އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެންޑީ ބަރނަމް އޭނާގެ ފުރަތަމަ ކެބިނެޓް ބައްދަލްވުން ބާއްވަވައިފިއެވެ. މިބައްދަލް ވުމުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ އުނދަގޫ ނިންމުންތައް ނިންމަން ތައްޔާރަށް ތިބެންޖެހޭނެ ކަމަށް މިނިސްޓަރުންނަށް ގޮވާލައްވާފައެވެ. އަދި އޭނާގެ ސަރުކާރު ވެގެން ދާނީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަ ކޮށްދޭނެ ސަރުކާރަކަށް ކަމުގައި ވިދާޅުވެފައި ވެއެވެ. މިގޮތުން އެހީ އެބަ އަންނަ ކަމުގެ އިހުސާސް އާންމު ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައި ވެއެވެ. ބަރނަމް ވަނީ އޭނާގެ ވެރިކަމުގައި ޤައުމުގެ އިޤްތިޞާދީ ނިޒާމު ހަރުދަނާކޮށް، ޤައުމުގެ އިސްވެރިން އަވަސްއަވަހަށް ބަދަލުވުމުގެ ސަބަބުން ސަރުކާރުތަކުގެ ހިންގުމާމެދު ހިތްހަމަނުޖެހިފައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ކަރަންޓް ބިލު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހައުސްހޯލްޑް އިލެކްޓްރިސިޓީ ބިލުން ވެލިއުއެޑަޑް ޓެކްސް އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހު ކަނޑާލާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އާންމުންނަށް މިވަގުތު ކުރިމަތިވެފައިވާ ފައިނޭންޝަލް ޕްރެޝަރ ކުޑަކުރުން ވެގެންދާނީ އެންޑީ ބަރނަމް ގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު އެއްމައްސަލަ އަށެވެ.
އެންޑީ ބަރނަމް އިގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވީ ކުރިން ހުންނެވި ކެއިރު ސްޓާމާ އާމެދު އޮތް އިތުބާރު ވެރިކަންކުރާ ލޭބަރ ޕާޓީގެ މެމްބަރުންގެ މެދުގައި ގެއްލި އަލުން ވެރިއަކު ހޮވަން ޖެހުމުންނެވެ.
ބަރނަމް ވެގެން ގޮސްފައި މި ވަނީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުން ޢައްޔަނުކޮށްފައިވާ 7ވަނަ ބޮޑުވަޒީރަށެވެ.
ބަރނަމް ވަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމަށް މިހާރުން މިހާރަށް އަޅުއްވާނެ ފިޔަވަޅުތައް ނިންމަވާ އެ ކަމަށް ފައިސާ ހޯއްދަވާނެ ގޮތުގެ ތަފްޞީލް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން ދިގު މުއްދަތުގައި ކުރައްވާނެ މަސައްކަތްތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަތައް ޙައްލުކޮށް ވެލްފެއާއަށް ކުރާ ޚަރަދު ކުޑަކުރުމަށް އިޖްތިމާޢީ ގެދޮރު އެޅުއްވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެ ގޮތަށް ޢަމަލުކުރުމުން ދިފާޢީ ދާއިރާއަށްޚަރަދުކުރުމަށްލިބޭ ފައިސާ އިތުރުވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ވިލާތުގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ފާއިތުވި އަހަރުތަކުގައި އިނގިރޭސިވިލާތުގައި ވެސް ތަކެތީގެ އަގު ބޮޑުތަނުން އުފުލި އިޤްތިޞާދީ ކުރިއެރުން މަޑުޖެހިފައިވާ ކަމަށެވެ. ސިޔާސީ މަސްރަހުގެ ސަބަބުން ރައްޔިތުން ފޫހިވެފައި ތިބި ކަން ޤަބޫލުކުރައްވާ ކަމަށް ވިދާޅުވެ، ސަރުކާރަށް އެދެވޭ ގޮތަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށް އޭނާ އިޢުތިރާފުވެވަޑައިގެންނެވިއެވެ. އަދި ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ވެސް އޭނާ އެއްބަސްވެވަޑައިގެންނެވިއެވެ.
ބަރނަމް ވިދާޅުވީ އޭނާ އެންމެ ފުރަތަމަ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ އާއި ކަމަށެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން އޮތީ ޔޫކްރެއިންއާއެކު ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
![]()
