ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފިއެވެ.
މިނިވަންދުވަހުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑރ. ޚަލީލުއްރަޙްމާން، މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިޙުތިރާމުގެ ޒިޔާރަތެއްވެސް ކުރައްވާފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގައި ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންދެއްވީތީ ޑރ. ޚަލީލުއްރަޙްމާނަށް ޝުކުރު އަދާކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްގޮތާމެދުވެސް މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް، ގިނަ ޤައުމުތަކުން ގުޅިގެން ކުރާ މަސައްކަތްތަކާއި، ތަޢުލީމުގެ ފުރުޞަތުތަކާއި، ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް އެއްބާރުލުންދެވިދާނޭ މަގުތައް ހޯދުމަށް ތައްޔާރަށް ތިއްބެވިކަން ދެ ބޭފުޅުންވެސް ހާމަކުރައްވަމުންނެވެ.
![]()
