އިންޑިޔާގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުން ގެންދިޔަ އެކްޓިވިސްޓް، ސޯނަމް ވަންގޗުކް އަށް ސިއްހީ މައްސަލަތައް ކުރިމަތިވާން ފެށުމުން އޭނާ އޮތް ތަނުން ނަގައިގެން ފުލުހުން ގަދަކަމުން ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އޭނާގެ ހަޅުތާލަށް ހޮނިހިރުދުވަހަށް 21 ދުވަސްވެފައިވާއިރު، އޭނާގެ ހަށިގަނޑުން މިހާތަނަށް 9 ކިލޯ ލުއިވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ހަޅުތާލު ފެށިއްސުރެ ލޮނުއަޅައިގެން ފެން ފިޔަވާ އެހެން އެއްވެސް އެއްޗެއް އޭނާ ބޭނުން ނުކުރާ ކަމަށް ވެއެވެ.
އުމުރުން 59 އަހަރުގެ އެކްޓިވިސްޓް ވަނގޗުކް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށާފައިވަނީ އިންޑިޔާގެ ތައުލީމީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ގޮވާލާ އެކަމަށް ސަރުކާރާ އާންމުންގެ ސަމާލުކަން ގެނަމަށެވެ. މިގޮތުން އޭނާ ގޮވާލާ މައިގަނޑު ކަންތަކުގެ ތެރޭގައި ދާދިފަހުން މުހިންމު ޓެސްޓް ޕޭޕަރެއް ލީކްވި މައްސަލައިގައި ޔޫނިއަން އެޑިޔުކޭޝަން މިނިސްޓަރ ދަރުމެންދުރަ ޕްރަދާން އިސްތިއުފާދެއްވުމާއި،ޕޭޕަރު ލީކްވި މައްސަލައިގައި ނަތީޖާ ކެންސަލް ކުރުމާއި ގުޅިގެން އަމިއްލަޔަށް މަރުވި ކުދިންގެ އާއިލާތަކަށް ފައިސާގެ އެހީވުމާއި، އެކަމުގައި ޒިންމާވާ ފަރާތްތައް ހޯދާ ”އެކައުންޓަބަލް“ ކުރުވުމާއި، ގައުމީ އިމްތިހާނުތަކުގައި ދެފުށް ފެންނަ، އިތުބާރުލިބޭނެ ގޮތަކަށް ކަންތައް ކުރުމަށް ގޮވާލާފައި ވެއެވެ. ލީކްވެފައިވަނީ ކުދިން ވަރަށް ބުރަކޮށް އެކަމަށް ތައްޔާރުވާ ޑޮކްޓަރުކަމުގެ ކޮލެޖްތަކަށް ވަނުމުގެ އިމްތިހާން ޕޭޕަރެވެ.
އެކްޓިވިސްޓް ވަނގޗުކް މިހާރުވަނީ ޑެލްހީގެ ސަފްދާޖުންގ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ކަމަށްވެއެވެ. ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން އައިސް ގަދަކަމުން އޭނާ ނަގައިގެން ގެންދިއުމަށްފަހު ވަންޗުކްގެ އަންހެނުން ވަނީ ސޯޝަލް މީޑިޔާގައި ޕޯސްޓެއް ކޮށްފައެވެ. މި ޕޯސްޓްގައި އޭނާވަނީ އޭނާގެ ފިރިމީހާއަށް އޭނާގެ ،އޭނާގެ އާއިލާގެ އަދި އޭނާގެ ޑޮކްޓަރުންގެ ހުއްދަނެތި އަގައިން ނުވަތަ ޑްރިޕެއްގެ ސިފައިގައިނަމަވެސް އެއްވެސް އެއްޗެއް ނުދިނުމަށް ގޮވާލާފައެވެ.
ވަނގްޗުކް އަކީ އިންޑިޔާގައި އަލަށް އުފެދި، ގިނަ ބައެއްގެ ސަޕޯޓް ލިބެމުން އަންނަ ކޮކްރޯޗް ޖަންތާ ޕާޓީގެ ސަޕޯޓަރެކެވެ.ވަންގްޗުކް ހޮސްޕިޓަލަށް ގެންދިއުމުން ސީޖޭޕީގެ ފައުންޑަރ އަބިޖީތް ދިޕްކޭ މިހާރުވަނީ ވަކިމުއްދަތެއްނެތް ގޮތަށް ބަންޑުހައިހޫނު ކަމުގެ ހަތާލެއްފަށާފައިކަމަށް ޚަބަރު ލިބެއެވެ. ވަންގޗުކް ގެން ދިއުމުން އެމީހުންގެ ހަރަކާތް ހުއްޓުވިދާނެ ކަމަށް ސަރުކާރުން ހީކުރުން އެއީ މޮޔަކަމެއްކަމަށް އަބިޖީތު ބުނެފައިވެއެވެ. އެޕާޓީ އާއި ޕާޓީގެ ސަޕޯޓަރުން ރާވާފައިވަނީ ހޯމަދުވަހު ރައްޔިތުންގެ މަޖިލީހަށް ހިނގާލުމެއް ބޭއްވުމަށެވެ. އަދި ބޮޑުވަޒީރު ނަރެންދުރަމޯދީ މަގާމުން އިސްތިއުފާދެއްވުމަށް އެޕާޓީން ދަނީ ގޮވާލަމުންނެވެ.
އަބިޖީތު ބުނެފައިވާ ގޮތުގައި ރާވާފައިވާގޮތަށް ހިންގާލުން ކުރިޔަށް ދާނެއެވެ.
ޑަކްޓަރުކަން ކިޔަވަން ބޭނުންވާ ކުދިން ހަދަން ޖެހޭ ފުރަތަމަ އިމްތިހާނު ކެންސަލް ކުރުމުން 15 ވަރަކަށް ކުދިން އަމިއްލަޔަށް މަރުވެފައިވާ ކަމަށް ވެއެވެ.
![]()
