އީރާނާ ދެކޮޅަށް އެމެރިކާއިންކުރާ ހަނގުރާމަ އެމެރިކާއަށް ގެއްލިއްޖެ

Loading

Facebook
Twitter
WhatsApp

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ އެމެރިކާގެ މަޝްހޫރު އެމް އެސް. ނަވް ނުވަތަ ކުރީގެ އެމް އެސް އެން ބީ ސީ މީޑިއާއިން މެދުއިރުމަތީގެ ހަނގުރާމައިގެ މިއަދުގެ ހާލަތު ބަޔާންކޮށްދީފައިވާ ރިޕޯރޓަކާއި ހަނގުރާމައިގެ ހާލަތު އަލްޖަޒީރާއިން ބަޔާންކޮށްފައިވާގޮތުގެ ޚުލާސާއެކެވެ.


ސުވިޒަރލޭންޑުގެ މެމޯރެންޑަމް އޮފް އަންޑަރސްޓޭންގއަށްފަހު އަނެއްކާވެސް އެމެރިކާއާއި އީރާނުން ހަމަލާތައް ބަދަލުކުރަމުން ގެންދަން ފަށައިފިއެވެ. މިފަހަރުގެ ހަމަލާތައް ކުރިއަށްވުރެން ނުރައްކާތެރިވެފައި ދެފަރާތަށްވެސް ލިބޭ ގެއްލުންތައް ގިނައެވެ.
މިފަހަރު އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާތައްދޭން ފެށުނު ސަބަބެއްކަމަށް ބުނެފައިވަނީ އީރާނުން އަނެއްކާވެސް ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް ބަންދުކޮށްލުމެވެ. އެމެރިކާއާއި އީރާނާ ދެމެދު ސުވިޒަރލޭންޑުގައި ވެވިފައިވާ އެއްބަސްވުމަށް ބަލާއިރު އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއްދީ އަދި އީރާނުގެ ތެޔޮ ދުނިޔޭގެ ބާޒާރަށް ވިއްކުމަށް އަޅާފައިވާ ހުރަސްތައްވެސް ނައްތާލުމުން ބައިނަލް އަގްވާމީ ދަތުރުތަކަށް ހޮރްމުޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް އެމެރިކާއިން ބޭނުންވާ މިންވަރު ރަނގަޅަށް އެނގި ހާމަވެގެން ދެއެވެ. ރައީސް ޓްރަމްޕް ބޭނުންފުޅުވަނީ ހޮރްމުޒް ކަނޑުއޮޅިއަކީ ހަނގުރާމަފެށުމުގެ ކުރިންވެސް ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާ ލެވިފައިއޮތް ގޮތަށް މިނިވަންކަމާއެކު ކޮންމެ އުޅަނދަކަށްވެސް ދަތުރުކުރެވޭނެ މަގު ހުޅުވިފައިއޮތުމެވެ. އެހެންނަމަވެސް އީރާނުން ބޭނުންވަނީ ހޮރްމުޒް ކަނޑުއޮޅިއަކީ އީރާނުގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ތަނަކަށްވެފައި އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ޚިދުމަތުގެ އަގެއް އަދާކުރުމެވެ.
ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގައި އެމެރިކާއިން ޔަގީންކަން ދީފައިވީ ނަމަވެސް އެ ކަނޑުއޮޅީގައި އީރާނުން އަޅާފައިވާ މައިންތަކާއި އަދި ޕަރޝިއަން ގަލްފް އޮތޯރިޓީގައި ރަޖިސްޓަރީ ކުރުމާއި ހަމައެކަނި އީރާނުން ކަނޑައަޅާ ޗެނަލް އަކުން ދަތުރުކުރަން އީރާނުން އަންގަމުންގެންދާތީ ހަނގުރާމައިގެ ކުރީގައި ދަތުރުކުރާ އުޅަނދުފަހަރުގެ ނިސްބަތުން މިހާރު ދަތުރުކުރަނީ މަދު އުޅަނދުތަކެކެވެ. އީރާނުން ކަނޑައަޅާފައިވާ ޗެނަލް ފިޔަވައި އޮމާނުގެ ކައިރިން ދަތުރުކުރާ ބައެއް އުޅަނދުފަހަރަށް އަމާޒުކޮށް އީރާނުން ގެންދަނީ ހަމަލާ ދެމުންނެވެ. މިހާރު ހިނގަމުންދާ ހަމަލާތަކަކީ މިކަމުގެ ސަބަބުން އުފެދުނު ދެބަސްވުންތަކުގެ ނަތީޖާއެވެ. ބަދަލު ކުރެވެމުންދާ ހަމަލާތައް އިތުރުވެ ނުވަތަ މަދުވުމުކީ ކޮންމެ ވަގުތެއްގައި ވެދާނެ ކަމެކެވެ. އެހެންނަމަވެސް ރައީސް ޓްރަމްޕް ގެންގުޅުއްވަނީ އެންމެ އެކަށީގެންވާ ސިޔާސަތުކަމަށް ނުބެލެވިދާނެއެވެ. ސުވިޒަރލޭންޑުގެ އެއްބަސްވުމުގެ މާއްދާތަކާއި ރައީސްޓްރަމްޕް ގެންގުޅުއްވާ ހުވަފެނީ ވިސްނުންފުޅުގެ ދޭތެރެ ދުރުކަމުން ކިތަންމެ ވަރަކަށް މި ހަނގުރާމަ ކާމިޔާބު ކުރައްވާނެކަމަށް ރައީސް ޓްރަމޕް ވިދާޅުވަމުން ގެންދެވިކަމުގައިވިޔަސް ސުލްހަވެރި ނިމުމެއް އުދަރެހުން ފެންނާކަށް ނެތެވެ.
އެމް.އެސް. ނަވް އިން ދެކޭގޮތުގައި ދެ ތިން ދުވަހުގެ ތެރޭގައި ކާމިޔާބު ކޮށްލާނެކަމަށް ވިދާޅުވެ ރައީސް ޓްރަމްޕް އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ އަމާޒަށް ވާސިލު ނުވެވި ނާކާމިޔާބު ވެއްޖެއެވެ. ރައީސް ޓްރަމްޕް އިއުލާންކުރެއްވީ ދެތިން ދުވަހުގެތެރޭގައި އީރާނުގެ ސަރުކާރު ބަދަލުކޮށްލައްވާނެކަމަށާއި އަދި އެއްވެސް ޝަރުތަކާނުލައި އީރާނުން އަމާންދޭން ޖެހޭނެކަމަށެވެ. މެދުއިރުމަތީގެ ސުޕަރޕަވަރ އިސްރާއީލާއި ގުޅިގެން ދުނިޔޭގެ ސުޕަރ ޕަވަރ އެމެރިކާއިން އީރާނާދެކޮޅަށް ކުރަންފެށި ހަނގުރާމައަށް ހަތަރުވަނަ މަސް ފެށިގެން ދިޔައިރުވެސް ރައީސް ޓްރަމްޕްގެ ކާމިޔާބީ ފެންނާކަށް ނެތެވެ. މެދުއިރުމަތީގައި ހުރި އެމެރިކާގެ ބިޔަ މިލިޓްރީބޭސްތައް މިހާރު ވަނީ އީރާނުގެ ހަމަލާތަކުގައި ހަނަފަސް ސަހަރާތަކަކަށް ވެފައެވެ. ހޮރްމުޒް ކަނޑުއޮޅި އޮންނަންޖެހޭނީ ހަނގުރާމައިގެ ކުރީ ހާލަތުގައި މިނިވަންކަމާއެކު ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާފައިކަމަށް ރައީސް ޓްރަމްޕް ކުރައްވާއަމުރުތަކުގެ އަގެއް ނެތެވެ. އެ ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރު ކުރެވޭނީ ހަމައެކަނި އީރާނުން ހުއްދަދިން އުޅަނދަކަށެވެ. ރައީސް އޮބާމާގެ ރިޔާސަތުގައި އީރާނާއެކު އެކުލަވާލެވުނު ނިއުކްލިއަރ އެއްބަސްވުމަކީ ދެކޮޅު ނުޖެހޭ އެއްޗެއްކަމަށްވިދާޅުވެ އެމެރިކާއިން އެކަހެރި ވުމަށްފަހު މާފުރިހަމަ އެއްބަސްވުމަކަށް އީރާނުން މަޖުބޫރު ކުރުވާނެކަމަށް ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވާއިރު އީރާނުން ބުނަމުން ގެންދަނީ މީގެކުރިން ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ދެކޮޅަށް ސުޕްރީމް ލީޑަރ ނެރުއްވާފައިވާ ދީނީ ފަތުވާ ބަދަލުކުރައްވައި ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަގު ތަނަވަސްވެފައިވާކަމަށެވެ.
ރައީސް ޓްރަމްޕްގެ އިތުރުފުޅު ހެއްދެވުމާއި ހިތްޕުޅަށް އަރާވަޑައިގަންނަވާ ކޮންމެ ކަމަކީ ހަގީގަތެއްކަމަށް ދެކިވަޑައިތުމުގެ ނަތީޖާއަކަށްވެގެން މިދަނީ ހަނގުރާމަ ނިމުމުގެ ނިޝާނެއްވެސް ނުފެނި ދުވަހެއް ދުވަހަކަށް ލިބެމުންދާ ގެއްލުންތައް ބޮޑުވެ ދެކޮޅުވެރިކަން އަތްނުފޯރާހިސާބަށް ދިއުމެވެ.
ސުވިޒަރލޭންޑްގެ އެއްބަސްވުމަށް ހަވާލީ އީރާނުން ނިއުކްލިއަރ މަޝްރޫއު ހުއްޓާލަން އެއްބަސްވެއްޖަކަމަށް ވިދާޅުވެ ރައީސް ޓްރަމްޕް ހައްދަވާފައިވަނީ އިތުރުފުޅެކެވެ. އެއްބަސްވުމުގައި ބުނެފައިވަނީ އީރާނުގެ ނިއުކްލިއަރ މަޝްރޫއުގެ ވާހަކަތައް ފަސްކުރެވިފައިވާ ކަމަށެވެ. ރައީސް އޮމާބާގެ ރިޔާސަތުގައި އީރާނާއެކު ހެއްދެވި ޖޭސީޕީއޯއޭގެ އެއްބަސްވުމަށް އީރާނަށް ދެއްވިފަދަ ފައިސާގެ އެހީއެއް ރައީސް ޓްރަމްޕް އީރާނާއެކު ހައްދަވާ އެއްބަސްވުމުގެ ދަށުން އީރާނަށް ނުދެއްވާނެކަމަށާއި ސޯޝަލް މީޑިއާގައި އެމެރިކާއިން އީރާނަށް ދޭނެކަމަށް ބުނެ ދައުރުވާ 300 ބިލިއަން ޑޮލަރުގެ ވާހަކައަކީ ފޭކް ޚަބަރެއްކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެއީ އަރަބި ގައުމުތަކުން އީރާން އަލުން އާބާދުކުރުމަށްދޭ އެހީއެއްގެ ވާހަކަމަށްވެސް ވިދާޅުވިއެވެ.
ދެންވެސް ރައީސްޓްރަމްޕް އަޑަށް ބާރު ލައްވާފައި އީރާނުގައި މިހާރު އެއާރފޯސް އެއް ނޭވީއެއް މިލިޓްރީ އެއާރކްރާފްޓެއް ރާޑަރެއްވެސް ނުހުންނާނެކަށް ވިދާޅުވަމުން ގެންދަވާއިރު ހީފުޅު ކުރައްވަމުން ގެންދަވަނީ ބައިނަލް އަގްވާމީ މީޑިއާތަކަކީ ލޯކަނު މަންމަން ވަސީލަތްތަކެއް ކަމަށެވެ. ރައީސް ޓްރަމްޕް ދައްކަވާ ވާހަކަފުޅުތަކަކީ އަމިއްލައަށް އުފައްދަވާ ޚިޔާލީ ފޮލާކަން މިހާރު ހުރިހާ މީޑިއާތަކަށްވެސް ރަނގަޅަށް އެނގެއެވެ.
މެދުއިރމަތީގެ ހާލަތު އެމެރިކާއަށް ވަރަށް ގޯސްކަމަށް އެއްބަސްވާންޖެހެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިފާއްޓާ ނުލެވޭނެކަމަށްވެސް ބުނެވިދާނެއެވެ. ރައީސް ޓްރަމްޕް އަށް މިހަނގުރާމަ ކާމިޔާބެއް ނުކުރެވުނެވެ. އަދި ނުވެސް ކުރެވޭނެއެވެ. އަދި މި ހަނގުރާމައިން ނިކުމެވިދާނެ މަގެއްވެސް އެމަނިކުފާނަކަށް ނެތެވެ. މިކަން އެންމެ ފުރަތަމަ އާންމުކުރިނޫހަކީވެސް އެމް. އެސް. ނަވް އެވެ.
އީރާނުގެ މިލިޓްރީގެ ވަރަތައް މިހާރު އޮންނާނީ ކޮށާލައި ބިންދާލާފައިކަމަށް ރައީސް ޓްރަމްޕް އިއުލާން ކުރައްވަމުން ގެންދަވާއިރު މިއަދުވެސް ގަލްފުގެ 5 ގައުމެއްގައި ހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް އީރާނުންވަނީ ބާރުގަދަ ހަމަލާތަކެއް ދީފައިކަމަށް އަލްޖަޒީރާއިން ޚަބަރު ދީފައިވެއެވެ.
އީރާނުގެ ދެކުނު ސަރަހައްދުގެ ބައެއް ޝަހަރުތަކަށް އެމެރިކާއިން ބޮން އެޅުމުގެ ސަބަބުން މިއަދު އީރާނުން ހަމަލާދީފައިވަނީ ކުވެއިތާއި ބަޙްރައިން އަދި ގަތަރާއި ޖޯރޑްން އަދި އޮމާނަށެވެ. އޮމާނަކީ އީރާނާ ގުޅުން މެދުމިނެއްގައި ގެންގުޅޭ ގައުމެއްނަމަވެސް މިއަދު އެ ގައުމަށް ކުއްލި ހަމަލާއެއް ދޭންޖެހުނީ އެގައުމުގެ ދުގުމް ބަނދަރުގައި އެމެރިކާގެ އެއާރކްރާފްޓް ކެރިއަރތަކަށް ތެލާއި ފެން އަދި ލޮޖިސްޓިކް ޚިދުމަތް ފޯރުކޮށްދެމުންގެންދާތީއެވެ. މިއަދުގެ ހަމަލާގައި އެ ޕްލެޓްފޯރމް ވާނީ އެއްކޮށް ހަލާކު ކޮށްލާފައިކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން މައުލޫމާތު ދީފައިވެއެވެ.
ގަތަރަށް ދިން ހަމަލާގައި އެ ގައުމުގެ އަލް އުދައިދު ގައި ހުންނަ އެމެރިކާގެ މިލިޓްރީ ވަސީލަތްތަކުގައި ގާއިމްކޮށްފައިހުރި ފައިޓަރ-ޖެޓް މަރާމާތުކޮށް ބަލަހައްޓާ ސެންޓަރަކާއި އަދި ކޮމާންޑް ސެންޓަރެއް ބިމާ ހަމަކޮށްލާފައިވާނެކަމަށް އީރާނުން ބުނެފައިވެއެވެ. އީރާނުގެ ހަމަލާތައް ޖައްވުތެރޭގައި ހަލާކުކޮށްލާފައިވާނެ ކަމަށާއި އެހެންނަމަވެސް ހަލާކުވެގެން ވެއްޓުނު ބައިތަކުން ޖެހިފައި ތިން މީހަކާއި އަދި ކުޑަކުއްޖަކު ޒަޚަމް ވެފައިވާކަމަށް ގަތަރުގެ ދިފާއިން ވުޒާރާއިން ބުނެފައި ވެއެވެ.
ކުވޭތުގައި ހުންނަ އެމެރިކާ މިލިޓްރީގެ ޕެޓްރިއަޓް އެއާރ ޑިފެންސް ސިސްޓަމްއާއި އެމިއުނިޝަން ޑިޕޯއާއި ރާޑަރ އަށް ދިން ހަމަލާގައި ގޮވާ އެއްޗެހިން ބަރުކޮށްފައިވާ 2 ޑްރޯން ބޭނުންކޮށްފައިވާނެކަމަށް އީރާނުން ބުނެފައިވެއެވެ.
ބަހްރައިނަށް އީރާނުން ދިން ހަމަލާ އަމާޒުކޮށްފައިވަނީ އެގައމުގައި ހުންން އެމެރިކާ މިލިޓްރީގެ މުވާސަލާތީ ނިޒާމަށާއި ރާޑަރ ތަކަށެވެ.
ޖޯރޑްންއަށް ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އީރާނުން ދިން ހަމަލާތައް އަމާޒުކޮށްފައިވާނީ އެގައުމުގައި އެމެރިކާއިން ގާއިމްކޮށްފައިހުންނަ ޕްރިންސް ހަސަން އެއާރބޭސްގެ ކޮމާންޑަރ ސެންޓަރަށާއި އެމް ކިޔޫ-9 މަރުކާގެ ޑްރޯންތައް ބަހައްޓާފައިހުންނަ ހޭންގަރަކަށެވެ.
އީރާނުގެ ހަމަލާތައް އަމާޒުކުރެވުނު ގައުމުތަކުން ގެންދަނީ އީރާނުންދިން ހަމަލާތަކަކީ އެ ގައުމުތަކުގެ އިސްތިގްލާލަށް އަރާގަތުންކަމަށްބުނެ އީރާނާ ދެކޮޅަށް ނުރުހުންފާޅުކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް