ރައީސް ޓްރަމްޕް ހީފުޅުކުރެއްވި ވަރަށްވުރެން އީރާން ހަނގުރާމަ މާ އުދަނގޫ

Loading

Facebook
Twitter
WhatsApp

ދެހަފުތާވަންދެން އެމެރިކާއިން ބާރުގަދަ ހަމަލާތަކެއް އީރާނަށް ދިނުމަށްފަހު ކުއްލިއަކަށް ހަމަލާތައް ހުއްޓާލައި އަނެއްކާވެސް މަޝްވަރާގެ މޭޒަށް ދިއުން އެމެރިކާއިން އިޚްތިޔާރު ކުރުމުގެ ސަބަބަކީ ހަގީގަތުގައިވެސް އެމެރިކާއިން ޑިޕްލޯމެސީއަށް ދިއުން ބޭނުންވަނީތޯ ނުވަތަ އެމެރިކާއިން ބޭނުންކުރެވެން ހުރި ޕެޓްރިއަޓް މިސައިލް އިންޓަރސެޕްޓަރތައް މާބޮޑަށް މަދުވީތޯ ސުވާލު އުފެދިއްޖެއެވެ.

ޓެލިގްރާފުގެ ޗީފް ފޮރިން އެފެއާރސް ކޮމެންޓޭޓަރ ޑޭވިޑް ބްލެއަރ އާއެކު ޓެލިގްރާފްގެ ޑެޕިއުޓީ އެޑިޓަރ އާރތަރ ސްކޮޓް ގެޑްސް ދެއްކެވި ވާހަކައިގާމެދުއިރުމަތީގައި އެމެރިކާއިން ކާމިޔާބަކާ ހަމަޔަށް ނުދެވުނު ސަބަބުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ދެބޭފުޅުންގެ ވާހަކަތަކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ރައީސް ޓްރަމްޕް އާއި ބައްދަލުކުރުމުގައި ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫގެ ކުރިއަށް އޮތް ބައްދަލު ކުރުމުގައި ކުރަމުންގެންދާ އުންމީދުތަކާއި ހުސްވަމުންދާ އެމެރިކާގެ ހަތިޔާރުތަކާބެހޭގޮތުންވެސް ބަލާލާފައިވެއެވެ. އަދި ޔޫކްރެއިނުން އީރާނުގެ ކޮމާރޝަލް ބޯޓަކަށް ހަމަލާދީ އެ ބޯޓު ގޮއްވާލުމުން އެމެރިކާއަށް ރައީސް ޒެލެންސްކީދެއްވަން ބޭނުންވާ މެސެޖަކީ ކޮބައިތޯވެސް ބަލާލާފައިވެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައިގެ ނުރައްކާ ބޮޑުވަމުންދިއުމުގެ މައްޗަށް ނައިބު ރައީސް ޖޭ ޑީ ވޭންސް އާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާރމަން ޖެނެރަލް ދޭން ކެއިން މަޝްވަރާ ކޮށްފިއެވެ. ސީ އެން އެން ގެ ޚަބަރުގައި ބުނެފައިވާގޮތުން އެބޭފުޅުންގެ މަޝްވަރާއަކީ ހުކުރު ދުވަހު ރައީސް ޓްރަމްޕް އާއެކު ބޭއްވޭ ބައްދަލު ކުރެއްވުމަށް ތައްޔާރު ވުމެކެވެ. ހުކުރު ދުވަހުގެ ރޭން ފެށިގެން ވަގުތީގޮތުން އެމެރިކާގެ ހަމަލާތައް ހުއްޓާލަން ގަސްދުކޮށްފައިވާކަން ދިފާއީ ވުޒާރާގެ އޮފިޝަލަކު ސީ އެން އެން އަށް ވަނީ މައުލޫމާތު ދީފައެވެ.
ހުކުރު ދުވަހުގެ ބައްދަލު ކުރެއްވުމުގައި އެމެރިކާގެ ހަތިޔާރު ގުދަނުގެ ހާލަތާއި އަދިވެސް ހަނގުރާމައިގާ އެމެރިކާއިން ތަޖްރިބާކުރަން ޖެހިފައިވާ ’ ބަލި ފައި ’ ގެ ތަފްސީލުތައް ޖެނެރަލް ކެއިން ވަނީ ރައީސް ޓްރަމްޕްއަށް ދަންނަވާފައެވެ. އެމެރިކާގެ ހަތިޔާރު ގުދަންތައް ހުރީ ވަރަށް ބޮޑަށް ހުސްވެފައިކަން ސީ އެން އެން އަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. މައުލޫމާތު އިތުރަށް ސާފުކުރަން ސީ އެން އެން އިން ނައިބު ރައީސްގެ އޮފީހަށް ގުޅުމުން ޖަވާބެއް ނުލިބުނެވެ.
ރައީސް ޓްރަމްޕް އަބަދުވެސް ބޭނުންފުޅުވަނީ އީރާނާއެކު އުފެދިފައިވާ ދެކޮޅުވެރިކަން ސިޔާސީގޮތުން ހައްލު ކުރެއްވުމެވެ. އެކަމަކު އެމެރިކާގެ ބައިވެރިންނަށް ހޮރްމުޒް ކަނޑުއޮޅިން ބައިނަލް އަގްވާމީ ދަތުރުތައް ނުކުރެވޭ ނަމަ ރައީސް ޓްރަމްޕް ހުންނެވީ ދޫދެއްވާގޮތަކަށް ނޫންކަމަށް ވައިޓްހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ސްޓީވަން ޗޯންގް ބަޔާންކޮށްފައިވެއެވެ. މެދުނުކެޑި އަޅަމުންގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އަދި 13 ރޭ ވަންދެން ދިން ހަމަލާތަކުން އީރާނުގެ އިގްތިސާދު އިނދަޖެހުމާއިއެކު ރަނގަޅުފިލާވަޅެއް އޮންނާނީ ދަސްވެފައި ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އީރާނާއެކު އުފެއްދުންތެރި ވާހަކަތަކެއް ދެކެވެމުންދާކަމަށް ކެބިނެޓްގެ ވަޒީރުންނާއި އަދި މިލިޓްރީ ތަޖްރިބާ ކާރުންނާއެކު ބޭއްވި ބައްދަލު ކުރެއްވުމަށްފަހު ރައީސް ޓްރަމްޕް ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައިވެއެވެ.
މިފަހަރު ވަގުތީގޮތުން ހަމަލާތައް ހުއްޓާލައި އަލުން މަޝްވަރާތަކަށް ދިއުމުގައި އެމެރިކާގެ އިޚްލާސްތެރިކަން ހުރި މިންވަރެއްގެ އަޖުމަ ބެލުމުގެ ގޮތުން އީރާނުން މިދިޔަ ހޯމަދުވަހު ސައޫދީ އެރޭބިއާއާއި ޖޯރޑްން އަދި އިރާގަށް ޑްރޯނުން ހަމަލާދީފައިވާކަން ރޮއިޓާރސްގެ އެންމެ ފަހުގެ ޚަބަރުތަކުގައި ބުނެފައިވެއެވެ. އަދި ޔަމަނުގެ
ހޫތީ މުޖާހިދުންވެސް ސައޫދީ އެރޭބިއާގެ އިރުމަތީ ސަރަހައްދުގެ ޕެޓްރޯލިއަމް ޓާރގެޓް ތަކަށް ހަމަލާ ދީފައިވާކަން ރިޔާޒުން ބުނެފައިވެއެވެ.
ވަގުތީގޮތުން ހަމަލާތައް ހުއްޓާލަން އެމެރިކާގެ ރައީސް ނިންމަވާފައި ނިންމުމަށް އިހްތިރާމްކުރުމުގެ ގޮތުން އީރާނުންވެސް ހަމަލާތައް ހުއްޓާލާނެކަމަށާއި އެހެންނަމަވެސް ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނީ އީރާނުގެ ހުއްދަ ލިބިގެންކަމަށާއި އަދި ސުލްހައިގެ ވާހަކަތަކަށް މާބޮޑު ޝައުގުވެރިކަން ނެތްކަމުގައި އީރާނުން ބުނެފައި
ވެއެވެ.
ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލުމާބެހޭގޮތުންވެސް މީޑިއޭޓަރުން ގެންދަނީ އީރާނާއި އޮމާނާއެކު މަޝްވަރާ ކުރަމުންނެވެ.
އީރާނުގައި އިތުރަށް ހަމަލާދޭނެ ތަންތަން ނެތްކަމަށް އެމެރިކާގެ ޗެއާރމަން އޮފް ދަ ޖޮއިންޓް ސްޓާފް ޖެނެރަލް ދޭން ކައިން ރައީސް ޓްރަމްޕް އަށް ދަންނަވާފައިވާކަމަށާއި ވަގުތީގޮތުން ހަމަލާތައް ހުއްޓާލުމުގައި އެއީވެސް ސަބަބެއް ކަމަށް ބެލެވޭކަމުގައި އެމެރިކާގެ އޮފިޝަލުން ރޮއިޓާރސް އަށް ވަނީ ކިޔާދީފައެވެ. އެހެންނަމަވެސް ބައެއް އެހެންމީޑިއާ ޕްލެޓްފޯމްތަކުގައިވެސް އެމެރިކާ މިލިޓްރީގައި ބޭނުންކުރަމުންގެންދާ ވައިގެ ދިފާއީ އިންޓަރސެޕްޓަރސް ވަރަށް ބޮޑަށް މަދުވެފައިވާކަން ހާމަކޮށްފައިވެއެވެ.
ފާއިތުވެގެންދިޔަ ދެ ހަފުތާއެއްހާދުވަހު ހަނގުރާމައިގެ ހާލަތު ވަރަށްބޮޑަށް ގޯސްވެފައި ވުމާއެކުގައިވެސް އަނެއްކާވެސް ޑިޕްލޯމެޓިކް ހައްލެއް ގެނައުމުގެ މަސައްކަތުގައި މީޑިއޭޓަރުންކުރަމުންގެންދާ މަސައްކަތް ކާމިޔާބު ވެ އެމެރިކާއާއި އީރާނުން މަޝްވަރާގެ މޭޒަށް ގެނެވިއްޖެކަން ގާހިރާއިން އެސޯޝިއޭޓެޑް ޕްރެސް ރިޕޯރޓް ކޮށްފިއެވެ. އެމެރިކާއާއި އީރާނުން މަޝްވަރާގެ މޭޒަށް އައުމަށް ރުހުން ލިބިފައިވީ ނަމަވެސް ކެސްޕިއަން ކަނޑުތެރޭގައި އީރާނުގެ ކޮމާރޝަލް ބޯޓަކަށް ޔޫކްރެއިނުން ހަމަލާދީ އެ ބޯޓު ގޮއްވާލުމާގުޅިގެން އުފެދިފައިވާ ހޫނު ބަސްތަކަށް ފިނިކަމެއް ނާދެއެވެ. އީރާނުން ބުނެފައިވާގޮތުގައި އެ ގައުމުގެ ވަރަށް ޚާއްސަ ބައިވެރިއެއް ކަމުގައި ބެލެވޭ ރަޝިޔާއަށް ބޭނުންވާ ޝިޕްމެންޓަކަށް ބައިނަލް އަގްވާމީ ކަނޑެއްގައި ހަމަލާދިނުމުން އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ ޔޫކްރެއިން ބައިވެރިވާ މިންވަރު ވަރަށް ރަނގަޅަށް އެނގި ހާމަ ވެއްޖެކަމަށެވެ. އަދި ޔޫކްރެއިންގެ ހަމަލާއަކީ މާޒީކަމަށް އީރާނުން ނުބަލާނެކަމަށްވެސް ވަނީ ބުނެފައެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމައިގާ އެމެރިކާ ރައްޔިތުން ދެކޭގޮތް ބެލުމަށް ސީ ބީ އެސް ނިއުސް އިން ނެގި ޕޯލްގެ ނަތީޖާ ހާމަކޮށްފިއެވެ. އެ ނަތިޖާއިން ރައީސް ޓްރަމްޕްގެ ރިޔާސަތުގެ މަގު ހަނިވަމުންދާ މިންވަރު ފެންނަމުންދެއެވެ. އަދި ހަނގުރާމަ އަކީ ރައީސް ޓްރަމްޕް ހީފުޅުކުރެއްވިހާ ފަސޭހައިން ނިންމާލެވިދާނެ ހަނގުރާމައަކަށްވެސް ނުވި އެވެ.

ހޮރްމުޒް ކަނޑުއޮޅީގައި ކަންތައް ހިނގަމުންދާގޮތް އެމެރިކާގެ ރައްޔިތުންނަކަށް އޮޅުމެއް ނުފިލައެވެ. ހަނގުރާމަކުރުމަށްވުރެން އެމެރިކާގެ ރައްޔިތުން ބޭނުންވާ އެހެން މާގިނަކަންތައް އެބަހުއްޓެވެ. ދޭތެރެ ދޭތެރެއިން ހަނގުރާމައިގެ އަލިފާންގަނޑު އިތުރަށް ހޫނުވެގެންދިއުމަކީ އެމެރިކާގެ ރައްޔިތުން ކަންބޮޑުވާކަމެކެވެ. އެމެރިކާގެ ރައްޔިތުން ގަބޫލުކުރާގޮތުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައިގެ ނިމުން ފެންނާކަށް ވެސް ނެތެވެ. އަދި ހަނގުރާމަ ކުރިއަށްދަނީވެސް ރައީސް ޓްރަމްޕް ގަބޫލުކުރައްވާގޮތަށް ކަމުގައި ގަބޫލެއް ނުކުރެއެވެ. އެމެރިކާގައި ދިރިއުޅުމުގެ ހާލަތުވެސް މިހާރު މާބުރައެވެ. އެމެރިކާ ސަރުކާރުން ރައްޔިތުންނަށް ވިސްނާދީފައި އޮންނަނީ އީރާނަކީ އަވަށްޓެރި ގައުމުތަކަށް އޮތް ނުރައްކަލެއް ކަމަށެވެ. އެއީ އިސްރާއީލުން ކުލަޖައްސަމުންގެން މަންޒަރެއްކަން އާންމު ރައްޔިތުންނަކަށް ނޭގެއެވެ.

އެމެރިކާއިން ބޭނުންވާގޮތަށް އީރާނުގެ ކަންތައްތައްބަދަލު ކުރަން އުޅުމަށްވުރެން ހަނގުރާމަ ހުއްޓާލަން އެދޭމީހުންގެ ނިސްބަތްވެސް މާބޮޑަށް އިތުރުވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިހާރު ހަމަލާތައް ހުއްޓާލައި އަލުން މަޝްވަރާކުރުން އިޚްތިޔާރުކުރުމާއެކު ކޮންމެވެސް މިންވަރެއްގެ ހިތްހަމަޖެހުމެއް ވެސް ވަނީ ލިބިފައިކަމަށްބެލެވެއެވެ. އެހެންނަމަވެސް ރިޕަބްލިކަން މެމްބަރުންގެ ފިއްތުންތަކާހުރެ ހަނގުރާމަ ހުއްޓާލުމަށް ތާއީދު ނުކުރާމީހުންގެ އަދަދު ވަނީ ކޮންމެވެސް ވަރަކަށް އިތުރު ވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް