ހިތުގެ އެންމެ ފުންމިނުން (2)

Loading

Facebook
Twitter
WhatsApp

އާއިޝާ ކަރީމާއެކު އޭނާގެ ކާރުގައި ގޮސް މަޑުކޮށްލީ މާލޭގެ ކުޑަ ގޯޅިއެއްގެ ތެރޭގައި ހުރި އާދައިގެ ތިންބުރިއަށް ނަގާފައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. ކާރުގެ ދޮރު ހުޅުވާލުމާއެކު ބޭރުގެ ފިނި ވަޔާއެކު ވާރޭގެ ތިކިތައް އާއިޝާގެ މޫނުގައި ބީހެން ފެށިއެެވެ. ކާރުން ފައިބައިގެން ކަރީމްގެ ގޭގެ އެތެރެއަށް ވަދެގެން ދިޔައިރު، އެގޭގެ ތެރޭގައި ވަނީ އާދައާ ޚިލާފު ހިމޭންކަމެކެވެ. މުޅި ގޭތެރެއިންވެސް ދުވަނީ މަޑުމައިތިރި، ސާފު ވަހެކެވެ. ކަރީމް، އާއިޝާގެ ތެމިފައިވާ ދަބަސް ސިޓިންރޫމުގައި ހުރި ގޮނޑިއެއްގެ މަތީގައި ބެހެއްޓުމަށްފަހު، މަޑުމައިތިރިކަމާއެކު ކޮރިޑޯގެ ކޮޅުގައި ހުރި ކުޑަ ކޮޓަރިއެއްގެ ދޮރު ހުޅުވާލިއެވެ.


އެ ކޮޓަރީގެ އެނދުގައި އިނީ އުމުރުން އަށާރަވަރަކަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާގެ ދެލޯ ބޮޑުވެފައިވާއިރު، ހަރަކާތްތައް ހުރީ އާދައިގެ ކުއްޖަކާ ވަރަށް ތަފާތުކޮށެވެ. އެއީ ކަރީމްގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފެވެ. ޔޫސުފަކީ އުފަންވީއްސުރެ ވާހަކަނުދެއްކޭ، އަދި އަމިއްލައަށް ހަރަކާތްތައް ކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. ކަރީމް މަޑުމައިތިރިކަމާއެކު ގޮސް ޔޫސުފްގެ ބޮލުގައި ފިރުމާލުމާއެކު، ޔޫސުފްގެ މޫނުމަތިން ފެނުނީ ސާފު މަޑުމައިތިރި ހިނިތުންވުމެކެވެ. ކަރީމްގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ އޮފީހުގެ ވަޒީފާގެ ބުރަ މަސައްކަތާއި، އޭނާގެ އަމިއްލަ ދެއަތުން އެ ދަރިފުޅު ބެލެހެއްޓުމުގެ މައްޗަށްކަން އާއިޝާއަށް އެވަގުތު ފެނުނު މަންޒަރުން އިހުސާސްވިއެވެ.
ކަރީމް، އާއިޝާއަށް ހަމަޖައްސައިދިނީ އެގޭގެ ތިރީގައި ހުރި އާދައިގެ ކުޑަ ކޮޓަރިއެކެވެ. އެ ކޮޓަރީގައި ހުރީ ކުޑަ އެނދަކާއި، ފޮތި އަލަމާރިއެއްގެ އިތުރުން ކުޑަ މޭޒެކެވެ. އެރޭގެ އަނދިރިކަމުގެ ތެރޭގައި އެކަނިވެފައި އިންއިރު، އާއިޝާގެ ސިކުނޑީގައި އެނބުރެމުންދިޔައީ މަންމަގެ ފަހު ވަގުތުތަކާއި އާއިލާގެ މީހުންގެ ރަހުމެއްނެތް އަމަލުތަކެވެ. މުޅި އުމުރު ތިމާގެ މީހުންގެ ގޮތުގައި ދެކުނު މީހުންގެ ހިތްތަކުގައި ރަހުމުގެ ކަންފުޅެއްވެސް، އަދި އެންމެ ކުޑަމިނުން އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތްކަން އިހުސާސްވުމުން ވިސްނައި ރޮވުނު ވަރަކަށް އޭނާގެ ހިތް ކަފާސްވަމުންދިޔައެވެ. ހޮސްޕިޓަލުގައި އާއިލާގެ މީހުން ދެއްކި ހިތްދަތި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމަމުންދިޔައެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތަކާއެކު އޭނާ މަންމަގެ ބާ ދަބަސް މޭގައި ޖައްސާ ބާރުކޮށްލިއެވެ.
ޖެހިގެން އައި ދުވަހު މަންމަގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްދިޔައެވެ. ހޮސްޕިޓަލުގެ ބިލްތަކާއި ޖަނާޒާގެ ހުރިހާ ޚަރަދެއް އަމިއްލައަށް އުފުލީ ކަރީމެވެ. އާއިޝާ ހުރީ އެއްވެސް އެއްޗެއް ބުނަން ނުކުޅެދިފައި، ކަރީމްގެ ހެޔޮކަމާމެދު ޢަޖާއިބުވެފައެވެ. އަންތަރީސްވެފައެވެ. މަންމަގެ ޖަނާޒާ ނިމިގެން ދިޔައިރު، އާއިޝާގެ ލޭގެ ގުޅުން ހުރި އެކަކުވެސް އެތަނަކުން ނުފެނުނެވެ. އެމީހުންގެ ތެރެއިން އެކަކުވެސް ފޯނުން ގުޅައިވެސް ނުލައެވެ. މަންމަ ފަސްދާނުލެވިގެން ދިޔައީ ކަރީމްގެ ހާޒިރުގައެވެ. ދުރުން މަންޒަރު ބަލަން ހުރި އާއިޝާގެ ކުރިމަތީގައެވެ. މަންމަގެ ފުރާނައަށް ދުޢާކުރަމުން އާއިޝާގެ ހިތުން އަޒުމް ކަނޑައެޅީ އިތުރަށް އާއިލާގެ އެހީއަށް އެދި އާދޭސް ނުކުރުމަށެވެެ. އަދި އޭނައަށްޓަކައި އެއްވެސް ކުލުނެއް ނެތް ބައެއްގެ ކިބައިން އެއްވެސް ކަމަކަށް އުއްމީދު ނުކުރުމަށެވެ. އެހެނަސް އެމީހުންނާ ގުޅުން ކަނޑާލާކަށް ބޭނުމެއް ނޫނެވެ. ރަޙިމުގެ ގުޅުން ކަނޑާލައިފި މީހަކަށް ސުވަރުގެވެސް ނުލިބޭނެއެވެ. އެކަން ޢާއިލާގެ އެއް ލެޔެއް ހިނގާ މީހުންނަށް ނުވިސްނެނީ ފަހެ ކީއްވެގެން ބާއެވެ.
އެނބުރި އައިސް ކަރީމްގެ ގޭގެ ސިޓިންރޫމުގައި އިންއިރު، އާއިޝާއަށް ވިސްނެމުންދިޔައީ އޭނާގެ ކުރިމަތީގައި އޮތް މުސްތަޤްބަލާމެދުގައެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތުމާއި، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަން އޭނާއަށް ވަރަށް ބޮޑަށް ވިސްނުނެވެ. ކަރީމް ކޮށްދިން އޯގާތެރި ކަންކަމަށް އިޙްތިރާމްކުރުމުގެ ގޮތުންނާއި، އަމިއްލަ ނަފްސުގެ އަގު ހިފެހެއްޓުމަށްޓަކައި، ކަރީމްގެ ގޭތެރޭގެ ކަންކަމުގައި އެހީތެރިވެދީ، ޔޫސުފް ބެލެހެއްޓުމުގައި ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އާއިޝާގެ ހިތުގައި އަޒުމް ކަނޑައެޅިއެވެ. އެއާއެކު އޭނާގެ ދިރިއުޅުމުގެ އައު ސަފްހާއެއް ފެށުނީ އެރޭގެ ހިމޭންކަމުގެ ތެރެއިންނެވެ.
(ނުނިމޭ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް