ބްރިޖުގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް 30 ދުވަހަށް ޓޯކޮށްފި

Loading

Facebook
Twitter
WhatsApp

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން އެ ސައިކަލުތައް 30 ދުވަހަށް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯ އިން ފެންނަނީ ރޭގަނޑު ވަގުތުގައި ތިން ސައިކަލެއްގައި ތިން މީހަކު ވަރަށް ބާރު ސްޕީޑުގައި ބްރިޖްގައި މާލެއާ ވީ ފަޅިއަށް ދުއްވަމުން ދިޔައިރު އެތަނުން ދެ ސައިކަލުގައި ދުއްވަން ތިބި ދެ މީހަކު އޮތީ ސައިކަލުގެ މަޑިމަތީގައި އެއްކޮށް އޮށޯވެގެން އޮވެ، ހުންގާނުގައި ހިފަހައްޓައިގެންނެވެ.
އަދި ތިން ވަނަ މީހާ ވެސް އެމީހުންގެ ކައިރިން ވަރަށް ބާރަށް ސައިކަލުގައި ދަނިކޮށް ވީޑިއޯގައި ފެނުނުއިރު، އެ ވަގުތު ކޮންމެވެސް ވަރަކަށް ބްރިޖުގައި އޭރު ވެސް ވެހިކަލް ދުއްވާތަން ފެނެއެވެ.
އެކަމާގުޅިގެން ފުލުހުން މިއަދު ބުނީ އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ޓޯކޮށްފައިވާ ކަމަށެވެ.
އަދި އެ ވެހިކަލްތައް 30 ދުވަހަށް ޓޯކޮށްފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާތީ، ގަވާއިދު އޮތްގޮތުން އެ ތަނުން އެއްވެސް މީހަކާމެދު ފިޔަވަޅުއަޅާފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް