އެމެރިކާއާއި ސައޫދީ އެރޭބިއާއިން ނިއުކްލިއަރ ހަކަތައާއި ބެހޭ ގޮތުން އެއްބަސްވުމެއް ގާއިމްކުރެވިފައިވީ ނަމަވެސް ސައޫދީ އެރޭބިއާއިން އަބްރަހަމް އެކޯރޑް ގަބޫލުކޮށް އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމް ކުރާ ދުވަހަކާހަމަޔަށް އެ އެއްބަސްވުމަށް އަމަލުކުރަން ނުފަށާނެ ކަމަށް ޖުލައި 24 ވީ ހުކުރު ދުވަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާންކުރައްވައިފި ކަމުގައި ރޮއިޓާރސް ޚަބަރު ދީފިއެވެ.
ސައޫދީ އެރޭބިއާގައި ފުރަތަމަފަހަރު މަދަނީ ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ އުފެއްދުމާބެހޭ އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރީ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓް އެވެ. ސައޫދީ އެރޭބިއާގެ ފަރާތުން ސޮއިކުރެއް ވީ އެގައުމުގެ ހަކަތައާބެހޭ ވަޒީރު ޕްރިންސް އަބްދުލް އަޒީޒް ބިން ސަލްމާން އެވެ. މި އެއްބަސްވުން ދެން ފޮނުވަން ޖެހޭނީ ކޮންގްރެސް އަށެވެ.
މިއެއްބަސްވުމުގެ ސަބަބުން ވެސްޓިން ހައުސް ކެނެޑާގައި ހުންނަ ކޭމްކޯއާއި ބްރޫކްފީލްޑް އެސެސްޓްމެންޓަށް ނިއުކްލިއަރ ޕަވަރ ޕްލާންޓް އުފެއްދުމާއި އަދި މަރާމާތުކޮށް ބެލެހެއްޓުމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޚިދުމަތްތައް ފޯރުކޮށް ދިނުމާއި އަދި ނިއުކްލިއަރ ފިއުލް އުފެއްދުމާއި އަދި އެންމެ ކުރިއަރާފައިވާ ނިއުކްލިއަރ ރިއެކްޓަރ ފަރުމާކުރުމުގައި ވަރަށް ކުރީސަފުން ފާހަގަކުރެވޭ މަޝްހޫރު ކުންފުންޏެކެވެ. ކުންފުނި އުފައްދާފައިވަނީ 1886 ވަނަ އަހަރު ޖޯރޖް ވެސްޓިންގހައުސް އެވެ ކިއުނު މީހެކެވެ. އެ ޒަމާނުގައި އޭސީ ކަރަންޓާއި އޭގައި ބޭނުންކުރެވޭ އާލާތްތަކަށް ޚާއްސަ ވެފައިވީ ނަމަވެސް މިޒަމާނުގައި އެކުންފުންޏަކީ ނިއުކްލިއަރ އާއި އަދިވެސް އެނަރޖީއާއި ހަކަތައިގެ ދާއިރާގައި އެންމެ ފުރަތަމަ ބޭނުންކުރެވޭ ނަންކަމުގައިވެސް ބުނެވިދާނެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑްންގެ ރިޔާސަތުގައިވެސް ސައޫދީ އެރޭބިއާއިން އަބްރަހަމަ އެކޯރޑްގައި ބައިވެރިކުރުވައި އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމް ކުރުވަން ގިނަ ބަހަނާތަކެއް އުފަން ކުރުވިއެވެ. އެހެންނަމަވެސް 1967 ވަނައަހަރު ޔުނައިޑްޓެޑް ނޭޝަންސް އިން ކަނޑައަޅާފައިވާ ބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމުގެ ކުރިން އަބްރަހަމް އެކޯރޑްގައި ބައިވެރި ވުމާއި އިސްރާއީލާއެކު ސިޔާސީ ގުޅުން އުފެއްދުމަށް ސައޫދީ އެރޭބިއާ އިން ގެންދިޔައީ އިންކާރު ކުރަމުންނެވެ.
ސައޫދީ އެރޭބިއާއާއެކު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ހަކަތައާބެހޭ ވަޒީރު އަރިހުގައި އަބްރަހަމް އެކޯރޑްގެ ވާހަކަ ނުދައްކަވާކަމަށް މިދިޔަ ހުކުރު ދުވަހު އޯވަލް އޮފީހުގައި އިންނަވާފައި ރައީސް ޓްރަމްޕް ވިދާޅުވިއެވެ. އެހެންނަމަވެސް ހަކަތައާބެހޭ ވަޒީރަށާއި އަދި ސައޫދީ އެރޭބިއާއަށްވެސް އެކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަދި ސައޫދީ އެރޭބިއާއިން އެގޮތަށް އަމަލު ކުރާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް އިޝާރާތް ކުރެއްވިއެވެ.
ރައީސް ޓްރަމްޕް އެންމެފަހުން މި ކުރެއްވި އިއުލާނާ ބެހޭގޮތުން މިހާތަނަށް ސައޫދީއެރޭބިއާގެ ބަހެއް ނުލިބެއެވެ. ސައޫދީ އެރޭބިއާއިން އެކިއެކި މީޑިއާތަކަށް ދީފައިވާ މައުލޫމާތުތަކުގައި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދައިފިނަމަ ގިނ ދުވަސްތަކެއް ނުކޮށް ސައޫދީ އެރޭބިއާއިންވެސް ނިއުކްލިއަރ ހަތިޔާރު އުފައްދާނެއެވެ. ގްރޭޓަރ އިސްރާއީލް އުފެދިގެން އަންނައިރު ސައޫދީ އެރޭބިއާގެ ބިމުގެ ބޮޑުބައެއްވެސް އޭގައި ހިމެނިގެން ދާނެކަމަށް އިސްރާއީލުން ކެނޑިނޭޅި ދައުވާކުރަމުން ގެންދާއިރުވެސް އިސްރާއީލުގައި ނިއުކްލިއަރ ހަތިޔާރު ހުރުމަކުން ސައޫދީ އެރޭބިއާއަށް އެއްވެސް ބިރުވެރިކަމެއް ނެތްކަން މިއިން ދޭހަވެއެވެ. ދުނިޔޭގެ ތާރީޚުގައި އީރާނުން ސައޫދީ އެރޭބިއާއަށް އަރައިގެންފައިވާކަން އެނގެން ނެތުމާއެކުވެސް އީރާނުގައި ނިއުކްލިއަރ ހަތިޔާރު ހުރުމަކީ ސައޫދީ އެރޭބިއާއަށް ނުރައްކަލެއްކަން މީޑިއާ ޕްލެޓް ފޯރމްތަކުންވެސް އެނގިގެންދެއެވެ.
![]()
