލިބާން ޕާކިސްތާން ގެ ހަމަލާއެއް ކަމުގައެވެ.ރައީސް ޒަރްދާރީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ އަނިޔާވި މީހުންނަށް އަވަސް ޝިފާ އަކަށް އެދި ވަޑައިގެންފައެވެ.
ޕާކިސްތާނުން ބުނާ ގޮތުގައި އަފްޢާނިސްތާންގެ ބޯޑަރާކައިރީގައިވާ ޚައިބަރު ޕަޚްތުންޚުވާ އަދި ބަލޮޗިސްތާންގައި މިފަދަ ހަމަލާތައް ދެނީ އަފްޢާނިސްތާނުން އަންނަ ހަރުކަށި ގްރޫޕްތަކުންނެވެ. ނަމަވެސް އަފްޢާނިސްތާންގެ ތާލިބާނުން ވަނީ ޕާކިސްތާނުގެ އެތެރޭގައި އެމީހުން ހަމަލާ ނުދޭކަމަށް ބުނެފައެވެ.
މިފަދަ ހަރުކަށި ހަމަލާތަކާއި ގުޅިގެން ޖެހިޖެހިގެން އޮންނަ އަވަށްޓެރި ދެގައުމު ދެމެދު ގުޅުންތައް ގޯސްވެ ހަމަލާތައް ބަދަލު ކުރުމާ ހަމަޔަށް ވަނީ ގޮސްފައެވެ.
![]()
