ޔަމަނުގެ ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ގާތްގަނޑަކަށް ފަސް މިލިއަން ކުދިންނަށް ކޮންމެހެން ދޭންޖެހޭ އާންމު ވެކްސިންތައް ލިބުން މެދުކެނޑިއްޖެއެވެ. އަދި މި މައްސަލަ އިތުރަށް ގޯސްވަމުންދާއިރު، އިދިކޮޅު ދެ ފަރާތުން އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކުރަމުންދާތީ، ޞިއްޙީ ގޮތުން ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.
އދ. ގެ ކުޑަކުދިންގެ ފަންޑު، ޔުނިސެފްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހައްޔަރުކޮށް، އެ އިދާރާގެ އޮފީސްތަކަށް ވަދެގަތުމާ ގުޅިގެން، ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި އެ އެޖެންސީން ހިންގަމުންދިޔަ ހަރަކާތްތައް 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ހުއްޓާލާފައެވެ. ސަންޢާގައި ހުންނަ ޔަމަނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެންމެ ފަހުން ވެކްސިން ޝިޕްމަންޓެއް ލިބިފައިވަނީ 2025 ސެޕްޓެމްބަރު 4 ގައެވެ. ނަމަވެސް ސަރުކާރުގެ ބާރުގެ ދަށުގައިވާ ޢަދަންގެ ހެލްތު މިނިސްޓްރީން ޖުލައި މަހުގެ ފަހުކޮޅު ވަނީ އާންމު ވެކްސިންތައް އެއްކޮށް ހުސްވެފައިވާ ކަމުގެ އިންޒާރު ދީފައެވެ.
މި ކާރިސާގެ ސަބަބުން ބައެއް އާއިލާތަކަށް ވަނީ ވެކްސިން ހޯދުމަށްޓަކައި ދުރު ރާސްތާތަކަށް ދަތުރުކުރަން މަޖުބޫރުވެފައެވެ. އިއްބް އަށް ނިސްބަތްވާ ބައްޕައެއް ކަމަށްވާ މިރްސާލް ޢާދިލް، އޭނާގެ ހަތަރު މަހުގެ ފިރިހެން ދަރިފުޅަށް ޕޯލިއޯ އަދި ނިއުމޯކޮކަލް ވެކްސިން ޖެހުމަށްޓަކައި ސަރުކާރުގެ ބާރުގެ ދަށުގައިވާ ތަޢިއްޒަށް ގާތްގަނޑަކަށް 75 ކިލޯމީޓަރަށް ދަތުރުކޮށް، ގާތްގަނޑަކަށް 100 ޑޮލަރު ވަނީ ހޭދަކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިފަދަ ޚަރަދުތަކަކީ ގިނަ އާއިލާތަކަށް ކުޅަދާނަވާ ވަރަށް ވުރެ ބޮޑު ޚަރަދެކެވެ.
މި މައްސަލައިގެ ޒިންމާ ނެގުމުގައި ދެ ޞިއްޙީ އިދާރާގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. ސަންޢާގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި ޔުނިސެފާއި ވެކްސިން އެލަޔަންސް (ގަވީ) އިން ދަނީ އިންސާނީ އެހީ ސިޔާސީކޮށް، ވެކްސިން ފޯރުކޮށްދިނުމުގައި އިހުމާލުވަމުންނެވެ. ނަމަވެސް ޢަދަންގެ އިދާރާތަކުން ބުނަނީ ވެކްސިން އެބަހުރި ކަމަށާއި، އެތަކެތި ޙޫޘީންގެ ކޮންޓްރޯލް އޮންނަ ސަރަޙައްދުތަކަށް ގެންދިއުމަށާއި ބެހުމަށް ހުރަސްއަޅަނީ ޙޫޘީން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
މީގެއިތުރުން، ޢަދަން ސަރުކާރުން ވަނީ ޙޫޘީން ވެކްސިން ޝިޕްމަންޓްތައް ބަލައިގަތުމަށް ދެކޮޅު ހަދާފައިވާ ކަމަށް ތުހުމަތުކޮށް، ލިބެންހުރި ވެކްސިންގެ 65 އިންސައްތައަށް ވުރެ ގިނަ ތަކެތި ޚާއްޞަކޮށްފައިވަނީ ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކަށް ކަމަށް ބުނެފައެވެ. އެހެންނަމަވެސް، އެއްގަމު މަގުން ވެކްސިން އުފުލައިފިނަމަ ހަލާކުވެދާނެ ކަމަށް ބުނެ، ސަންޢާއިން ވަނީ ޢަދަންއާ އެކު އެއްވެސް ވިލަރެސްކުރުމެއް ނެތް ކަމަށް ބުނެފައެވެ.
އދ. އިން އަދިވެސް ދަނީ ހައްޔަރުކޮށްފައިވާ އިންސާނީ އެހީދޭ މުވައްޒަފުން މިނިވަންކުރުމަށާއި، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ގޮވާލަމުންނެވެ.
މިދަނޑިވަޅުގައި، ޞިއްޙީ ޚިދުމަތްތެރިން މަޢުލޫމާތު ދޭ ގޮތުގައި، ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުން ވެކްސިން ޖެހުމަށްޓަކައި ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ކުދިންނެއް ތަޢިއްޒަށް އާދެއެވެ. ޔަމަނުގެ ޞިއްޙީ ކާރިސާ ދަނީ އިތުރަށް ގޯސްވަމުންނެވެ. މާރިޗު މަހާ ހަމައަށް ފުރިހަމައަށް ޚިދުމަތް ދެވެމުން ދިޔައީ ޞިއްޙީ މަރުކަޒުތަކުގެ އެންމެ 59.3 އިންސައްތައިގައެވެ. އަދި މިފަހަރުގެ ދަތިކަން ކުރިމަތިވުމުގެ ކުރިން މުޅި ޤައުމުގައި ވެކްސިން ދެވިފައިވާ ނިސްބަތަކީ 63 އިންސައްތައެވެ.
![]()
