ޖަޕާނުގެ ހުޅަނގު ދެކުނު އައްސޭރިފަށުގައިވާ ކިއުޝޫ ރަށުގެ ކުމަމޯޓޯ ޕްރިފެކްޗަރ އަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގައި އިއްޔެ މެންދުރުފަހު އައި ބިންހެލުމަށްފަހު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް ޚަބަރުލިބެއެވެ. މިހާތަނަށް ހާމަވެފައިވާ ގޮތުގައި ބިންހެލުގެ ސަބަބުން 13 މީހުން ވަނީ މަރުވެފައެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައްބަޔަކު ވާނެކަމަށް ބެލެވޭތީ މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ދަނީ ބެލެމުންނެވެ.
އުމުރުން 75 އަހަރުގެ މީހަކު ކިޔާދިން ގޮތުގައި އިއްޔެގެ ބިންހެލުމަކީ އޭނާއަށް މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެ ބާރުގަދަ ބިންހެލުމެވެ. އަދި އޭނާހުރީ އޭނާވެސް ބިންހެލުމުގައި މަރުވާނެކަމަށް ބަލައިގެން ކަމަށް ކިޔާދީފައި ވެއެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، 7.1 ރިކްޓަރ މިންގަނޑުގެ މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. އަދި، މި ހާދިސާއާއި ގުޅިގެން ސުނާމީއެއް އުފެދިދާނެތީ އިދާރާ ތަކުން ތައްޔާރީ ހާލަތަށް އައިސްފައިވެއެވެ.
ޖަޕާނުގެ ބިންހެލުން މިންކުރާ މިންގަނޑުން ބަލާއިރު، މި ބިންހެލުމުގެ ބާރުމިން ހުރީ އެންމެ މަތީ ދަރަޖައިގައެވެ. އެ ޤައުމުގެ ގަޑިން ހަވީރު 4:30 ހާއިރު އައި މި ބާރުގަދަ ބިންހެލުމަށްފަހު، އެ ސަރަހައްދަށް އިތުރު ލޮޅުންތަކެއް އަންނަމުންދިޔަކަން ފާހަގަކުރެވުނެވެ.
ބިންހެލުން އައުމަށްފަހު ބޮޑުވަޒީރު ޓަކައީޗީ ވަނީ ނޫސްކޮންފަރެންސެއްބާއްވަވާ ގައުމާ މުޚާތަބް ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ގެދޮރު ހަލާކުވި މީހުންނަށް މިހާރުވަނީ 450 އިވެކުއޭޝަން ސެންޓަރު ނުވަތަ ވަގުތީ ހިޔާތައް ގާއިމް ކޮށްފައެވެ.އަދި މިތަންތަނަށް ބޭނުންވާ ކާބޯތަކެއްޗާއި ފެނުގެ އިތުރުން އެތަންތަން ފިނިކުރެވޭނެ ގޮތް ހެދޭތޯވެސް ބަލަމުން ދާކަމަށް ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން މީހުން ސަލާމަތް ކުރުމަށާއި ވަގުތީ ހިޔާތަކުގައި މަސައްކަތް ކުރުމަށް 4600 މީހުން ފޮނުވާފައިވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވެފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ 2000ފުލުންނާއި ފަޔަރ ސަރވިސްގެ 1000މީހުންގެ އިތުރުން ވޮލަންޓިއަރުންނެވެ.
ކުމަމޯޓޯ ގެ ޓެމްޕަރޭޗަރު މިއަދު ހުރީ 35ޑިގްރީ ސެންޓިގްރޭޑްގައެވެ. މިއީ ޖަޕާނަށް ބަލާއިރު ވަރަށް ހޫނު ގަދަ މިންވަރެކެވެ.
އިއްޔެގެ ބިން ހެލުމުގައި ބޮޑު ޝޮޕިންގ މޯލް އަކާއި ޕޭޕަރ ފެކްޓަރީ އެއް ވެއްޓިފައިވާއިރު ގެތަކާއި އެހެން އިމާރާތްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތައްލިބިފައެވެ. މިގޮތުން މަދުވެގެން 18 ގެ ވެއްޓިފައިވާއިރު އެތަނުން ދެގެއެއްގެ ދަށުގައި މީހުން ތިބިކަން ހާމަވުމަށްފަހު އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މި ހާދިސާގެ ސަބަބުން ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ. އެގޮތުން ކިއުޝޫގެ ހުރިހާ ރޭލު ދަތުރުތަކެއް މެދުކަނޑާލާފައިވާއިރު، ކުމަމޯޓޯ ވައިގެ ބަނދަރުގެ ރަންވޭ ބަންދުކޮށް، އުޅަނދުތައް ވަނީ ހުއްޓާލާފައެވެ. އަދި ކުމަމޯޓޯގެ ބައެއް ފިހާރަތަކުން ނާއި ގެތަކުން ކަރަންޓު ކެނޑި، މޯބައިލް ފޯނުގެ ޚިދުމަތްތަކަށްވެސް ވަނީ ބުރޫއަރާފައެވެ.
ނަމަވެސް، އެ ސަރަހައްދުގައި ހުރި ނިއުކްލިޔަރ މަރުކަޒުތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އިދާރާތަކުން ކަށަވަރުކޮށްދީފައި ވެއެވެ.
ކިއުޝޫ ސަރަހައްދަކީ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތަކަށް ބޭނުންވާ ޗިޕް އުފައްދާ ގިނަ ކާރުހާނާތަކެއް ހުންނަ ސަރަހައްދެކެވެ.
![]()
