ދުނިޔޭގެ އެންމެ ބޮޑު އޮއިލް ޕްލާންޓް ކަމަށްވާ ސައޫދީއަރަބިއްޔާގެ ތެޔޮއުފައްދާ ކުންފުނި އަރާމްކޯގެ އަބްޤެއިޤް ފެސިލިޓީ އަށް ހޫތީން ވަރުގަދަ ޑްރޯން އަދި މިސައިލް ހަމަލާ ތަކެއް ދިނުމާއި ގުޅިގެން އެޕްލާންޓްގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. މިތަނަކީ ދުނިޔޭގައިވާ އެންމެ ބޮޑު ކްރޫޑް އޮއިލް ސްޓެބިލައިޒޭޝަން ޕްލާޓަށް ވާއިރު،ހޫތީންގެ ހަމަލާތައް ރިފައިނަރީގެ އިތުރުން ކައިރީގައިވާ ޕަމްޕިންގ ސްޓޭޝަނަށާ ތެޔޮއުފުލާ ޓޭންކަރުތަކަށް ވެސް އަމާޒު ކޮށްފައި ވެއެވެ.
ސެޓަލައިޓް ފޮޓޯތަކާއި ވީޑިއޯ ތަކުން ފެންނަ ގޮތުގައި މިތަންތަނުގައިވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ.
އަބްޤެއިޤް ފެސިލިޓީ އަކީ މުޅިދުނިޔޭގައި ބޭނުންކުރާ ތެލުގެ ހަތް އިންސައްތަ ތެޔޮ ޕްރޯސެސް ކުރާ ތަނެވެ. މިތަނަކީ އެންމެ ބޮޑު ރިފައިނަރީ ކަމަށްވާއިރު ދުވާލަކު 400،000ފީފާ ތެޔޮ މާކެޓަށް ނެރުމުގެ ގާބިލުކަން އެ ރިފައިނަރީ އަށް ލިބިފައިވާ ކަމަށް ވެއެވެ. ޖޫން މަހުވެސް ހޫތީން ދިން މިފަދަ ހަމަލާތަކަކާއި ގުޅިގެން އޮގަސްޓްމަހުގެ ވިހިވަނަ ދުވަހާއި ހަމަޔަށް އަބްޤެއިޤް ފެސިލިޓީ ގެ ފުލް ކެޕޭސިޓީ އަށް ތެޔޮ ނެރުން އޮތީ މެދުކަނޑާލާފަ ކަމަށް ވެއެވެ.
ހޫތީން އަންގާރަދުވަހު ދިން ވަރުގަދަ ހަމަލާތަކާއި ގުޅިގެން ސައޫދީ އަރާމްކޯ އިން ވަނީ އެފެސިލިޓީ ގެ މަސައްކަތް އެއްކޮށް ހުއްޓާލާފަ ކަމަށް ވެއެވެ.މީގެ މާނައަކީ އެތަނުން ދުވާލަކު ޕްރޯސެސްކުރަމުންއައި ހަތްމިލިއަން ފީފާ ތެޔޮ މާކެޓަށް ނުނެރެ ހިފެހެއްޓުމެވެ.މިއީ ދުނިޔޭގެ ސަޕްލައި މާކެޓަށް ކުއްލިއަކަށް މަދުވި ވަރަށް ބޮޑު އަދަދެކެވެ.
ސައޫދީ އަބްޤެއިޤް ފެސިލިޓީ އަށް ހަމަލާ ދިނުމުގައި އީރާނުގެ މަދަދު ލިބިގެން އިރާޤް ތެރޭން ހަރަކާތްތެރިވާ ގްރޫޕްތައްވެސް ބައިވެރިވާ ކަމަށް ސައޫއަރަބިއްޔާއިން ތުހުމަތު ކުރެއެވެ.ނަމަވެސް އިރާޤްގެ އިސްލާމިކް ރެސިސްޓަންސުން ވަނީ އެފަރާތުން މިހަމަލާތައް ދިނުމުގައި ބައިވެރިނުވާކަމަށް ބުނެފައެވެ. އަދި މިހަމަލާދިނީ ހޫތީ ހަގުރާމަވެރިން ކަމަށް ވީނަމަވެސް ސީދާ ހޫތީ ގްރޫޕް ތައް ކުށްވެރި ކުރަން ސައޫދީއަރަބިއްޔާއިން ޖެހިލުންވާ ކަމަށް އިރާޤް ގެ އިސްލާމިކް ރެސިސްޓަންސުން ތުހުމަތު ކޮށްފައި ވެއެވެ.
ހޫތީންގެ ހަމަލާތަކާއި ގުޅިގެން ސައޫއަރަބިއްޔާއިންވެސް ވަނީ ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ. ސައޫދީ ހަމަލާތައް އަމާޒުކޮށްފައިވަނީ ދެކުނު ޔަމަނުގެ ތާއިޒް ސިޓީ އަދި މަގްރިބް ޕްރޮވިންސަށް ކަމަށް ހޫތީން ހިންގާ އަލްމާސިރާ ޓީވީ ސްޓޭޝަނުން ބުނެފައި ވެއެވެ.
މިފަދަ ޑްރޯން އަދި މިސައިލް ހަމަލާތައް ތެލުގެ ފެސިލިޓީ ތަކަށް ނުދިނުމަށް ސައޫދީ އަރަބިއްޔާ އާއި ހުތީން މީގެ 4 އަހަރު ކުރިން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވީނަމަވެސް އީރާން ހަނގުރާމަ ފެށިގެން ހަތަރުމަސްވީތަނާ ހޫތީން ވަނީ އެއްބަސްވުން ރޫޅާލާ ޖޫންމަހު ސައޫދީ ތެލުގެ ފެސިލިޓީ ތަކަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.ޖޫންމަހުން ފެށިގެން މިފަދަ ހަމަލާ ތައް ބަދަލު ކުރެވެމުން ދިއުމާއި އެކު ޔަމަނުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާ ހަމަލާތަކުގައި އެތައްސަތޭކަ ބަޔަކު މަރުވެފައިވާކަމަށްވެސް ޚަބަރުލިބެއެވެ.
އެންމެ އާބާދީ ގިނަ ސަރަހައްދުތައް ހިމެނޭ ގޮތުން ޔަމަނުގެ ތިންބައިކުޅައެއްބައި ކޮންޓްރޯލް ކުރަމުން ދަނީ ހޫތީ ހަނގުރާމަވެރިންނެވެ.އަދި ހޫތީން މިވަގުތު ހަނގުރާމަ ކުރަމުން ގެންދަނީ ބާބް އަލް މަންދަބް ސްޓްރެއިޓް ކިޔާ ހަނިހަނި ކަނޑުގެ މަގުގެ ކޮންޓްރޯލް އަތުލުމަށެވެ.މިމަގަކީ ހޮރްމޫސް ކަނޑުއޮޅިބަންދު ކުރުމުން ތެޔޮއުފުލެން އޮންނަ ދެވަނަ މަގެކެވެ. ބާބް އަލް މަންދަބް ސްޓްރެއިޓް ގެ ކޮންޓްރޯލް ހޫތީންނަށް ލިބޭ ހާލަތްތަކުގައި ސައޫދީ ބޯޓް ތަކުގެ 50 އިންސައްތަ ބޯޓުތަކަށް ހޫތީން އަންނަނީ ހަމަލާ ދެމުންނެވެ.
ސައޫދީ އޮއިލް އިންފްރާސްޓްރަކްޗާ އަދި ޓޭންކަރުތަކަށް ހޫތީން އެންމެ ފަހުން މިދިން ހަމަލާތަކާއި ގުޅިގެން އަންގާރަ ދުވަހު ވަނީ ތެލުގެ އަގު އަނެއްކާވެސް ވަރަށް ބޮޑަށް އުފުލި ސަތޭކަ ޑޮލަރަށް ފީފާއަކަށް އަރާފައެވެ.
![]()
