ވެނިސް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި އަލަށް ދައްކަން ފެށި އާ ޑޮކިއުމެންޓްރީއެއްގައި، ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، މީހުންގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ބެލެހެއްޓުމާއި، އަދި އާންމުން މަރުވެދާނެ ކަމަށް ލަފާކުރާ މިންވަރު ބަލާ މިންގަނޑުތަކާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތައް ދިރާސާކޮށްފިއެވެ.
އިސްރާއީލުގެ ފިލްމު އުފައްދާ ފަރާތްތައް ކަމަށްވާ ޔުވާލް އަބްރަހަމް އަދި ރޭޗަލް ޒޯރ ޑައިރެކްޓްކޮށްފައިވާ ”ނާޒާ“ ބިނާކޮށްފައިވަނީ، ހަމަލާދޭނެ އަމާޒުތައް ކަނޑައެޅުމުގެ އޮޕަރޭޝަންތަކުގައި ބައިވެރިވި އިސްރާއީލުގެ 24 ސިފައިންނާއި އިންޓެލިޖެންސް އޮފިސަރުންނާ އެކު ތިން އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ އިންޓަވިއުތަކެއްގެ މައްޗަށެވެ. އެމީހުންގެ ހެކިބަހުން އެނގޭ ގޮތުގައި، ހަމަލާތައް ދިނުމަށް ހުއްދަ ދިނުމުގައި އަސްކަރިއްޔާއިން ވަނީ އޭއައިގެ އެހީތެރިކަން ލިބޭ ނިޒާމުތަކުގެ އިތުރުން ފާރަލުމުގެ ނިޒާމުތަކާއި، ހަމަލާގެ ސަބަބުން އާންމުން މަރުވާނެ ކަމަށް ކުރިން ލަފާކޮށްފައިވާ މިންގަނޑުތައް ބޭނުންކޮށްފައެވެ.
މި ޑޮކިއުމެންޓްރީއަށް ނަން ދީފައިވަނީ ރޭވިފައިވާ ހަމަލާއެއްގައި މަރުވާނެ ކަމަށް ލަފާކުރެވޭ އާންމުންގެ އަދަދަށް ނިސްބަތްކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން ބޭނުންކުރާ ލަފުޒަކުންނެވެ. ފިލްމު އުފެއްދި ފަރާތްތަކުން ބުނާ ގޮތުގައި މި އިންޓަވިއުތަކުގެ ސަބަބުން، އާންމުން މަރުވަނީ އަސްކަރީ އޮޕަރޭޝަންތަކުގެ ތެރެއިން ކޮންމެހެން ނުވެ ނުދާނެ ކަމެއްގެ ގޮތުގައި ދައްކާ ވާހަކަތަކަށް ގޮންޖެހުންތައް ކުރިމަތިވެއެވެ.
މީގެ ކުރިން +972 މެގަޒިން، ލޯކަލް ކޯލް އަދި ދަ ގާޑިއަން އިން ކުރި ތަހުގީގުތަކުގައި ވަނީ އިސްރާއީލުގެ މިފަދަ ނިޒާމުތަކުގެ ރިޕޯޓްތައް ގެނެސްދީފައެވެ. އޭގެ ތެރޭގައި ހަމާސްގެ ހަނގުރާމަވެރިން ކަމަށް ޝައްކުކުރެވޭ ފަލަސްތީނު މީހުންގެ ލިސްޓު އެކުލަވާލުމަށް އިންޓެލިޖެންސް މަސްދަރުތަކުން ބުނާ ”ލެވެންޑަރ“. ނިޒާމު ހިމެނެއެވެ. އަދި ހޮވާލެވޭ ވަކިވަކި ފަރުދުންގެ ހަރަކާތްތައް ޓްރެކްކޮށް، އެމީހުން ގެއަށް އައުމުން ސިފައިންނަށް އެންގުމަށް ބޭނުންކުރާ ”ވެއަރސް ޑެޑީ؟“ ގެ ނަމުން މަޝްހޫރުވެފައިވާ ނިޒާމެއްވެސް ހިމެނެއެވެ.
މީގެއިތުރުން، އާންމުން ދިރިއުޅޭ އިމާރާތްތަކުގައި ތިބި އާއިލާގެ މެންބަރުން ހިމެނޭހެން، އާންމުން މަރުވުމުގެ ފުރުސަތު ބޮޑުކަން ކޮމާންޑަރުންނަށް އެނގިތިބެ ހަމަލާދިނުމުގެ ހުއްދަ ދީފައިވާ ކަމަށް ކުރެވޭ ތުހުމަތުތައްވެސް މި ޑޮކިއުމެންޓްރީގައި ބަލާފައިވެއެވެ.
”ނާޒާ“ ގެ ޕްރިމިއަރ ވެނިސް ފެސްޓިވަލްގެ ވާދަކުރުމުގެ ބައިގައި ދައްކާފައިވަނީ ސެޕްޓެމްބަރު 10 ގައެވެ. އޮސްކާ ކާމިޔާބުކުރި ޑޮކިއުމެންޓްރީ ”ނޯ އަދަރ ލޭންޑް“ ގައިވެސް މަސައްކަތްކުރި އަބްރަހަމް އަދި ޒޯރ، މި ސިފައިންނާއި އިންޓެލިޖެންސް އޮފިސަރުންގެ އިންޓަވިއު ނަގާފައިވަނީ އެމީހުންގެ ޝަހުސިއްޔަތު ސިއްރުކޮށްގެންނެވެ.
ޒަމާނީ ހަނގުރާމަތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރާއި، އާންމުންގެ ފުރާނަ ގެއްލިގެންދާ ފަދަ ނިންމުންތައް ނިންމުމުގައި އިންސާނުންގެ ބައިވެރިވުމާއި ބެލެހެއްޓުން އޮންނަ މިންވަރާ މެދު އުފެދޭ ސުވާލުތަކަށް މި ފިލްމުގެ ސަބަބުން ވަނީ ސަމާލުކަން ލިބިފައެވެ.
މި ފިލްމު ނެރެފައި މިވަނީ ޣައްޒާގެ އިންސާނީ ކާރިސާ މެދުކެނޑުމެއްނެތި ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މިޑްލް އީސްޓް މޮނީޓަރއިން ހަވާލާދޭ މައުލޫމާތުތަކަށް ބަލާއިރު، އިސްރާއީލުގެ އަސްކަރީ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 73،000 އަށްވުރެ މައްޗަށް އަރާފައެވެ.
![]()
