އެމެރިކާގެ އިގްތިސާދީ މާހިރު… ޗިކާ އޮފިޝަލް ޕްލެޓްފޯރމުން ނަގާފައި
އަހަރެމެން ދިރިއުޅެމުން މިގެންދަނީ ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއްގައެވެ.
ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރގެ ބޭނުން ކުޑަވަމުންދާކަމަށް މިހާރު އިންކާރު ނުކުރެވޭނެއެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށްފަހު 1945 ވަނައަހަރުން ފެށިގެން މިހާތަނަށް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަކީ ދުނިޔޭގައިއޮތް ހަމައެކަނި މިލިޓްރީގޮތުން ބާރުގަދަ މުއްސަނދިކަމުގައި ދެވަނައެއްނެތް ގައުމެވެ. ޖަޕާނާއި އިނގިރޭސި ވިލާތާއި އިޓަލީއާއި ޖަރުމަނާއި މި ހުރިހާ ގައުމަކީވެސް ދެވަނަ ބޮޑު ހަނގުރާމައިގާ ނިކަމެތިވެ އަމިއްލަ ގައުމުގެ މިނިވަންކަންވެސް ދިފާއު ނުކުރެވިފައިވާ ގައުމުތަކެވެ. ބޮންއަޅާ އެ ގައުމުތައް ވީރާނާ ކޮށްލާފައިވާއިރު ހަނގުރާމައިގެ ލަޝްކަރުތައްވެސް ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ހަމަލާތަކުގެ ޝިކާރައަށްވެ ދުނިޔެއިން ވަކިވެގެން ގޮސްފައެވެ. ޕާރލް ހާބަރަށް ލިބުނު ގެއްލުން ފިޔަވައި އެމެރިކާއަށް ލިބުނު މާބޮޑު ގެއްލުމެއް ނެތެވެ. 1930 ގެ އަހަރުތަކުގައި އެމެރިކާގެ އިގްތިސާދު އޮތީ ފޫގޮސްފައެވެ. އެމެރިކާގެ އިގްތިސާދު ހިންދެމިލައި ކުރިއަރައިގެންދިއުމަށް ފުރުސަތު ލިބުނީ ދެވަނަ ބޮޑު ހަނގުރާމަ ނިމުމުންނެވެ. އެމެރިކާ ޑޮލަރަކީ މުޅިދުނިޔެއަށް ބޭނުންކުރެވޭ ފައިސާއަކަށް ވެއްޖެއެވެ. އެމެރިކާގެ އާބާދީ 330 މިލިއަނަކީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް %4.5 އެވެ. އެ ޒަމާނުން ފެށިގެން މިހާތަނަށް ދުނިޔޭގެ އިގްތިސާދުގެ ސާޅީހަކަށް އިންސައްތަ ހިއްސާކުރަމުންގެންދިޔައީ އެމެރިކާއިންނެވެ. ޔޫރަޕްގެ ގައުމުތައް ކުރިއަރައިގެން ދިއުމަށް އެމެރިކާއިން ގިނަ ގޮތްގޮތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އުފެއްދުންތެރިކަމަށް ބޭނުންވާ ފައިސާއާއި އުފައްދާތަކެތި އެމެރިކާގެ ބާޒާރަށް ގެނައުމުންނެވެ. އެއީ އެމެރިކަން އެމްޕަޔަރގެ ރަންޒަމާނެވެ. އިންޑިއާ މިނިވަންވުމާއެކު އިސްތިއުމާރީންގެ ބާރު ދުނިޔެއިން ނެތިގެން ހިނގައްޖެއެވެ. އެއަށްފަހު ދުނިޔޭގެ އިގްތިސާދު އޮތީ އެމެރިކާގެ ބާރުގެ ދަށުގައެވެ.
މިހާރު މިފެންނަނީ އެމެރިކާގެ އެމްޕަޔަރއާއި އެމެރކާގެ އިގްތިސާދު އަރިއަޅައިގެންދާ މަންޒަރެވެ. އެއީ މިހާތަނަށް ދުނިޔެ ތަޖްރިބާކޮށްފައިވާ ފަދައިންނެވެ. ކުރިއަރައިގެން ދިއުމާއި އަރިއަޅާލައިގެން ވެއްޓުމެވެ. އެމެރިކާއަކީ އިސްތިސްނާއަކަށް ނުވާނެއެވެ. އެމެރިކާގެ ކުރިއެރުން ނިމުމަކަށް އަތުވެދާނެތޯ ސުވާލެއް ނުކުރެވޭނެއެވެ. ކުރެވިދާނެ ސުވާލަކީ ހަމައެކަނި އެމެރިކާގެ ކުރިއެރުން ހުއްޓި ނެތިގެންދާނީ ކޮން އިރަކުންތޯއެވެ !
އެމެރިކާ އެމްޕަޔަރގެ ވެއްޓުން ފެށުނު ހިސާބަކީ ވިއެޓްނާމަ ހަނގުރާމައިގާ ލިބުނު ނާކާމިޔާބެވެ. އެއަށްފަހު އިރާގާއި އަފްޣާނިސްތާނުގައި ލިބުނު ނާކާމިޔާބެވެ. އަދި މިހާރު ނާކާމިޔާބާއި ކުރިމަތިލާން ޖެހިފައިވާ ޔޫކްރެއިން ހަނގުރާމައެވެ. މިއިން ކޮންމެ ގައުމަކީވެސް އެމެރިކާގެ ނިސްބަތުން ފަގީރު ގައުމުތަކެވެ. އެކަމަކު ހަނގުރާމައިގާ ބާރުގަދަ އެމެރިކާއަށް ހިފާއްޓާ ނުލެވުނެވެ. މިއީ މިހާރުވެސް 18-19 އަހަރުގެ ސްކޫލް ދަރިވަރުންނަށް ޔުނިވަރސިޓީތަކުގައި އަހަރެން ކިޔަވާދޭ މާއްދާއެކެވެ. އެ ދަރިވަރުންނަށް ގަބޫލުކުރެވިފައި އޮންނަނީ އެމެރިކާއިން އެއްވެސް ހަނގުރާމައެއްގައި ނާކާމިޔާބާ ކުރިމަތިލާން ޖެހިފައި ނުވާކަމަށެވެ.
ދުނިޔޭގެ އިގްތިސާދުގައިވެސް އެމެރިކާގެ މަގާމުދަނީ ވެއްޓެމުންނެވެ.އަހަރެންނަކީ އިކޮނޮމިސްޓަކީމެވެ. ދުނިޔޭގެ އިގްތިސާދަށް ވަމުންދާގޮތް ދެނެގަތުމަކީ އަހަރެންގެ ޝައުގުވެރިކަމެވެ. އެމެރިކާއަކީ މުއްސަނދި ގައުމުތައް ކަމަށް ބުނެއުޅޭ ޖީ-7 ގައި ހިމެނޭ ގައުމެކެވެ. އެއީ ޔޫރަޕްގެ 5 ގައުމަކާއި އަދި ޖަޕާނާއި އެމެރިކާއެވެ. މި ބުނާ މުއްސަނދިގައުމުތަކުގެ ގުޑްސް އންޑް ސަރވިސް އަކީ ދުނިޔޭގެ ނިސްބަތުން %28 އެވެ. ދެން ރިޕަބްލިކް އޮފް ޗައިނާއާއި އެ ގައުމުގެ ބައިވެރިންނަށް ބަލާލާއިރު އެ ޖަމާއަތުގެ މަޝްހޫރު ނަމުން ބުނާނަމަ “ ބްރިކްސް “ ފަށައިގަތީ ހަމައެކަނި 5 ގައުމަކުންނެވެ. މިހާރު އެ ޖަމާއަތުގައި އިތުރު ވިއްސަކަށް ގައުމުންވަނީ ބައިވެރި ވެފައެވެ. މި ޖަމާއަތުގެ ގުޑްސް އެންޑް ސަރވިސް އަކީ ދުނިޔޭގެ ނިސްބަތުން %35 އެވެ. މިހާރުވެސް އެ ޖަމާއަތަކީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށްވުރެން އިގްތިސާދީ ގޮތުން ފުދުންތެރި ޖަމާއަތެކެވެ. އެމެރިކާއަކީ މިހާރު ދުނިޔޭގެ އިގްތިސާދުގެ މައިމަރުކަޒެއް ނޫނެވެ. އެ މަގާމު ގެއްލިގެން ހިނގައްޖެއެވެ. ދުނިޔޭގެ ކޮންމެ ގައުމަކުންވެސް މިހާރު ވިސްނަމުންގެންދަނީ އަމިއްލަ އިގްތިސާދަކާއި އަމިއްލަ މިލިޓްރީއަކާއި އަމިއްލަ އާދަކާދައަކާއި އަދި މުޅިން މިނިވަން އަމިއްލަވަންތަކަމެއްގައި ދިރި ތިބުމަށެވެ. އެފްރިކާގެ ގައުމުތަކުގެ މަގުތަކާއި ރެއިލްވޭތައް ބިނާކުރުމުގައި އެމެރިކާއާއި ލަންޑަނާއި ފަރަންސޭސި ވިލާތަށް ސަލާން ޖެހުމުގެ ބަދަލުގައި ނިއުދިއްލީއާއި ބެއިޖިންގ އަދި ދެކުނު އެމެރިކާގެ ސައޯޕާލޯ އަށް ދިއުމުގެ ރާސްތާ އޮތީ ހުޅުވިފައިކަން އެނގިއްޖެއެވެ. އެފްރިކާގެ ކަންކޮޅުތަކަށް ބަލާއިރު އެ ގައުމުތަކުގެ މަގުތަކާއި ރެއިލްވޭތައް ބިނާކުރަމުންގެންދަނީ ޗައިނާއިންކަން އެއޮތީ ހާމައަށް ފެންނާށެވެ. ލެޓިން އެމެރިކާގެ ބަނދަރުތައް ހަދަމުންގެންދަނީ ޗައިނާއިންނެވެ. ތެދުތެދަށް ބުނާނަމަ އަހަރެމެން ބޭނުންކުރާ ޖަނގިޔާ އަކީވެސް ޗައިނާގެ އުފެއްދުމެކެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ބުނެފައިވަނީ 2024 ވަނައަހަރު އެމެރިކާގެ އިގްތިސާދުގެ ކުރިއެރުމަކީ ހަމައެކަނި %2.8 ކަމަށެވެ. އަދި ޗައިނާގެ އިގްތިސާދީ ކުރިއެރުން %5 ގައިކަމަށެވެ. ބްރިކްސްގެ މެމްބަރ އިންޑިއާގެ އިގްތިސާދީކުރިއެރުން %7 ގައި ކަމަށެވެ.
![]()
