އީރާނުގެ ގައުމީ ސެކިއުރިޓީގައި ހުރި މައްސަލަތަކަކީ އެމެރިކާއާއި އިސްރާއީލުން އީރާނާދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އެ ގައުމުތަކަށް ލިބޭ އެހީއަކަށް ވެދާނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. ޖަރމަންގެ ޕްރެސް އޭޖެންސީ ޑީ ޕީ އޭ އިން ބުނެފައިވާގޮތުގައި އައްބާސް އަރާގްޗީ ދެކިވަޑައިގަންނަވާގޮތުގައި އީރާން ސަރުކާރާއި މިލިޓްރީގެ މުހިންމު ބައެއް ބައްދަލު ކުރެއްވުންތައް ވަނީ އެމެރިކާއާއި އިސްރާއީލާއެކު ކޮންމެވެސް މާނައެއްގައި އެއްބަސްވުމަކަށް ނުވަތަ ކޮމްޕްރޮމައިސް އަކަށް ގޮސްފާކަމަށް ބެލެވެއެވެ. ކޮންޒަރވޭޓިވް އަދި ސަރުކާރުގެ ވިސްނުމަށް ތާއީދުކުރައްވާ މީޑިއާ އެކްޓިވިސްޓް ޖާވީދު މުޣާޔީއަށް އައްބާސް އަރާގްޗީ ދެއްވި ބަސްދީ ގަތުމުގެ ބައިތައް ވަނީ މިދިޔަ އާދީއްތަ ދުވަހު އީރާނުގެ މީޑިއާތަކުގައި ޝާއިއުކޮށްފައެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަހު، ފެބްރުއަރީ 28 ވަނަދުވަހު އެމަނިކުފާނު ކުރެއްވި ތަޖްރިބާ ބަޔާންކޮށްދެއްވި ބަސްދީގަތުން އެއްކޮށް މިހާތަނަށް ޝާއިއުކޮށްފައެއް ނުވެއެވެ.
އެމެރިކާއާއި އިސްރާއީލުން ހަމަލާދިންވަގުތު ސަރުކާރާއި މިލިޓްރީ އިސްވެރިން ގެންދެވީ ތަފާތު ތަންތަނުގައި އެކުއެކީގައި ބައްދަލުކުރައްވަމުންނެވެ. އެ ހަމަލާގައި ސުޕްރީމް ލީޑރާއި އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންވެސް ހިމެނޭގޮތުގައި ސަރުކާރާއި މިލިޓްރީގެ އިސް އެތައް ބޭފުޅުންވަނީ ޝަހީދުކޮށްލާފައެވެ. އެމެރިކާއާއިއެކު ކުރެވެމުންދާ މަޝްވަރާތަކުގެ މުހިންމު ބައިތައް ސުޕްރީމް ލީޑަރަށް ދެންނެވުމަށްޓަކައި އެމަނިކުފާނުގެ ޗީފް އޮފް ސްޓާފް އާއި އެދުވަހު ހެނދުނު ބައްދަލުކުރެއްވިކަމަށްވެސް އައްބާސް އަރާގްޗީ ވިދާޅުވިއެވެ. އަހަރެން ދެކޭގޮތުގައި މި ބައްދަލު ކުރެއްވުންތަކުގެ މައުލޫމާތު އެމެރިކާއާއި އިސްރާއީލަށް ވަނީލިބެމުން ގޮސްފައެވެ. އަހަރެން ގަބޫލުކުރާގޮތުގައި މިހާރުވެސް އަހަރެމެންގެ މައުލޫމާތު އެމެރިކާއާއި އިސްރާއީލަށް ފޯރުކޮށްދިނުމުގެ ނުރައްކާތެރި ޖާސޫސީ ހަރަކާތްތައް ދަނީ ހިނގަމުންނެވެ. އޭގެ ސަބަބުން އީރާނުގެ ހަރަކާތްތަކާއި ފައިސަލާކުރުންތަކުގެ އަސްލަށް ބަދަލު ގެނެވޭކަމަށް ގަބޫލުކުރެވެއެވެ.
އަލްޖަޒީރާގެ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު އީރާނުން އެމެރިކާއާއެކު ސުވިޒަރލޭންޑުގައި ވެވުނު އެއްބަސްވުމަށް އީރާނުގެ ދީނީ ވިސްނުމުގެ ސިޔާސީ ބޭފުޅުންގެ ނުރުހުން އަމާޒުވަމުން ދާންފެށުމާއެކު ގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް އެދިވަޑައިގެންފައިވާ ސުޕްރީމް ލީޑަރ މުޖުތަބާ ޚާމަނާއިގެ މެސެޖެއް އާންމު ވެއްޖެއެވެ. އެމަނިކުފާނުގެ މެސެޖްގައި އީރާނުގެ މުގައްދަސް އެއްބައިވަންތަކަން ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެ ވާޖިބެއް ކަމުގައި ހަނދާންކޮށްދެއްވައި ވަކިވަކިވެ ނުގަތުމަށްއެދި ބާރު އަޅުއްވާފައި ވެއެވެ.
އެމެރިކާއާއިއެކު 4 މަސްދުވަހުގެ މުއްދަތަށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި އެމަނިކުފާނު ދެކިވަޑައިގަންނވާގޮތް ތަފާތު ކަމުގައިވިޔަސް ހުއްދަ ދެއްވީ ގައުމާއި އަދި ސުޕްރީމް ނޭޝަނަލް ކައުންސިލްގެ ހައިސިއްޔަތުން ރައީސް މަސްއޫދު ޕެޒެޝްކިއާން މަސްއޫލިއްޔަތު އުފުއްލަވާނެކަމަށް ޔަގީންކަން ދެއްވުމުން ކަމުގައިވެސް އެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
ސުޕްރީމް ލީޑަރ މުޖުތަބާ ޚާމަނާއިގެ މެސެޖާގުޅިގެން ސަރުކާރާއި އަދި އެހެނިހެން ސިޔާސީ ބޭފުޅުންނާއެކު އެއްބައިވަންތަ މިލިޓްރީ އެއްގެ މައްޗަށް ބާރުއަޅަމުން ގެންދަވާކަމަށްވެސް އަލްޖަޒީރާގެ ޚަބަރުގައި ބުނެފައި ވެއެވެ. ސުޕްރީމް ލީޑަރ މުޖުތަބާ ޚާމަނާއިގެ މެސެޖްގައި ވިދާޅުވެފައިވާ އެއްބައިވަންތަކަން މިލިޓްރީން ކަށަވަރު ކުރާނެކަމަށް އީރާނުގެ ހަނގުރާމައާބެހޭ ޖޮއިންޓް ކޮމާންޑަރ އަލީ އަބްދު ﷲ ވަނީ ޔަގީންކަން ދެއްވާފައެވެ.
![]()
